ENGLISH

19 ޖޫން 2026

Advertisement

15،601 ވޭޕް ކާޓްރިޖް އަތުލައިގެންފި، މިހާތަނަށް އަތުލައިގެން އެންމެ ބޮޑު ޝިޕްމަންޓް

19 ޖޫން 2026

|

އަޙުމަދު ޙަމީދު

ކަސްޓަމްސްއިން ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ ވޭޕާއި ވޭޕްކުރާ ސާމާނު

ރާއްޖެ އެތެރެކުރަން އުޅެނިކޮށް 15،601 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ ކަސްޓަމްސް އިން ހިންގި އޮޕްރޭޝަނެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 15،601 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށެވެ. ‏މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީޚް ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓް ކަމަށް ވެސް ބުންޏެވެ.

ކަސްޓަމްސް އިން ބުނީ ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22،309 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށެވެ.

މިދިޔަ ދުވަސްތަކުގައި ހިންގި އެއް އޮޕަރޭޝަނެއްގައި 5،600 ވޭޕް ކާޓްރިޖް އަތުލައިގަތެވެ. ރާއްޖެއަށް މި ތަކެތި އެތެރެކުރަން އުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހިއްސާވާ އޭނާގެ އާއިލާ ކުންފުންޏަކުންކަން ވަނީ ހާމަވެފަ އެވެ.

މި ތަކެތި އެތެރެކުރަން އުޅުނީ ޕޭން އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ނަމުގަ އެވެ. މި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ފަޒްނާ އަހްމަދާއި އޭނާގެ އާއިލާގެ އިތުރު ބަޔަކު ހިމެނެ އެވެ. 

ވޭޕް އެތެރެކުރަން އުޅުނީ އެ ކުންފުނީގެ ނަމުގައިކަން ކަސްޓަމްސްގެ އޮފިޝަލުން ބައެއް މީޑިއާތަކަށް ވަނީ ޔަޤީންކޮށްދީފަ އެެވެ.

މި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ފަޒްނާގެ ބައްޕަ، އަހްމަދު އިސްމާއީލް މަނިކު (ބޮޑު ސިއްކަ) ވެސް ހިމެނެ އެވެ.

ކަސްޓަމްސް އިން ބުނީ މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އޭގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.

އެގޮތުން، ޖުމްލް 5،600 ވޭޕް ކާޓްރިޖު ހޯދައި މިހާރު އެތަކެތި ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު