ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

03 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ފުވައްމުލަކު ސިޓީގެ އެއާޕޯޓަށް ދިމާވި މައްސަލަ ހައްލުކޮށް ދަތުރުތައް މިއަދު އަލުން ފަށައިފިއެވެ. 

ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވެ، އެ އާޕޯޓަށް ދަތުރުތައް ހުއްޓުނީ ހޯމަ ދުވަހެވެ. މައްސަލަ ހައްލުކުރީ އައްޑޫއިން ފަޔާ ލޮރީއެއް ފުވައްމުލަކަށް ގެންގޮސްގެންނެވެ. 

ދަތުރުތައް އަލުން ފަށައި މޯލްޑިވިއަންގެ ފްލައިޓް މިއަދު ހަވީރު އެ ސިޓީން ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަނަކީ އެ އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިނެވެ. 

ފުވައްމުލަކު އެއާޕޯޓުގެ ދަތުރުތައް ހުއްޓި ވަގުތީގޮތުން އެއާޕޯޓް ބަންދުކުރި ނަމަވެސް، އާރުޓީއެލް ފެރީގައި އައްޑޫއަށް ގޮސް، އައްޑޫ އެއާޕޯޓުން ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސިއެވެ. އެހެންނަމަވެސް، ފުވައްމުލަކު އެއާޕޯޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމާއެކު، މާލެއާ ދުރުގައި އޮންނަ އެރަށުގެ އާއްމުންނަށް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. 

އަތޮޅުތަކުގައި ހުރި އެއާޕޯޓުތަކުގެ ރަނގަޅަށް މޮނިޓަރ ނުކުރެވޭތީ އެއާޕޯޓުތަކުގެ ހާލަތު ވަނީ ދަށްވެފައެވެ. އެ އެއާޕޯޓުތައް މީގެކުރިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ދަށުން ހިންގަމުން އައިނަމަވެސް މިހާރު ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްފައެވެ. 

އަތޮޅުތެރޭގެ ނުވަ އެއާޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފައިވާއިރު، ބައެއް އެއާޕޯޓުތަކުގެ ހާލަތު ހުރީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ބައެއް އެއާޕޯޓުތަކުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ މައްސަލަ ބޮޑެވެ. އެ މައްސަލަ ހައްލުކުރުމަށް އެ އެއާޕޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އެމްއޭސީއެލްއިން މިހާރު އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު