ENGLISH

22 ޖޫން 2026

Advertisement

ބެލްޖިއަމް އަތުން އީރާނަށް މުހިންމު ޕޮއިންޓެއް

22 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގަައި ބެލްޖިއަމް އާއި އީރާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، ގްރޫޕް ޖީގެ އެއްވަނައަށް އީރާން ޖެހިލައިފިއެވެ. އެމެރިކާގެ ލޮސް އެންޖެލިސް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. 

ބެލްޖިއަމްގެ އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލި މި މެޗުގައި އީރާނުން ދެއްކީ ތައުރީފު ހައްގު ކުޅުމެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރުގެ ދަތިތަކާއި ވިސާގެ މައްސަލަތައް ކުރިމަތިވެ، މި ފަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގައި އީރާނަށް ދަނޑުން ބޭރުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، ދަނޑުމަތީގައި އެ ޓީމުން ފެންނަނީ ނުހަނު އެއްބައިވަންތަ އަދި އަޒުމް ވަރުގަދަ ބައެއްގެ ގޮތުގައެވެ.

ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމަށްފަހު، މި މެޗުން ލިބުނު ޕޮއިންޓާއެކު އީރާނަށް މިހާރު ވަނީ ގްރޫޕުގެ އެއްވަނަ ލިބިފައެވެ. ބެލްޖިއަމް ކުޅުނު ދެ މެޗުވެސް އެއްވަރުވެފައިވާއިރު، އީރާނަށް ކުރި ލިބެނީ ޖެހި ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕްގައި ހިމެނޭ ނިއުޒީލެންޑާއި މިސްރު މިރޭ ބައްދަލުކުރާނެއެވެ. އެހެންނަމަވެސް، މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް އީރާނުން ކުރަމުންދާ އުންމީދުތައް މިހާރު ވަނީ ވަރަށް ބޮޑަށް އައުވެފައެވެ.

ވޯލްޑް ކަޕުގަައި ބެލްޖިއަމް އާއި އީރާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

ބެލްޖިއަމް ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް އީރާނުން ދެއްކީ ވަރަށް ހިތްވަރުގަދަ ކުޅުމެކެވެ. އެގޮތުން ބެލްޖިއަމްގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް އީރާނުގެ ޑިފެންޑަރުން ހުށިޔާރުކަމާއެކު ދިފާއުކުރިއެވެ. ޚާއްސަކޮށް ބެލްޖިއަމްގެ މެކްސިމް ޑި ކުއިޕާ ގާތުން ފޮނުވާލި ހަމަލާ، އީރާނުގެ ގޯލްކީޕަރު އަލީރޭޒާ ބޭރަންވަންޑް ވަނީ އާދަޔާޚިލާފު މޮޅު ސޭވްއަކުން ދިފާއުކޮށްފައެވެ.

އީރާނުން ހަމައެކަނި ޑިފެންސްކުރުމުގެ ބަދަލުގައި، ބެލްޖިއަމްގެ ގޯލަށްވެސް ނުރައްކާ ކުރިއެވެ. އެގޮތުން ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާއަށް ވަނީ އީރާނުގެ ދެ ހަމަލާއެއް ދިފާއުކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. މީގެ އިތުރުން މެޗުގެ 25 ވަނަ މިނެޓުގައި އީރާނުގެ މެހްދީ ތަރޭމީ ކާމިޔާބުކުރި ލަނޑެއް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

ވޯލްޑް ކަޕުގަައި އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ބެލްޖިއަމްގެ އެންގޯއީއަށް ރަތް ކާޑެއް ދައްކަނީ --- ފޮޓޯ: ރޮއިޓަރސް

މި މެޗުގެ 67 ވަނަ މިނެޓުގައި ބެލްޖިއަމްގެ ނޭތަން އެންގޯއީ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ތަރޭމީ ހޯދި ފުރުސަތެއްގައި، އޭނާއަށް ކުރި ފައުލަކާ ގުޅިގެން އެންގޯއީއަށް ސީދާ ރަތް ކާޑު ދެއްކުމުން، އީރާނަށް މެޗު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވިއެވެ. ނަމަވެސް، މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއީ ބެލްޖިއަމަށް މާޔޫސީ ނަތީޖާއެކެވެ. އެ ޓީމުން 23 ހަމަލާ އުފައްދައި، ގޯލު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ނިންމާލުމުގައި ފެނުނީ ވަރަށް ބަލިކަށިކޮށެވެ. ޚާއްޞަކޮށް ރޮމެލޫ ކާކޫގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނުއިރު، ބަލިވެ އުޅޭތީ ޖެރެމީ ޑޮކޫ މި މެޗުގައި ކުޅެފައެއް ނުވެއެވެ. އީރާނުން ވަނީ މި ހުރިހާ ފުރުސަތެއްގެ ބޭނުން ހިފައި، މުހިންމު ޕޮއިންޓެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު