ENGLISH
05 ސެޕްޓެމްބަރު 2025
މޯލްޑިވިއަނުން ކަމަދޫއަށް ސީޕްލޭން ދަތުރުތައް މި މަހު ފަށަނީ
03 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ އޮގަސްޓް 11 ވަނަ ދުވަހު ކަމަދޫއަށް ވަޑައިގަތުން. އެރަށަށް ސެޕްޓެމްބަރު މަހު ސީޕްލޭން ދަތުރުތައް ފަށާނެ. ފޮޓޯ: ރައީސް އޮފީސް
ޤައުމީ އެއާލައިން މޯލްޑިވިއަނުން ބ. ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.
ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެމަނިކުފާނު ކަމަދޫއަށް ވަޑައިގެން އެކަން އިއުލާނުކުރެއްވީ 2025 އޮގަސްޓް 11 ވަނަ ދުވަހެވެ.
ކަމަދޫއަށް ސީޕްލޭން ދަތުރުތައް ކުރުމަށް މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސް ސޮއިކުރީ އޮގަސްޓް 11 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައެވެ.
މޯލްޑިިވިއަނުން މިއަދު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށާނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެ ދަތުރުތައް ކުރާނީ ކޮންމެ ހޮނިހިރު އަދި ބުރާސްފަތި ދުވަހަކުއެވެ.
ދިވެހީންނަށް އެއްކޮޅު ހާއްސަ އަގެއްގެ ގޮތުގައި 1199 ރުފިޔާ ކަނޑައަޅާފައިވާކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
ކަމަދޫއަކީ ބ. އަތޮޅުގައި އެންމެ ފުޅާކޮށް ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ އެއް ރަށެވެ. އެރަށުގައި މިހާރުވެސް 13 ގެސްޓްހައުސް އޮޕަރޭޓްކުރެއެވެ. އަދި، އިތުރު ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގުދުރަތީ ހިތްގައިމުކަން ލިބިފައިވާ ކަމަދޫއަކީ ގިނަ ދިވެހިންވެސް ޗުއްޓީތަކުގައި ޒިޔާރަތްކުރާ ރަށެކެވެ. ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ އެރަށަށް ސީޕްލޭން ދަތުރުތައް ފެށުމާއެކު، އެ ވިޔަފާރިއަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ.