ENGLISH

05 ޖުލައި 2025

Advertisement

ކިތަންމެ ބައިވަރު ފާފަ ކުރެވުނަސް އިސްލާހުވާން ބޭނުންވާ މީހަކަށް ﷲ މަގުފަހި ކުރައްވާ: ޚުޠުބާ

29 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

މާތްﷲ އަށް ތަޤްވާވެރިވުމަށް، މިއަދުގެ ޙުޠުބާގައި ވަޞިއްޔަތް ކޮށްފި އެވެ.

އަދި މާތް ﷲ ކޮންމެ ނަބިއްޔަކަށްމެ އެބޭކަލަކަށް ތަބަޢަވާނޭ ޞަޙާބީން ލެއްވި ކަމަށް ވަނީ ބުނެފައެވެ. އެހެން ކަމުން އެކަލާނގެ މި އުންމަތަށް ކައުކުރެއްވި ނަބިއްޔާގެ އަޞްޙާބުންވެފައި ވަނީ މިއުންމަތް ދެކެފަައިވާ ރަންމުތްތަކެއްކަން ފާހަގަ ކުރިއެވެ. އަދި އޭގެ ތެރެއިންވެސް ދިހަ ބޭކަލަކު ޚާއްޞަކުރައްވައި އެބޭކަލުންނަށް ސުވަރުގޭގެ އުފާވެރި ޚަބަރު ދެއްވެވި ކަމަށް ބުންޏެވެ.

އަލްޚުލަފާއުއްރާޝިދޫންއަކީ، މާތް ނަބިއްޔާގެ ޚަލީފާކަން ކުރެއްވި ހަތަރު އަޞްޙާބު ބޭކަލުން ކަމުގައިވާ أَبُو بَكْر رضي الله عنه,  عُمَر  رضي الله عنه، عُثمَانُ رضي الله عنه އާއި علي رضي الله عنه މި ހަތަރު ބޭކަލުންނެވެ.

މި ބޭކަލުންނަކީ ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ އެބޭކަލުންނަށް ތަބާވުމަށް އިރުޝާދު ދެއްވައިފައިވާ ބޭކަލުންނެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުގެ މާނައިގަައި ވަނީ ތިޔަބައި މީހުންގެ މައްޗަށް އޮތީ ތިމަން ނަބިއްޔާގެ ސުންނަތުގައި ހިފުމެވެ. އަދި ތެދު މަގު ލިބިގެންވާ އަލްޚުލަފާއުއް ރާޝިދޫންގެ ސުންނަތުގައި ހިފުމެވެ. ޚުތުބާގައި ބުނެފައިވަނީ މިބޭކަލުންގެ ސުންނަތުގައި ހިފުމަށްޓަކައި އެ ބޭކަލުންގެ ޙަޔާތްޕުޅަށް ނަޒަރު ހިންގައި، އެއިން ލިބޭ ފިލާވަޅުތަކުގެ އަލީގައި އަހަރެމެންގެ ދިރިއުޅުން ބިނާކުރުމުގެ މުހިންމުކަމެވެ.

މުސްލިމުންގެ ހަޔާތުގެ ފުރަތަމަ ޚަލީފާ އަކީ އަބޫބަކުރު رضي الله عنه ކަމާއި އެކަލޭގެފާނު ވެވަޑައިގެންފައިވަނީ އީމާންކަމާއި ހެޔޮ ޢަަމަލުގައި ނަމޫނާ ބޭކަލެއް ކަމުގައި ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަބޫބަކުރުގެފާނަކީ ހެޔޮ ޢަމަލުކުރެއްވުމަށް ނުހަނު ލޯބިކުރައްވާ ބޭކަލެއް ކަމަށާއި ހެޔޮ ކޮންމެ ކަމެއް ކުރެއްވުމުގައި އެކަލޭގެފާނު ކުރި ހޯއްދަވާކަން ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން މާތް ނަބިއްޔާ ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ގެ އިސްރާ އާއި މިޢުރާޖުގެ ޙަދީޘްގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތުމުން ވިދާޅުވި ބަސްފުޅުން އެކަން ދޭހަވާކަންވަނީ ހާމަކޮށްފައެވެ. ބާރަށް ދުވާ އަހުގައި އެތައް ދުވަހަކުން ކުރެވޭ ދަތުރެއް މާތް ނަބިއްޔާ ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ކުޑަ ހިނދު ކޮޅެއްގެ ތެރޭ ނިންމަވައި ލައްވައި، ހަމަ އެ ދަތުރުފުޅުގައި އުޑުތަކަށް އަރައިވަޑައިގަތް ޚަބަރު ޤަބޫލުފުޅު ކުރައްވަން ބައެއް ޞަހާބީންނަށް ވެސް ދަތިފުޅުވިއެވެ. އެހެނަސް މައްކާގެ މުޝްރިކުން މަލާމާތުގެ ރާގެއްގައި އަބޫބަކުރުގެފާނު އަރިހުގައި، ކަލޭގެފާނުގެ އެކުވެރިޔާ މުޙައްމަދު صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ، މިފަދައިން އެބަ ހަދީޘްކުރައްވައޭ، ކަލޭގެފާނު އެވާހަކަ ތެދު ކުރައްވަން ތޯއޭ ދެންނެވުމުން، އެކަލޭގެފާނުގެ ޖަވާބަކަށްވީ ސިޔަރަތުގައި ރަން އަކުރުން ލިޔެފައިވާ ބަސްފުޅެއް ކަމަށް ފާހަގަކުރެއްވިއެވެ. އެބަސްފުޅުގެ މާނާގައި ވަނީ "އާންއެކެވެ. އަހުރެން އެ ވަހާކަ ތެދުކުރަމެވެ. އަހުރެން މިހުރީ ތިޔަށްވުރެ މާ ބޮޑެތި ކަންތައްތައް އެކަލޭގެފާނާ ބެހޭ ގޮތުން ތެދުކޮށްގެންނެވެ. އެހެނީ ހެނދުނާއި ހަވީރު އެކަލޭގެފާނުގެ އަރިހަށް އުޑުގެ ޚަބަރުތައް (އެބަހީ ވަޙީ) އަންނަކަން އަަހުރެން މި ހުރީ ތެދުކޮށްގެންނެވެ."

އަދި މިއާ އެކު އެކަލޭގެފާނަށް އައްޞިއްދީޤުގެ ލަޤަބު އެރުވުނު ކަމުގައި ބުނެފައިވެއެވެ.

އަދި އިސްލާމްދީނާ މެދު ޝައްކާއި ވަހުމުތައް އުފައްދައި ފަތުރަމުންދާ މިޒަމާނުގައި އަހަރެމެން ވެސް އަބޫބަކުރުގެފާނު ދެއްކެވި ފަދަ ސާބިތު ކަމެއް ދައްކާން ޖެހޭނެ ކަމަށް ޙުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ކޮށި ވިސްނުން ޙުއްޖަތަކަށް ހަދައި މުސްލިމުންގެ ސިކުނޑި ދޮވެލުމަށްޓަކައި ދައްކާ ވާހަކައަކުން، ޤުރުއާނާއި ސުންނަތުން ސާބިތުވާ، އިސްލާމް ދީނުގެ އަސާސަކާ މެދު ޝައްކު އުފައްދައިގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

އަލްޚުލަފާއުއް ރާޝިދޫންގެ ތެރެއިން ދެވަނަ ޚަލީފާ އަކީ ޢުމަރު ބުން ޚައްތާބު رضي الله عنه ކަމަށާއި ، އެކަލޭގެފާނަކީ އިސްލާމްވެ ވަޑައިގަތުމުގެ ކުރީގައި މައްކާގެ މުޝްރިކުންގެ ތެރެއިން ނަބިއްޔާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَގެ މައްޗަށް އެންމެ ޢަދާވާތްތެރި އެއް ބޭކަލަކީ އެއީ ކަމާއި، އުރައިން ކަނޑި ދަންމަވައިގަނެ ، ﷲގެ ނަބިއްޔާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ޤަތުލު ކުރުމަށް އެކަލޭގެފާނު ވަޑައިގަތްކަން މިއަދުގެ ޚުތުބާގައި ކިޔައިދިނެވެ.

