ENGLISH
05 ސެޕްޓެމްބަރު 2025
ތިންހާސް މީހުންގެ ޖާގައިގެ ދެ މިސްކިތް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަނީ
03 ސެޕްޓެމްބަރު 2025
|
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ މިސްކިތް އެޅުމަށް ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ
ތިންހާސް މީހުންގެ ޖާގައިގެ ދެ މިސްކިތް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަން ނިންމައި، މިސްކިތް އެޅުމަށް ބޭނުންވާ ބިން ހަވާލުކޮށްފިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިއްޔެ ބިން ހަވާލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރުއެވެ. އަދި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ފުރަތަމަ މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ލޮޓް ނަންބަރު 22221 ގައެވެ. އެ މިސްކިތުގެ ބިމުގެ ސައިޒަކީ 27920 އަކަފޫޓެވެ. ދެވަނަ މިސްކިތް އަޅާނީ ހުޅުމާލެ ލޮޓް ނަންބަރު 22242 ގަ އެވެ. އެ މިސްކިތުގެ ބިމުގެ ސައިޒަކީ 20720 އަކަފޫޓެވެ. ދެ މިސްކިތަކީ ވެސް 2000-3000 މީހުންގެ ޖާގައިގެ މިސްކިތްތަކެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ މުޅި ރާއްޖޭގައި މިސްކިތްތައް އެޅުމުގެ މަޝްރޫޢުތައް ހިންގަމުންނެވެ. އޭގެތެރޭގައި މިދިޔަ އަހަރުތަކުގައި ހުއްޓިފައި ހުރި ބައެއް މިސްކިތްތަކުގެ މަސައްކަތް ވެސް ހިމެނެއެވެ.
ސަރުކާރުން އަލަށް ތަރައްޤީކުރާ މިސްކިތްތައް ބިނާކުރަނީ ނަމާދުކުރުމާއެކު، މުހިއްމު އެހެނިހެން ބޭނުންތައް ވެސް ހިފޭ ގޮތަށެވެ. އޭގެތެރޭގައި ލައިބްރަރީ އާއި ގުރުއާން ކިޔަވައިދެވޭނެ ޖާގަތައް ވެސް މިސްކިތްތަކުގައި އަންނަނީ ޤާއިމުކުރަމުންނެވެ.