ENGLISH
19 ޖޫން 2026
މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ސްކޭމްގެ މައްސަލަތަކުގައި 33 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެ
19 ޖޫން 2026
|
ފަހަކަށް އައިސް ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ހުށަހެޅޭ މިންވަރު އަންނަނީ އިތުރުވަމުން.
އެންމެ މަޤްބޫލު
މިދިޔަ އަހަރުން ފެށިގެން މިހާތަނަށް މަކާރާއި ހީލަތުގެ 2،700 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށާއި އެ މައްސަލަތަކުގައި ޖުމްލަ 33 މިލިއަން ރުފިޔާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވަނީ މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރާއްޖޭގައި ޓެކުމާއި ސައިބާ ކްރައިމްގެ މައްސަލަތަކުގެ ބާވަތްތައް އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ.
"ސްކޭމްގެ މައްސަލަތަކުގެ ހާލަތައްބަލާއިރު ރާއްޖޭގަ ކަންބޮޑުވާ މިންވަރަކަށް ސްކޭމްގެ މައްސަލަތައް އިތުރުވެގެން ގޮއްސި، އަޅުގަނޑުމެން 2025 އިން 2026 އާއި ހަމަޔަށް ބަލާއިރު 2،700 މައްސަލައެއް ރިޕޯޓްކޮށްފައެބަވޭ. މިދަންނަވާ މައްސަލަތަކުން ގެއްލުންވި ޖުމްލަ އަދަދު 33 މިލިޔަނަށް އަރާ،". ނަވީދު ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ އަމަލުތަކެއްކަމަށް ނަވީދު ވިދާޅުވިއެވެ. މިފަދަ މައްސަލަތަކުގެ 99 އިންސައްތަ ހިންގަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މީގެ ތެރެއިން 95 އިންސައްތަ ސްކޭމް ހިންގަނީ ސީދާ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެ އެވެ.