ނަމަވެސް ﷲ سبحانه و تعالى‎ އެކަލޭގެފާނަށް ހިދާޔަތް ދެއްކެވުމާއެކު ދީނުގެ ދިފާޢުގައި ވަގުތުން މަސައްކަތް ފައްޓަވައި، އަދި ގުނައި އަދަދު ނުކުރެވޭހާ ގިނަގުން ޙިދުމަތްތަކެއް އިސްލާމްދީނަށް ކުރައްވައި ގިނަގުން ނަޞްރުތަކެއް ހޯދައްވައި ދެއްވިކަން ފާހަގަ ކުރިއެވެ. އަދި ސިޔާސީ ދާއިރާ އާއި ދައުލަތް ހިންގުމުގެ ގޮތުން މުޅި އިސްލާމީ ދައުލަތަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވައި، އިސްލާމީ ފުތޫޙަތު ފުޅާކުރެއްވި ވަރުގަދަ ލީޑަރެއް ކަމަށް ވަނީ ބުނެފައެވެ. ޝައިތާނާ ވެސް ޢުމަރުގެފާނު ހިންގަވާ މަގަކުން ހިނގާން ޖެހިއްޖެނަމަ، މަގު ބަދަލު ކުރާ ކަމުގައި މާތް ނަބިއްޔާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވި ކަމަށް ވަނީ ބުނެފައެވެ.

އުމަރުގެފާނުގެ ޙަޔާތްޕުޅުން އަހަރެމެންނަށް ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ ، ތިމާ އަކީ މާޒީގައި ކުށްތަކަށް އަރައިގަތުމާއި، ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާ ކުޑަ މީހެއް ކަމުގައި ވިޔަސް އިސްލާޙުވެ، ދީނަށާއި، އުުންމަތަށް ޚިދުމަތް ކުރުމަކީ ހުޅުވިފައިވާ ދޮރެއްކަން ހަނދާން ކޮށްދިނެވެ. ދީނާ ދުރު ޖުމްލަ ވިސްނުންތައް ގެންގުޅޭ މީސްތަކުންނާ މެދު ވެސް އަހަރެމެންގެ ޒިންމާއަކީ، ހެޔޮ ގޮތުގައި ވާހަކަ ދައްކައި، ނަސޭހަތް ދީ، ޝަރުޢީ ދަލީލުތަކުންނާއި ބުއްދީގެ ދަލީލުތަކުން ޙުއްޖަތް ދައްކައި، ހެޔޮމަގު ދައްކައިދީ، ﷲ سبحانه و تعالى އާ ވަކީލު ކުރުމަށް ނަސޭހަތްދިނެވެ. އަދި ހިދާޔަތުގެ މަގަށް ތައުފީޤު ދެއްވަނީ ﷲ سبحانه و تعالى ކަން ވަނީ ބުނެދީފައެވެ.

ހަމަ އެހެންމެ ފާފަ ކުރެވުމަކީ، އިސްލާޙުގެ މަގާ މެދު މާޔޫސްވާންވީ ސަބަބެއް ނޫންކަން ބުނެދިނެވެ. ކިތަންމެ ބޮޑެތި އަދި ކިތަންމެ ބައިވަރު ފާފަތަކެއް ކުރެވިފައިވީ ނަމަވެސް އިސްލާހުވާން ބެނުންވާ މީހަކަށް މަގު ފަހިވާކަން މާތް ﷲ سبحانه و تعالى ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު