ENGLISH

05 ޖުލައި 2025

Advertisement

މިނިވަން އަދި ތަހުޒީބު ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މުހިންމު ކަމަކީ ގައުމިއްޔަތު ނެގެހެއްޓުން: ނައިބު ރައީސް

30 ނޮވެމްބަރު 2024

|

ޢަލީ ޝާހީން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެން މުޙައްމަދު ލަތީފް. ފޮޓޯ: ރައީސް އޮފީސް

މިނިވަން އަދި ތަހުޒީބު ގައުމެއްގެ ގޮތުގައި އެތަށް ހާސް އަހަރަކު ދެމިއޮތުމަށްޓަކައި އެންމެ މުހިންމު ކަމަކީ ދިވެހި ގައުމިއްޔަތު ނެގެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ އިސްވާރުންގެ ފުރަތަމަ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދިނުމަށް ހާއްސަ ކޮށްގެން، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އުފެއްދި ފުރަތަމަ ވުޒާރާއިން އިންތިޒާމުކޮށް އެފަދަ ދަރުބާރެއް އިފްތިތާހު ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދިވެހި ގައުމިއްޔަތާމެދު މަޝްވަރާކޮށް، މައުލޫމާތު ބަދަލު ކުރުމަށް އެފަދަ މަހާސިންތާއެއް ފަހުގެ ތާރީހުގައި ބޭއްވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އިސްވާރުންގެ މަހާސިންތާ އަކީ ގައުމިއްޔަތާއި އަމިއްލަވަންތަކަން ރައްކާތެރި ކުރުމަށާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް އެޅޭ ވަރަށް ހަރުދަނާ އަދި އީޖާބީ ކަމަށް ވިދާޅުވި އެވެ.

މިނިވަންކަމާއި ތަހުޒީބު ގައުމެއްގެ ގޮތުގައި އެތައް ހާސް އަހަރަކަށް ރާއްޖެ ދެމިއޮތުމަށްޓަކައި އެންމެ މުހިއްމުކަމަކީ ގައުމިއްޔަތު ނެގެހެއްޓުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ގައުމިއްޔަތާމެދު ފަހުރުވެރިވާ ބަޔަކަށް އެންމެންވެސް ވާންޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ އެ މަހާސިންތާއިން ގައުމިއްޔަތާ ގުޅުން ހުރި އަދި ދިވެހިންގެ އަމިއްލަވަންތަކަމާ ގުޅުން ހުރި ވަރަށް މުހިއްމު ދާއިރާތަކުން އީޖާދީ ވިސްނުންތަކެއް ލިބިގެންދާނެކަން ޔަގީންކުރައްވާ ކަމަށެވެ.

ދިވެހިންނަކީ އަމިއްލަ ބަހަކާއި އަމިއްލަ ސަގާފަތަކާއި އަމިއްލަ އާދަކާދަތަކެއް އަދި އަމިއްލަ ފަންނުވެރިކަމެއް އޮތް ބައެއްކަަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ އެއީ ރާއްޖެއަށް ވުރެ ބޮޑެތި އަދި މުއްސަނދި ބައެއް ގައުމުތަކަށްވެސް ލިބިފައި ނުވާ ފަދަ ނަސީބެއް ކަމަށެވެ.

ދިވެހިންނަކީ ވަރަށް ނަސީބު ގަދަ ބައެއް ކަމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ޗާލު ތުނޑިތަކާއި ހިތްގައިމު ފިނޮޅުތަކައި ސާފު މޫދާއި ކުލަ ރީތި އުދަރެސް މުޅި ދުނިޔޭގައިވެސް ސިފަ ކުރަނީ އެފަދަ ދެވަނައެއް ނެތް ފުރިހަމަ ކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"ދިވެހިންނަކީ ފަހުރުވެރި ތާރީހީ، ޒަމާންވީ އާދަކާދަތަކާއި ކާބާފައިންގެ ހީވާގި ދިރިއުޅުމާއި ދިވެހި ބަހުގެ ޗާލުކަން ފަދަ އަޅުގަނޑުމެންގެ ގައުމިއްޔަތުގެ ބަހާތަކަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ލިބިފައިވާ އިތުރު ޒީނަތްތެރިކަމެއް ގޮތުގައި ދުނިޔެއަށް ހާމަކޮށްދޭން އެބަ ޖެހޭ. ރާއްޖޭގެ އަމާންކަން، ދިވެހިންގެ އެކުވެރިކަން, ހުލްގް ހެޔޮކަން، މި ގައުމަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް އަމަލީ ގޮތުން އަޅުގަނޑުމެން ދައްކަން އެބަ ޖެހޭ،"

ތައުލީމީ މަންހަޖުގައި ހިމަނާފައިވާ ގައުމިއްޔަތުގެ މާއްދާއަށް އިޝާރާތް ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ސަމާލުކަން ދެއްވާ އެއްކަމަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ގައުމިއްޔަތު ހިމާޔަތްކުރުން ކަމަށާއި އެ މާއްދާ އެގޮތަށް ހިމެނުމުގެ ސަބަބަކީވެސް އެއީ ކަމަށެވެ.

މި މަހާސިންތާއަކީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ނުވަތަ ޤައުމީއްޔަތު ކޮލެޖުގެ ފަރާތުން ކޮންމެ އަހަރަކު ދެ ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާއެވެ. މިއީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ދިވެހި ޤައުމިއްޔަތުގެ ޢިލްމު ފެތުރުމުގެ ޒިންމާގެ ދަށުން ބާއްވާ ޢިލްމީ މަހާސިންތާއެކެވެ.

މީގެ އިތުރުން، މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ، މި ފެށޭ ޤައުމިއްޔަތުގެ ދަރުބާރަކީ، ދިވެހިންގެ އަމިއްލަވަންތަކަމާއި ދިވެހިންގެ ތާރީހާއި، ދިވެހިންގެ ތަރިކައާއި އަދި ދިވެހިންގެ އަސްލުތަކުގެ މައްޗަށް ޢިލްމީ ނަޒަރަކުން ވިސްނާ ފިކުރު ހިންގުމުގެ ފެށުންކަމަށެވެ. އަދި އެކަން ދާއިމީ ގޮތެއްގައި ދެމެހެއްޓުމުގެ ފެށުމެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފަށް ދިވެހި ޤައުމިޔަތުގެ ދަރުބާރުގެ ރަމްޒު ވަނީ އަރުވާފައެވެ. 

މި ދަރުބާރު ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. އަދި މި ދަރުބާރުގައި ޢިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނަވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު