ENGLISH
05 ޖުލައި 2025
އިޒްރޭލުގެ ލާ އިންސާނީ ޢަމަލުތަކަކީ ހަމައެކަނި ފަލަސްތީނަށް ދޭ އަނިޔާއެއް ނޫން، އެއީ މުޅި ދުނިޔެއަަށް ދޭ ހަމަލާއެއް: ރައީސް
29 ނޮވެމްބަރު 2024
|
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު (ވ) އާއި ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް
ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާއި، އިންސާނީ އެހީގެ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވެ، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމުގެ ޖަރީމާތަކާއި، އިޒްރޭލުގެ ޢަމަލުތައް ކުށްވެރިކުރައްވައި، އެ ލާއިންސާނީ ޢަމަލުތަކަކީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫންކަމަށާއި، އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ޤައުމުތަކުގެ ގުޅިފައިވާ ނިޒާމަށް ދެވޭ ޙަމަލާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާން މިހެން ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖުގައެވެ.
ބައިނަލްއަޤުވާމީ މުޖުތަމަޢުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް އެމަނިކުފާނު ތަކުރާރުކުރައްވާފައިވެއެވެ.
ޢަދުލުއިންޞާފާއި ޞުލްޙަވެރިކަމާ އެކު ދިރިއުޅުމުގެ ޙައްޤު ހޯދުމަށް ފަލަސްޠީނުން ކުރަމުންދާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން، ރައީސްގެ މެސެޖުގައި ވަނީ ދެއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިއަދާހަމައަށް ވެސް ފަލަސްޠީނުގެ އެކި ޖީލުތަކުގެ ރައްޔިތުން ކުރިމަތިލަމުން ގެންދާ އަނިޔާވެރިކަމާއި، ފަސާދަ އާއި، ގެދޮރު ގެއްލުމުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
ފަލަސްޠީނުގެ އަޚުންނާއި އުޚުތުން ބަރުދާސްކުރަމުންގެންދާ ބޭއިންސާފާއި އަނިޔާވެރިކަމާއި، ދިރިއުޅެމުން ގެންދާ ހިތްދަތިކަމުގެ ހަނދާންތައް އާކޮށްދޭ ކޮންމެ ދުވަހަކީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެމިތިބުމުގެ ޢަޒުމް ވަރުގަދަވެ، އަދި އެ ޢަޒުމު އައުކޮށްދޭ ދުވަހެއް ކަމަށާއި، އެ ރައްޔިތުންނާމެދު ބޭއިންސާފުން ހިންގާ ކަންކަމަކީ އަޅުގަނޑުމެން ޙިއްޞާކުރާ ތާރީޚުގައި ޖެހިފައިވާ ލައްގަނޑެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިޒްރޭލަށް ހަތިޔާރު ވިއްކުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށާއި، ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވެ، އެޤައުމެއްގެ ސިޔާސީ ވިސްނުމާއި އިޤްތިޞާދީ ބާރުގެ ބޭނުންހިފުމަށް ވަނީ ގޮވާލައްވާފައެވެ. ފަލަސްޠީނުގެ ރެފިއުޖީންގެ ޙައްޤުގައި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރު.ޑަބްލިއު.އޭ) އަދާކުރަމުންގެންދާ މުހިންމު ދައުރަށް 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި، އެ އެޖެންސީން ކުރަމުންގެންދާ ހައްސާސް މަސައްކަތްތަކަށް ހުރިހާ ޤައުމުތަކުންވެސް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.
އަދި ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެކަމުގައި ރާއްޖެއިން ގަބޫލުކުރާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ފަލަސްޠީނު ރައްޔިތުން ކުރަމުންގެންދާ ޖިހާދަކީ އަޅުގަނޑުމެންގެ އަމިއްލަކަމެއްގެ ގޮތުގައި ދިވެހީން ގަބޫލުކޮށް ބަލައިގަންނަކަމީ ދެބަސްވެވެންނެތް ކަމެއް ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޢަދުލުއިންޞާފާއި، މިނިވަންކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދުނިޔޭގެ ކުރިމަތީގައި ސާބިތުކަމާއެކު އަޑުއުފުލުމުގައި ފަހަތަށްނުޖެހި، ދިވެހީން ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، މި މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެންކަން ފާހަގަކުރައްވަމުންނެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބާގައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވެސް އެ މަނިކުފާނުގެ ފުރިހަމަ ތާޢީދު، ފަލަސްޠީނަށް އޮތްކަން ހާމަކުރައްވާފައިވެއެވެ.