ENGLISH
22 ޖޫން 2026
ބޮޑު ތަފާތަކުން ސައުދީ ބަލިކޮށް ސްޕެއިން އެއްވަނައަށް
21 ޖޫން 2026
|
ވޯލްޑް ކަޕުގަައި ސްޕެއިން އާއި ސައުދީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގައި ބޮޑު ތާފާތަކުން ސައުދީ އަރަބިއްޔާ ބަލިކޮށް، ގުރޫޕް އެޗްގެ އެއްވަނައަށް ސްޕެއިން ޖެހިލައިފިއެވެ. އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު ސްޕެއިނުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ސްޕެއިނުން ކުޅުނުއިރު، މެޗުގެ ކުރީކޮޅު ސައުދީގެ ގޯލަށް ނުރައްކާކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އުމުރުން 18 އަހަރުގެ ތަރި ލަމީން ޔަމާލެވެ. މިއީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އެއާއެކު ޔަމާލް ވެގެން ގޮސްފައިވަނީ އުމުރުން 19 އަހަރު ނުފުރެނީސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ހަތްވަނަ ކުޅުންތެރިޔާއަށެވެ.
ގިނަ ފުރުސަތުތަކެއް ފުލުފުލުގައި ތަނަވަސްކުރަމުންދިޔަ ސްޕެއިނުން މެޗުގައި ލީޑު ފުޅާކުރީ 21 ވަނަ މިނެޓުގައި މިކޭލް އޮޔާޒަބާލްއެވެ. މިއީ ސައުދީގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި އައި ބޯޅަ ހޯދައި، އޮޔާޒަބާލް ހުށިޔާރުކަމާއެކު ކާމިޔާބު ކުރި ލަނޑެކެވެ.
ވޯލްޑް ކަޕުގަައި ސްޕެއިން އާއި ސައުދީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އަދި އޭގެ ދެ މިނެޓު ފަހުން ޑެނީ އޮލްމޯ ބޮލުން ޖަހައި ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ގޯލު ރޮނގުމަތީގައި ކަހަލަ ގޮތަކަށް ހުރެ އޮޔާޒަބާލް ވަނީ ސްޕެއިންގެ ތިންވަނަ ލަނޑުވެސް ޖަހައިދީފައެވެ. މީގެ އިތުރުންވެސް މި މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިނުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އަދި ސައުދީއަށް ސްޕެއިން ކޮޅަށް ރަނގަޅު ހަމަލާއެއް އުފައްދާނެ ފުރުސަތެއް ލިބިފައެއް ނުވެއެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް މޮޅަށް ކުޅެމުން ދިޔައީ ސްޕެއިނުންނެވެ. އެގޮތުން މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ސްޕެއިނުން ހަތަރުވަނަ ލަނޑެއް ޖެހިއިރު، މިއީ ކޯނަރެއްގެ ތެރެއިން މާކް ކުކުރެޔާއަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލުމުން، ދިފާއުކުރުމުގެ ތެރޭގައި ސައުދީގެ ޑިފެންޑަރު ހަސަން އަލް ތަމްބަކްތީގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
ސްޕެއިންގެ ކޮންޓްރޯލް ދަށުގައި މެޗު ކުޅެމުންދިޔަ ނަމަވެސް، މި ހާފުގައި އިތުރު ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. އެގޮތުން މިކޭލް މެރީނޯ ދިން ހިތްގައިމު ޕާހަކަށް ފެރާން ޓޮރޭސް ވަރަށް ރަނގަޅަށް ހުސްވި ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
ވޯލްޑް ކަޕުގަައި ސްޕެއިން އާއި ސައުދީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ދެވަނަ ހާފުގައި ސްޕެއިންގެ ޓީމަށް ގެނައި ބަދަލުތަކާއެކު، ސައުދީގެ ކުޅުންވެސް މެޗުގެ ފަހު ވަގުތު ރަނގަޅުވެގެން ދިޔައެވެ. އެގޮތުން މެޗުގައި ފުރަތަމަ ފަހަރަށް ސްޕެއިންގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. މިއީ ސައުދީގެ އަބްދުﷲ އަލް ހަމްދާން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެކެވެ. އެ ބޯޅަ ވަނީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ދިފާއުކޮށްފައެވެ.
ސްޕެއިންގެ ބަދަލު ކުޅުންތެރިއަކަށް އެރި ޓޮރޭސް މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބަލައި، ރެފުރީ ނިންމީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މި ނަތީޖާއާއެކު ސްޕެއިން ވަނީ ގްރޫޕް އެޗްގެ އެއްވަނައަށް ޖެހިލާފައެވެ. ގުރޫޕުގެ ފުރަތަމަ މެޗުގައި ސްޕެއިން ވަނީ ކާބޯ ވާޑޭއާ އެއްވަރުވެފައެވެ. އަދި ސައުދީގެ ފުރަތަަމަ މެޗުން އުރުގުއޭއާ ވީ އެއްވަރެވެ. އެެހެންކަމުން މި މެޗުން ބަލިވި ނަމަވެސް، ދެވަނަ ބުރަށް ދިޔުމަށް ސައުދީއަށް އަދި ފުރުސަތެއް ނުގެއްލެއެވެ.