ENGLISH

19 ޖޫން 2026

Advertisement

ފިންޓެކް ކުންފުނިތަކަށް ބޭނުންވާ ސައިބާ ސެކިއުރިޓީ ދިނުމަށް ތައްޔާރު: ވަޒީރު އިހުސާން

19 ޖޫން 2026

|

އައިމިނަތު ޝަފާ

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް

ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ ފިންޓެކް ޕްލެޓްފޯމްތަކަށް ބޭނުންވާ ފުރިހަމަ ސައިބާ ސެކިއުރިޓީގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިވެހިރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

"ޓްރޭޑް ޑެސްކް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތު ތަންފީޒުކުރުމުގެ އެންމެ މުހިންމު އެއް ތަނބަކީ ރާއްޖޭގައި ސައިބާ ސެކިއުރިޓީގެ ހާލަތު މިހާރު އޮތް މިންވަރު މަތިކުރުންކަމަށެވެ. 

ޕޭޕަލްފަދަ ފިންޓެކް ހިދުމަތްތައް ރާއްޖެއަށް ތައާރަފުވަމުން އަންނައިރު ރާއްޖޭގެ ސައިބާ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ "މޯލްޑިވްސް 2.0" ގެ މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ވުޖޫދުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މި ގާނޫނު ތަންފީޒުކުރަންފެށުމުގެ ކުރިން، ސަރުކާރުން ވަނީ ސައިބާ ސެކިއުރިޓީ އެޖެންސީއަކާއި، ސައިބާ އޮޕަރޭޝަން ސެންޓަރެއްގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ތެރޭގައި ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމުކޮށްފައިކަމަށް ވިދާޅުވިއެވެ. މި އިދާރާތަކަކީ މިހާރުވެސް ފުރިހަމައަށް ހިނގަމުންދާ، އަދި ބޭރުގެ ފިންޓެކް ހިދުމަތްތަކަށް ބޭނުންވާ ސައިބާ ރައްކާތެރިކަން ގައުމީ ފެންވަރުގައި ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ތަންތަން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ނެޓްވޯކް ހިދުމަތްދޭ ފަރާތްތަކާއި، ޓެލެކޮމް އޮޕަރޭޓަރުން އަދި ފިންޓެކް ކުންފުނިތަކަށް ވުޒާރާއިން ވަނީ ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅާފައި، ގައުމީ ސަލާމަތީ އުސޫލުތަކަށް އެ ފަރާތްތަކުން އަމަލުކުރޭތޯ ބެލުމަށްޓަކައި ގަވާއިދުން އޮޑިޓް ކުރަމުންދާނެ، އަދި އެ ފަރާތްތަކަށް އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި ސައިބާ ސައިޑުން ދޭންޖެހޭ އެހީތެރިކަން ދޭން މިހާރު ވުޒާރާއާ ގުޅިފައިވާ އިދާރާތަކުން ވަނީ ތައްޔާރުވެފައި،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ރައްކާތެރި ޑިޖިޓަލް މާހައުލެއްގެ ބޭނުން ހިފައި، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ. 

ޕޭޕަލްގެ ހިދުމަތް ރާއްޖެ އަށް ތައާރަފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުފުޅެވެ.

މި ހިދުމަތް ތައާރަފުވުމާ އެކު، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުގައުމުތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގު ތަނަވަސްވާނެ އެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދާއި ކްރިއޭޓިވް އިގްތިސާދު ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފާލަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. 

ކިޔުންތެރިންގެ ހިޔާލު