ENGLISH
19 ޖޫން 2025
ސޯޝަލް ހައުސިންގ ކުއްޔަށް ދިނުން މަނާކުރާ ގޮތަށް ގާނޫނެއް
23 އޭޕްރީލު 2025
|
ހުޅުމާލޭގެ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދު: ފޮޓޯ/ އެމްއެމްޓީވީ
ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގ ސްކީމްތަކުގެ ދަށުން ލިބޭ ތަންތަން ކުއްޔަށް ދިނުން ޤާނޫނީ ގޮތުން މަނާކުރުމަށް ސަރުކާރުން ހުށަހަޅައިފި އެވެ.
މިކަން ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހުށަހެޅުއްވި މި ބިލަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ވަނީ ބަހުސްކުރައްވާފަ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެމުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ޖަވާބުދާރީކުރުވަނިވި ބޯހިޔާވަހިކަމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި ދިރިއުޅޭނެ ތަންތަން ހޯދޭނެ މަގުފަހިކޮށްދީ، ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުމެވެ.
މި ބިލުގައިވާގޮތުން:
ބޯހިޔާވަހިކަމަކީ އަސާސީ ޙައްޤެއް ނަމަވެސް، އެކަންކަން ކުރިން ރެގިއުލޭޓްކުރަމުންދިޔައީ ކަމާ ގުޅޭ އިދާރާތަކުން އެކުލަވާލާ ޤަވާއިދުތަކުގެ ދަށުން ނެވެ. ބޯހިޔާވަހިކަމުގެ މިންގަނޑުތައް ކަނޑައަޅައި، ކުއްޔަށް ދޭ ފަރާތްތަކާއި މަޝްރޫއުތައް ހިންގާ ފަރާތްތައް ޖަވާބުދާރީކުރުވޭނެ ޤާނޫނީ އޮނިގަނޑެއް ނޯވެ އެވެ. ޚާއްސަކޮށް، ސޯޝަލް ހައުސިން ލިބޭ ފަރާތްތަކުން އެތަންތަން ފަހުން ސަބް ލީސް، ނުވަތަ އެހެން ފަރާތްތަކަށް ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
ބޯހިޔާވަހިކަމާއި ގުޅޭ ހުރިހާ ކަމެއް ރެގިއުލޭޓް ކުރުމަށްޓަކައި އެކުލަވާފައިވާ ބިލުގައި ވަނީ، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރާ ތަނެއް ބޭނުންކުރަން ޖެހޭނީ އެތަން ހަވާލުކުރެވޭ ފަރާތުން ކަމަށެވެ. އެ ބިލުގެ ދަށުން، އެފަދަ ތަނެއް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.
ހައުސިން ޔުނިޓެއް ދައުލަތް ފިޔަވައި އެހެން މީހެއްގެ ނަމުގެ ދަށަށް ބަދަލުކުރެވޭނީ، އެ ބިލުގައި ވާގޮތުން އެ ތަނަށް ކަނޑައަޅާފައިވާ އަގު ފުރިހަމައަށް އަދާކޮށް ނިމުމުންނެވެ. އަދި އެހެންވެސް ބަދަލުކުރެވޭނީ އާއިލާގެ މެމްބަރުންގެ ތެރެއިން އެމީހަކު ކައިވެނިކޮށްގެން އުޅޭ ފަރާތް ނުވަތަ އެ ފަރާތުގެ ދަރިއަކަށެވެ.
މީގެއިތުރުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނެތް މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ހޯދޭނެ ގޮތްތައް ހަމަޖައްސައިދީ، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިންގ ފަންޑެއް ވެސް މި ބިލުގެ ދަށުން ޤާއިމުކުރަންޖެހެ އެވެ. ބިލުގައި ވާގޮތުން، ޤާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި މި ފަންޑު ޤާއިމުކުރަންޖެހެ އެވެ.
މިފަދަ ފަންޑެއް ޤާއިމުކުރުމުގެ އެއް މަޤްޞަދަކީ ދިރިއުޅޭނެ އެކަށިގެންވާ ތަނެއް ނެތް ފަރާތްތަކަށް އަމާޒުކޮށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރުއުތައް ހިންގުމަށް މަގުފަހިކުރުމެވެ.
ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް، މަލީ ތަނަސްވަންކަން ކުޑަ އާއިލާތަކަށް ދިރިއުޅެން އެކަށީގެންވާ ތަންތަން ހޯދުމަށް ނުވަތަ ބިނާކުރުމަށް ހައުސިންގ ލޯނު ދޫކުރުމަކީ ވެސް މިފަދަ ފަންޑެއް ޤާއިމުކުރުމުގެ އެއް މަޤްޞަދެކެވެ.
މި ބިލުގައި ވާގޮތުން، މި ފަންޑަށް ޖަމާކުރާނީ ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ފަރާތްތަކަށް ސަރުކާރުން ހިންގާ ބޯހިޔަވަހިކަމުގެ މަޝްރޫއުތަކުން ލިބޭ ފައިސާ އާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ފައިސާ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ބޭރުގެ ޤައުމުތަކާއި ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކުންނާއި އެނޫންވެސް އެފަދަ ފަރާތްތަކުން ދޭ އެހީގެ ފައިސާ އެވެ.
މި ފަންޑު ބޭނުންކުރާނީ ދިރިއުޅޭނެ އެކަށީގެންވާތަނެއް ނެތް މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް އިސްކަން ދީގެން ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސީދާގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށެވެ.