ENGLISH

06 މޭ 2026

Advertisement

ސޯސަންވިލާއަކީ ފުރިހަމަ ތަނަކަށް ހެދުމަށް ވަރަށް އިސްކަން ދީގެން މަސައްކަތް ކުރާނެ: ރައީސް

06 މޭ 2026

|

އަޙުމަދު ޙަމީދު

މިއަދު އޮތް ބައްދަލްވުން --

ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާއަކީ އެންމެ ފުރިހަމަ ތަނަކަށް ހެދުމަށް ވަރަށް އިސްކަން ދީގެން އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސޯސަންވިލާއަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ ޙާލަތު ވަރަށް ރަނގަޅަށް ބެއްލެވި ކަމަށެވެ. އެގޮތުން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭކަން ފާހަގަ ކުރެއްވި އެވެ.

ސޯސަންވިލާގެ އިމާރާތުގެ ހާލަތާއި އެތަނުގައި ދިވެހީންނަށް ބޭނުންވާ ފެސިލިޓީސްތައް ޤާއިމުކުރުމާއި މިހާރު ހިންގާ ކުލާސް ރޫމްތައް އަޕްގުރޭޑް ކުރުމުގެ ކިތަންމެ މަސައްކަތެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސޯސަންވިލާއަކީ އެންމެ ފުރިހަމަ ތަނަކަށް ހެދުމަށް ވަރަށް އިސްކަން ދީގެން އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ލަންކާ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން އެކަމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ވިދާޅުވި އެވެ.

"އިމާރާތުގެ ޙާލަތު ހުރީ ވަރަށް ދަށް ފެންވަރެއްގައި. އެއީ ހައިކޮމިޝަނުން ވެސް މަސައްކަތް ކުރަމުންދާ ކަމެއްކަން ވެސް އެނގޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތަނަށް ރަނގަޅު ޙައްލެއް ގެނައުމަށް ކުރަންޖެހޭ ކަންކަމާއި މިހާރު ކުޅިވަރު ކުޅުމަށް ހުންނަ ފެސިލިޓީސްތަކަށް ބެލިކަމުގައިވިޔަސް އެކަމަށްވެސް ރަނގަޅު ޙައްލެއް ގެނެސް ދިނުމަށް މަސައްކަތް ކުރާނެ،"

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފެށިފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދިވެހީންގެ ވަރަށް ބޮޑު އާބާދީއެއް ލަންކާގައި އޮތްއިރު ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އެ ޤައުމުގެ ސަރުކާރާއި ގުޅިގެން އަދި އަމިއްލަ ގޮތުން ސަރުކާރަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށް ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު