ENGLISH
19 ޖޫން 2026
މަސްމާރުކޭޓުގެ މަސައްކަތަށް ސިޓީ ކައުންސިލުން ހުރަސްއަޅާ، ހައްލު ހޯދާނަން: ރައީސް
19 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަޙައްމަދު މުއިއްޒު
އެންމެ މަޤްބޫލު
މާލޭ ސިޓީގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މާލޭ ސިޓީ ކައުންސިލުން ހުރަސް އަޅަމުން ގެންދާކަމަށާއި ނަމަވެސް އެކަމަށް ހައްލެއް ހޯއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ޝާއިއުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ ދެ ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ މެދުވެރިކޮށް އެ އިމާރާތް އަޅާނެ ބަޔަކު ހޯދިތާ ހަތަރު މަސްދުވަސް ވެފައިވާކަމަށާއި މި މަސައްކަތް ފެށުމަށް ސަރުކާރުން ކުރަންޖެހޭ ހުރިހާކަމެެއް މިހާރު ކޮށް ނިމިފައިވާކަމަށެވެ.
ނަމަވެސް މަސައްކަތް ނުފެށި ލަސްވަނީ ސިޓީ ކައުންސިލުން ސަރުކާރާ ބިން ހަވާލުނުކޮށްގެންކަމަށް ވިދާޅުވިއެވެ.
"ތައްޔާރުވެގެން ތިބޭތާ ހަތަރުވަރަކަށް މަސް، ހަމަ ކައުންސިލުން އެތަން ހަވާލު ނުކޮށްގެން. ދެން މިހެންވީމާ ވަރަށް ދެރަ. އެކި ކަހަލަ އުޒުރު ދައްކަމުން އެކި ކަހަލަ ބަހަނާ ދައްކަމުން، ހަަމަ އެއްގޮތަކަށް ވެސް އެކަން ވާނެ ގޮތެއް ސިޓީ ކައުންސިލުން ނުދެއްކި، އެކަމަކު އަޅުގަނޑުމެން ހައްލު ގެންނާނަން، އެކަން ކުރިއަށް ގެންދާނަން،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ވާނެ ފައިދާއެއް ނޯންނާނެކަމުގައެެވެ.
އަދިވެސް ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް މަސްމާރުކޭޓުގެ މަސައްކަތް ނިންމުންކަމަށް ރައީސް ވިދާޅުވިއެވެ.
ޒަމާނީ ވަސީލަތްތަކާ އެކު މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީ ކުރުމުގެ މަޝްރޫއު ޓްރަސްޓެންގް މޯލްޑިވްސްއާ ހަވާލުކުރީ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ މަޝްރޫއު ފެށުމަށް ބިން ހަވާލުކޮށްދިނުމަށް އެދި ހަތަރު ފަހަރެއްގެ މަތިން ސިޓީ ކައުންސިލަށް ސިޓީ ފޮނުވިނަމަވެސް އަދިވެސް ބިން ހަވާލުކޮށްފައި ނުވާކަމަށެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއުގެ އަގަކީ 117 މިލިއަން ރުފިޔާ އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭއިރު ހަ ބުރިއަށް އިމާރާތްކޮށް އެ ތަނުގައި 85،000 އަކަފޫޓުގެ ޖާގަ ލިބޭނެ އެވެ.