ENGLISH
06 ޖުލައި 2025
ބޭރު ފައިސާއާ ބެހޭ ގަވާއިދު: ޑޮލަރުގެ މައްސަލައިގެ ހައްލު
28 ނޮވެމްބަރު 2024
|
ރައީސް މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު، މާލީ އިދާރާތަކުން އައީ ރާއްޖެ ދަރަނިވެރިވެ، ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރުދެމުންނެވެ. ދައުލަތުގެ ރިޒާވުގެ ހާލަތު އޮތީ ވަރަށް ދަށުގައެވެ. ރައްޔިތުން ތިބީ ޑޮލަރުގެ އަގު ބޮޑުވެ، ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގު އުފުލެމުންދާތީ އެކަމުގެ ނުތަނަވަސް ކަމުގައެވެ.
މީގެ 37 އަހަރު ކުރިން ފެށިގެން އަމަލު ކުރަމުން އައި މުސްކުޅި މަނިޓަރީ ގަވާއިދު، ހަރުދަނާކޮށް ޑޮލަރުގެ "ކަޅު ބާޒާރު" ނައްތާލުމަށް، ކުރިން އޮތީ އެދެވޭ މަސައްކަތެއް ނުކުރެވިއެވެ. ސެންޓްރަލް ބޭންކުން އެކަން ކުރަން ބޭނުން ވިއަސް، ކުރިމަތިވާނެ ގޮންޖެހުންތަކުގެ ސަބަބުން، ކުރީގެ ސަރުކާރުތަކުން އޮތީ އެކަމަށް ފަސް ޖެހިފައެވެ.
ދެއަތް ބަނދެވިފައި ނުތިބެ، އެމްއެމްއޭ އިން މިދިޔަ އޮކްޓޫބަރު އެއްވަނަ ދުވަހު ގެޒެޓް ކުރީ ދައުލަތުގެ ރިޒާވް އިތުރުކޮށް ޑޮލަރުގެ ހާލަތު ރަނގަޅު ކުރުމަށް، ބޭރުފައިސާ އާ ބެހޭ މުޅިން އާ ގަވާއިދެކެވެ. ޑޮލަރުން އާމްދަނީ ލިބޭ އެންމެ ބޮޑެތި މަހުޖަނުން، އެ ގަވާއިދާ މެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ޑޮލަރަށް ސަލާން ޖަހަން ޖެހިފައިވާ އާންމު ރައްޔިތުންނަށް އެ ގަވާއިދުން ގެނެސްދިނީ އުންމީދެކެވެ.
ބޭރުފައިސާ އާ ބެހޭ ގަވާއިދަށް ބަލާއިރު، މައިގަނޑު ތިން ކަމެއް އެގަވާއިދުން ހާސިލު ކުރުމަށް އިސްކަން ދީފައިވެއެވެ. ފުރަތަމަ ކަމަކީ ރާއްޖޭގައި ކުރާ ހުރިހާ މުޢާމަލާތެއް ދިވެހި ރުފިޔާއިން ކުރުމަށް ނިންމުމެވެ. ދެވަނަ ކަމަކީ، ޑޮލަރު ގަނެވިއްކުން ރަސްމީ ނިޒާމުގެ ތެރެއަށް ވެއްދުމެވެ. ތިން ވަނަ ކަމަކީ ދައުލަތުގެ ރިޒާވަށް ހެޔޮ ބަދަލެއް ގެނައުމެވެ.
މި ގަވާއިދު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ބާރުތައް ހޯދުމަށް އެމްއެމްއޭ އިން ވަނީ ބޭރުފައިސާ އާ ބޭހޭ އާ ގާނޫނެއް ވުޖޫދަށް ގެނައުމަށް ޓަކައި ބޭރުފައިސާ އާ ބެހޭ ބިލެއް މިދިޔަ އަންގާރަ ދުވަހު އާންމުންގެ ޚިޔާލަށް ހުޅުވާލައިފައެވެ.
އެ ބިލުގައި ވަރަށް ސާފުކޮށް ބުނެފައިވާ ގޮތުން ދިވެހި ރާއްޖޭގައި ކުރެވޭ ހުރިހާ ފައިސާގެ މުއާމަލާތް ތަކެއް ކުރަން ވާނީ ދިވެހި ރުފިޔާ އިންނެވެ. ޚިދުމަތާއި މުދަލުގެ އަގާއި މުސާރަ އާއި ފީ އާއި ޗާޖު ފަދަ ހުރިހާ އެއްޗެއް އޭގެ ތެރޭގައި ހިމެނެއެވެ. ރިސޯޓްތައް ފަދަ ޑޮލަރުން އާމްދަނީ ލިބޭ ބައެއް ފަރާތްތަކަށް ދިވެހި ރުފިޔާ އިން މުއާމަލާތް ކުރުމަށް އިސްތިސްނާ ތަކެއް ދީފައިވެއެވެ.
