ENGLISH
05 ސެޕްޓެމްބަރު 2025
ހިޔާގެ 16 ޓަވަރުގައި ލިފްޓް ހަރުކުރުމުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ
03 ސެޕްޓެމްބަރު 2025
|
ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އެޗްޑީސީ
ހިޔާ ފްލެޓްތައް ހިމެނޭ 16 ޓަވަރުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް ފަށާފައިވާ މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު މަދުވެ، މުހިއްމު ބޭނުންތަކަށް ކުރަންޖެހޭ ހާލަތުގައި ލިފްޓު ނެތުމާއެކު، ކޮންމެ ޓަވަރެއްގައި ފެންވަރު ރަނގަޅު އަދި ޖާގަ ތަނަވަސް ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.
އެ މަސައްކަތުގެ ދަށުން 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އާ ލިފްޓުތައް ހަރުކުރުމުގެ މަސައްކަތްކުރަނީ ޗައިނާގެ ޝެންޔަން ޔުއާން އިންޓެލެކްޗުއަލް ގްރޫޕުގެ ފަރާތުންނެވެ. އެ ލިފްޓުތަކަކީ ބަލި މީހުން އުފުލޭގޮތަށް ސްޓްރެޗަރ ވެސް އެރުވޭ ލިފްޓުތަކެކެވެ. އަދި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފްލޯ ނަންބަރު އެނގޭނެގޮތް ވެސް ލިފްޓުތަކުގައި ވަނީ ޤާއިމުކޮށްފައެވެ.
އެޗްޑީސީން އެމަސައްކަތް ފަށައި މިހާރު ޓަވަރު އެކަކާއި ދޭއްގައި ހަރުކުރި ލިފްޓުތައް ވަނީ ބޭނުންކުރަން ފަށައިފައެވެ. ބާކީ ޓަވަރުތަކުގައި އެކި މަރުޙަލާތަކަށް ބަހާލައިގެން މަސައްކަތް ފަށާފައިވާއިރު، ހުރިހާ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްފަހަރާ ދަނީ ކުރިއަށްގެންދަމުންނެވެ.
ޓަވަރު އެކަކާއި ދޭއްގެ އިތުރުން، ޓަވަރު ތިނެއް އަދި ހަތަރެއްގައި ވަނީ ލިފްޓް ހަރުކޮށްފައެވެ. އެ ލިފްޓުތަކުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގް މަސައްކަތްތަކެވެ. ވަރަށް އަވަހަށް އެ ދެ ޓަވަރުގެ ލިފްޓުތައް ބޭނުންކުރަން ފަށާއިރު، ޓަވަރު ފަހަކާއި ޓަވަރު ހައެއްގައި ލިފްޓު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ބާކީ 10 ޓަވަރުގެ ތެރެއިން ޓަވަރު ހަތަކުން 12 އާ ހަމައަށް ލިފްޓު ބެހެއްޓުމުގެ ސްޓްރަކްޗަރ މަސައްކަތް ވަނީ ފަށައިފައެވެ. ޓަވަރު 13 އިން 16 އާ ހަމައަށް، ލިފްޓް ބެހެއްޓުމުގެ ފައުންޑޭޝަން މަސައްކަތް ފަށާފައިވާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ހިޔާ ފްލެޓްތަކުގައި ލިފްޓުތައް ހަރުކޮށް އަވަހަށް ނިންމާލުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހުރިހާ ޓަވަރެއްގައި ލިފްޓުތައް ހަރުކުރުމުން މިހާރު ކުރިމަތިވާ ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
ހިޔާ 16 ޓަވަރުގައި 6720 ހައުސިން ޔުނިޓް ހިމެނެއެވެ.