ENGLISH
05 ޖުލައި 2025
މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ފުލުހުންގެ ބައިވެރިވުމެއް ނެތް - ފުލުހުން
29 ނޮވެމްބަރު 2024
|
މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ފުލުހުންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މައްސަލަ އަކީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން އެމީހާގެ ދަންނަ މީހުންނަށް މެސެޖް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއް ކަމަށާއި އަދި މިމައްްސަލައާ ގުޅުންހުރި އިތުރު ތިން މައްސަލައެއް މިހާރު ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވި މައްސަލަ ހުށައެޅުމާއެކު ތަހުގީގުގެ ތެރެއިން އަޅަަން ޖެހޭ ފިޔަވަޅުތައް އަޅައި ވައިބަރ އެކައުންޓް ރިކަވާކޮށް އެ އެކައުންޓްގެ ވެރިފަރާތުގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި ތަފާތު ތިން މީހެއްގެ އަތުން އޮޅުވާލައިގެން 10100 ރުފިޔާ، އީމެއިލް އަދި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒް ވެފައިވާ އެކައުންޓަކަށް ޖަމާކޮށްފައި ވާކަމަށާއި އަދި މިފައިސާގެ ތެރެއިން 5600 ރުފިޔާ ވަނީ ހިފަހައްޓާފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އޮޅުވާލައިގެން ހޯދި ފައިސާ ދައުރު ކުރުމުގައި ބޭނުންކުރީ ފުލުހެއްގެ އަނބިމީހާގެ ބެންކް އެކައުންޓް ކަމުގައިވީ ނަމަވެސް، މިހާތަނަށް ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އަދި ތުހުމަތު ކުރެވިދާނެ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެ މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާގެ ތެރެއިން ރިކަވާ ނުކުރެވިވާ ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ނޫސް ބަޔާނުގައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަން ކިލަނބުވާ ގޮތަށް މީޑިއާގެ އެކި ވަސީލަތްތަކުގައި މައުލޫމާތު ފެތުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާ ކަމެއް ކަމަށާއި އެގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.