ENGLISH

05 ޖުލައި 2025

Advertisement

ކަރަންޓު ބިލަށް އޮތް ހައްލަކީ ސްމާޓް މީޓަރާއި ސޯލާ

30 ނޮވެމްބަރު 2024

|

އަހުމަދު ސައީދު

ކަރަންޓު ބިލު ބޮޑުވެއްޖެނަމަ ވަގުތުން އަންނީ ރުޅިއެވެ. އެ ރުޅިގަނޑު ސޯޝަލް މީޑިޔާ އަށް ބާލާލުން ފިޔަވާ ކުރެވޭނެ މާ ބޮޑު ކަމެއް ނޯވެ އެވެ. ފާއިތުވި މަހުގެ ކަރަންޓު ބިލު ބޮޑުވީ ހޫނު ދުވަސް ވަރަކާއި ދިމާވެގެން ކަމަށް ވިއަސް، މިއަދު ކަހަލަ ވިއްސާރަ ދުވަހެއްގައި، ދެން ބޮޑު ބިލެއް ނުފޮނުވާނެ ހާވަރު ކޮށްލަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ ފާއިވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކަށް ކަރަންޓު އަގުހެޔޮކޮށް ނުދެނުނު ނަމަވެސް، ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތަށް މަސައްކަތް ކޮށްފިނަމަ ކުރިއަށް އޮތް ތަނުގައި ކަރަންޓު ބިލުން ރައްޔިތުންނަށް ލުއި ލިބިގެންދާނެ ކަމަށެވެ. ރައީސް މުޢިއްޒުގެ އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓަކީ، އިޔާދަކުރަނިވި ހަކަތަ އަށް ހެއްދެވުމެވެ.

"އަބަދުވެސް ރައްޔިތުން ކުރާ ޝަކުވާއެއް ކޮންމެ ވެރިކަމެއްގައި ވެސް ކަރަންޓުގެ އަގު ހެޔޮކުރުން، އެއްވެސް ވެރިކަމެއްގައި އަގު ހެޔޮވެފައި އެބައޮތް ތޯ؟ އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ފަހުމީ ރޭގައި ސުވާލު ކުރެއްވި އެވެ. "ރިނިއުބަލް އެނަޖީ ގެނެސްގެން، ކަރަންޓުގެ އަގަށް ބަދަލު ގެނެވޭނެ ކަމަށް އަޅުގަނޑު ވެސް ގަބޫލު ކުރަނީ،"

މާލެ ސަރަހަދުގައި 200 މެގަ ވޯޓުގެ ރިނިއުބަލް އެނަޖީ، ބެކަޕް ބެޓެރިއާ އެކު ގާއިމު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާއިރު، ހަމައެއާއެކު، ކަރަންޓު މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކަރަންޓު އަގުހެޔޮ ކުރެވޭނީ އިޔާދަ ކުރެވޭނެ ހަކަތަ ގާއިމުކޮށް، މާލޭގެ ކަރަންޓު ވިއުގަ އާއި އެ ނިޒާމު ގުޅައިގެންނެވެ.

"ސްމާޓް މީޓަރު މި ގެންނަނީ ހަމައެކަނި ރީޑިން ނަގާކަށް ނޫން. ސްމާޓް މީޓަރު މި ގެންނަ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނަށް ކަރަންޓު އިގްތިސާދު ކުރުމަށް ފުރުސަތު ދިނުން. ސްމާޓް މީޓަރު ގެނައީމަ ކޮންމެ 15 މިނިޓަކުން މޯބައިލް ފޯނުން ފެނިގެންދާނެ އެބޭފުޅެއްގެ ރީޑިން އަރާވަރު،" ފަހުމީ ވިދާޅުވި އެވެ.

ބޭނުން ކުރަމުންދާ ވަރަކަށް ކަރަންޓު ބިލަށް އަރަމުން ދާވަރު ފަސޭހަ އިން ބަލާލެވެން ހުރުން ވެގެންދާނީ ފަހުމީ ސިފަ ކުރެއްވި ގޮތުގައި، ކަރަންޓު އިގްތިސާދު ކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ. ރިނިއުބަލް އެނަޖީ ގާއިމު ކުރެވުމުން، މިހާރު ހުރި ކަރަންޓު ބޭންޑުތަކުގެ ބަދަލުގައި ބާރު ބޮޑުވާ ވަގުތުތަކުގަ އާއި އާންމު ގަނޑިތަކަށް ވަކި ޓެރިފްތަކެއް ކަނއެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތްތަކުގައި ބާރަށް ކަރަންޓު މީޓަރު އެނބުރެނީ ކީއްވެކަން އަމިއްލަ އަށް ބަލާލެވޭނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

"އަގުހެޔޮކޮށް ކަރަންޓު ބޭނުންކުރަން ބޭނުންވާ މީހާ ނުވަތަ އިގްތިސާދު ކުރަން ބެނުންވާ މީހާ އަށް ހުންނާނެ ވަކި ގަޑިތަކެއް ކަނޑައެޅިފައި. އިސްތިރި ކުރަން ވިއަސް ކަނޑައެޅިދާނެ ޓެރިފް އަގުހެޔޮ ގަޑިއެއްގައި،" ފަހުމީ ވިދާޅުވި އެވެ.

އެނާ ވިދާޅުވި ގޮތުގައި ސަރުކާރުން 200 މެގަ ވޮޓްގެ ރިނިއުބަލް އެނަޖީ ގާއިމުކޮށް ނިންމަން ވާއިރަށް، ހުރިހާ ގެއެއްގައި ސްމާޓް މީޓަރު ހަރުކޮށް ނިންމާ ލެވޭނެ އެވެ.

"ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ސޯލާ އައިސްގެން ކަރަންޓުގެ އަގު ހެޔޮ ކުރެވޭނީ. އިރާދަ ކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ކަރަންޓު އަގު ހެޔޮ ކުރެވޭނެ މެކޭނިޒަމެއް ސަރުކާރަށް ގެނެސްދޭނަން،" ފަހުމީ ވިދާޅުވި އެވެ. "މިދެންނެވި 200 މެގަ ވޮޓް ސޯޓާ މާލެ ސަރަހައްދުގައި ބެޓެރިއާ އެއްކޮށް ޖެހިއްޖެއްޔާ މިހާރު އަޅުގަނޑުމެން ކަރަންޓު އުފައްދާ އަގަށް ވުރެ ގާތްގަނޑަކށް 50 ޕަސެންޓް އަގު ހެޔޮކޮށް ކަރަންޓު ލިބޭނެ."

ފާއިތުވި ކޮޕް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިޔާދަ ކުރަނިވި ހަކަތައާއެކު ދިވެހި ރާއްޖެ އަކީ ފެހި، ސާފު ވެއްޓަކަށް ހެއްދެވުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެއާއެކު، ފެހި ހަކަތަ އާއި ސްމާޓް މީޓަރާއި "ސްމާޓް ހޯމް ޝޮލިއުޝަން" އެއް ހޯދުމުގެ ފުރުސަތުވެސް ދިވެހިންނަށް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު