ENGLISH
05 ސެޕްޓެމްބަރު 2025
ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
03 ސެޕްޓެމްބަރު 2025
|
ތުޅާދޫއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތި. ފޮޓޯ: ފުލުހުން
ބ. ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަސްތުވާތަކެތި އަތުލައިގަތީ ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނީ ތުޅާދޫ ބަނދަރުގައި އޮތް ފެރީ ލޯންޗަކަށް އަރައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅު ތަކެއް ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 6.73 ގުރާމެވެ. މި ތަކެތި ފެނިފައިވަނީ ފެރީގައި އޮތް ކޮތަޅެއްގެ ތެރެއިންކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މަސްތުވާތަކެއްޗާއި ޖިނާއީ އެހެނިހެން ބޮޑެތި ކުށްތަކާއި ގުޅޭ ބޮޑެތި އޮޕަރޭޝަންތައް ފުލުހުން ދަނީ ހިންގަމުންނެވެ.
ފުލުހުންގެ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ އިތުރުން ބަނގުރަލުގެ މައްސަލަތަކުގައި ވެސް މީހުން ހައްޔަރުކުރެއެވެ. މިގޮތުން މި ހަފްތާ ފުލުހުން އާއްމުކޮށްފައިވާ މައުލުމާތަށް ބަލާއިރު ބަނގުރަލުގެ ދެ މައްސަލައެއްގައި ހަތަރު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.
ދެ މައްސަލައިގެ ތެރެއިން ފުރަތަމަ މައްސަލައިގައި ހުޅުމާލޭން ހައްޔަރުކުރީ ސްރީ ލަންކާއަށް ނިސްބަތްވާ ތިން މީހުންނެވެ. މާލޭން ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ.