ENGLISH
22 ޖޫން 2026
އުރުގުއޭއާ އެއްވަރުކޮށް، ކާބޯ ވާޑޭއަށް އަނެއްކާވެސް ތާރީޚީ ކާމިޔާބީއެއް
22 ޖޫން 2026
|
ވޯލްޑް ކަޕުގައި އުރުގުއޭ ކޮޅަށް ލަނޑު ޖެހުމަށްފަހު ކާބޯ ވާޑޭގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެޗްގައި، މި މުބާރާތް މީގެ ކުރިން ދެ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭއާ އެއްވަރުކޮށް، ކާބޯ ވާޑޭއިން އެ ޓީމުގެ ތާރީޚީ ކާމިޔާބީ ދަމަހައްޓައިފިއެވެ. އެެމެރިކާގެ މަޔާމީ ސްޓޭޑިއަމުގައި މިރޭ ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ވޯލްޑް ކަޕުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ކާބޯ ވާޑޭއިން އިތުރު މުހިންމު ޕޮއިންޓެއް ހޯދިއިރު، އެ ޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނާ ލަނޑެއް ނުޖެހި އެއްވަރުކޮށްފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ކާބޯ ވާޑޭއިން ވަނީ ހިތްވަރުގަދަ ކުޅުމަކާއެކު ފުރަތަމަ ލަނޑު ޖަހައި ކުރިހޯދާފައެވެ. ނަމަވެސް އުރުގުއޭއިން ފަހަތުން އަރައި ދެ ލަނޑު ޖަހާފައިވަނިކޮށް، އެ ޓީމުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކާބީ ވާޑޭއިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ކާބޯ ވާޑޭއަށް 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެވިން ޕީނާއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ 35 ޔާޑު ދުރުން ފޮނުވާލި ހިލޭޖެހުމަކުންނެވެ. މިއީ ވޯލްޑް ކަޕެއްގައި ކާބޯ ވާޑޭގެ ފުރަތަމަ ލަނޑެވެ.
ވޯލްޑް ކަަޕުގައި އުރުގުއޭ އާއި ކާބޯ ވާޑޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ނަމަވެސް ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މެކްސިިމިލިއާނޯ އަރައުހޯ ޖެހި ލަނޑަކާއި، އޭގެ ހަތް މިނެޓު ފަހުން އިތުރު ވަގުތުގައި އޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން އޮގަސްޓިން ކަނޯބިއޯ ޖެހި ލަނޑާއެކު އުރުގުއޭއިން މެޗުގެ ނަތީޖާ އަނބުރާލިއެވެ.
މާސެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އުރުގުއޭ ޓީމަށް ދެވަނަ ހާފުގައި ކުރިމަތިވީ ހީނުކުރާ ފަދަ ގޯހެކެވެ. މެޗުގެ 61 ވަނަ މިނެޓުގައި މަތިއަސް އޮލިވޭރާ ފޮނުވާލި ދަށް ޕާހެއް ހޯދަން ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ ގޯލުން ބޭރަށް ނިކުތް ވަގުތު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ހެލިއޯ ވަރޭލާ ވަނީ ކީޕަރު ބޯމަތިން ބޯޅަ ހިއްލާލައި، ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ނަތީޖާ އެއްވަރުކޮށްފައެވެ.
އޭގެ ފަހުން އަރައުހޯ އިތުރު ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައެއް ނުގަތެވެ. އަދި އުރުގުއޭގެ ބްރަޔަން ރޮޑްރިގޭޒް އާއި ރޮޑްރިގޯ ބެންޓަންކޫރު ފޮނުވާލި ނުރައްކާތެރި ހަމަލާތައް ކާބޯ ވާޑޭގެ ސްޓީވަން މޮރެއިރާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ ފަހު މިނެޓުތަކުގައި ކާބޯ ވާޑޭއަށް މެޗުން މޮޅުވުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ލާރޮސް ޑުއާޓޭ ފޮނުވާލި ބޯޅަ ސީދާ ކީޕަރުގެ އަތަށް ދިޔައިރު، ވަރޭލާ ފޮނުވާލި ހަމަލާ ބެންޓަންކޫރު ވަނީ ހުއްޓުވާފައެވެ.
މި ނަތީޖާއާއެކު ގްރޫޕުގެ ފަހު މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭއިރު، ބަލިނުވެ ފަރުޖައްސާލައިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ކާބޯ ވާޑޭއަށް އެބައޮތެވެ. ނަމަވެސް އުރުގުއޭއަށް މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި، ފަހު މެޗުގައި ސްޕެއިން އަތުން މޮޅުވުން ނުވަތަ ރަނގަޅު ނަތީޖާއެއް ހޯދުން ވަނީ މަޖުބޫރުވެފައެވެ.