ބޭރުފައިސާ އާ ބެހޭ ބިލުގައިވާ ގޮތުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ އާމްދަނީ އެއްކޮށް ޖަމާކުރަން ޖެހޭނީ ބޭންކުތަކަށެވެ. އަދި އެނޫން އިންޑަސްޓްރީ ތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން އަހަރު ލިބޭ އާމްދަނީ ވިހި މިލިއަން ޑޮލަރަށް ވުރެ އިތުރުވާ ފަރާތްތަކަށް ލިބޭ އާމްދަނީ ވެސް އެއްކޮށް ބޭންކުތަކަށް ޖަމާކުރަން ޖެހެއެވެ. އޭގެ އިތުރުން ޑޮލަރުން ލިބޭ އާމްދަނީން ކަނޑައެޅޭ މިންވަރެއް ބޭންކްތަކަށް މާރުކުރަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
މިގޮތުން މާރުކުރަން ޖެހެނީ ބޮޑެތި ރިސޯޓްތަކާއި ޕްރައިވެޓް އައިލެންޑް ފަދަތަންތަނުން، ބޮލަކަށް 500 ޑޮލަރާއި
ގެސްޓުހައުސް ތަކާއި ރަށްރަށުގައި ހިންގާ ހޮޓާތަކާއި ސަފާރީތަކުން، ބޮލަކަށް 25 ޑޮލަރާއި
އެނޫން ވިޔަފާރިތަކުން، މަހަކު ލިބޭ އާމްދަނީގެ 25 ޕަސެންޓަށްވުރެ ކުޑަ އަދަދެކެވެ.
ބޭރު ފައިސާ އާ ބެހޭ ގާނޫނު އަންނަ އަހަރުން ފެށިގެން ތަންފީޒުކުރަން ފަށާއިރު، ބޮޑެތި ގޮންޖެހުން ތަކެއް ހުންނާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިތީ އިން ގަބޫލު ކުރެއެވެ. އަދި ނަތީޖާ ނެރުމަށްޓައި، ކަމާބެހޭ ފަރާތްތަކުގެ ޚިޔާލާއި މަސްވަރާ ހޯދާ ދެވެން ހުރި ލުއިތަކެއް ދޭން އެމްއެމްއޭ އިން އޮތީ ތައްޔާރަށެވެ.
ޑޮލަރަށް ސަލާން ޖަހަން ނުޖެހޭނެ ދުވަހެއް އަންނަން ކޮންމެ ދިވެއްސަކު ވެސް ބޭނުންވާނެއެވެ. ބޭރަށް ފުރާއިރު، ބޭންކު މެދުވެރިކޮށް 500 ޑޮލަރަށްވުރެ އިތުރަށް ގަންނަން ލިބުމަކީ ބޮޑު ފަސޭހަ އަކަށް ވާނެއެވެ. ވިޔަފާރި މުދާ އެތެރެކުރަން ބޭނުންވާ ފައިސާ ހެޔޮ އަގުގައި ހަމަޖެހޭނަމަ، ބާޒާރުގައި މުދަލުގެ އަގު ހެޔޮވެގެން ދާނެއެވެ.
ސެންޓްރަލް ބޭންކުގެ ގަވަރުނަރު، އަހުމަދު މުނައްވަރު އުންމީދު ކުރައްވާ ގޮތުގައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމުން މަޑުމަޑުން ބަދަލުތަކުގެ ފޮނިކަން ފެންނަން ފަށާނެއެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ ހައެއްކަ މަސް ފަހުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ގޮތް ހޯދައި ދެވޭނެއެވެ. އަދި މުދާ އިމްޕޯޓު ކުރަން ބޭނުންވާ ވިޔަފާރިވެރިނަށް، ބޭންކުން ދޫކުރާ ޑޮލަރު ވެސް އެ މުއްދަތުގައި އިތުރު ކުރެވޭނެއެވެ.
ޑޮލަރާއި ދައުލަތުގެ ރިޒާވުގެ ހާލަތު ރަނގަޅުވުމުން، ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކަށް ބޭންކު މެދުވެރިކޮށް ލިބޭ އަދަދު 1000 ޑޮލަރަށް ބޮޑުކޮށް، ކުރެޑިޓް ކާޑުގެ ލިމިޓް ވެސް 2026 ވަނަ އަހަރުގެ ކުރީކޮޅު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރާއްޖެ އަށް އަހަރަކު 4.5 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ޑޮލަރުން ލިބުނު ނަމަވެސް، އޭގެ ތެރެއިން ބޭންކުތަކަށް ވަންނަނީ ވަރަށް ކުޑަ މިންވަރެކެވެ. ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ އެންމެ ތިން ޕަސެންޓު ވެސް ބޭންކުތަކަށް މާރު ނުކުރެއެވެ.
ބޭރުފައިސާގެ ބިލުގައި، ރިސޯޓްތަކުން ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖޭހޭ ގޮތަށް ހިމެނުމުން ރައީސް މުހައްމަދު މުއިއްޒު ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ. މީގެ ކުރިން ޑޮލަރު މައްސަލާގައި އަޅާނުލައި އޮތުމުގެ ހުރިހާ ދެރައެއް ލިބެމުންދަނީ ޑޮލަރުން އާމްދަނީ ނުލިބޭ ދިވެހި ރައްޔިތުންނަށެވެ. ރައީސް ޑރ. މުއިއްޒުގެ އާމާޒަކީ ނުފޫޒު ގަދަ ފަރާތްތަކުން އެކަމަށް ހުރަސް އެޅިއަސް، ދިވެހިންނަށް އުފުލަށް ޖެހިފައިވާ ޑޮލަރުގެ ތަކުލީފަށް ނިމުމެއް ގެނެސްދެއްވުމެވެ.