ENGLISH
06 ޖުލައި 2025
ރައީސްގެ ސިޔާސަތުގެ ތަރުތީބު: ގެދޮރުވެރިކަން ދެގޮތެއް ނުވެ އެންމެ މަތީގައި
28 ނޮވެމްބަރު 2024
|
ހިޔާވަހި ފައިނޭންސް ސްކީމް އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން ރައީސް ވާހަކަ ދައްކަވަނީ.
ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް އިސްކަން ދެއްވީ ރާއްޖޭގެ އެންމެ ބޮޑު އިޖްތިމާޢީ މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި މަހު އެމަނިކުފާން ވަނީ މުޅި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހައްލަކަށް ފުދޭ ވަރުގެ ބިޔަ ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށްދެއްވައިފައެވެ. ދެން ޖެހިގެން އައި މަހު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދިވެހިންނަށް ދެއްވި އުފާވެރި ޚަބަރަކީ ރަސްމާލޭގައި ފަސްދޮޅަސް ފަސްހާސް ފްލެޓް އަޅަން ޗައިނާ ސަރުކާރުގެ އެހީ ހަމަޖެހުނު ވާހަކަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ރައްޔިތުންނަށް އެންމެ މުހިއްމު ކަންތައްތަކަށް އިސްކަން ދެއްވައިގެން ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ގެދޮރުވެރިކަމަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހިމަނާފަ އެވެ. މީގެ ތެރޭން 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ސަރުކާރުން ސީދާ ގޮތެއްގައި ރާއްޖޭގެ އެކި ރަށްތަކަށް ބެހިގެންދާ ގޮތަށް ހިންގާނެ އެވެ.
ގެދޮރު އެޅުމަށް ކުޑަ އިންޓަރެސްޓެއްގައި ލޯނު ދޫކުރުމުގެ ސްކީމަށް އެއް ބިލިއަން ރުފިޔާ އަންނަ އަހަރު ވަނީ ކަނޑައަޅާފަ އެވެ. ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ލޯނު ދިނުމަށް ދައުލަތުގެ ބަޖެޓުގައި ކޮންމެ އަހަރަކު ވެސް އެއް ބިލިއަން ރުފިޔާ އިތުރުކުރާނެއެވެ.
ރައީސްގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވެސް ވައުދުވެވަޑައިގަތީ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށް އިސްކަން ދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވެފައި ވަނީ ސިޔާސަތަކީ ކޮންމެ ރަށެއްގައި ހުރި ނަމަވެސް އެ މީހެއްގެ އަމިއްލަ ގޯތި ނޫނީ ބިން ނޫނީ އިމާރާތް ދިރިއުޅެވޭ ވަރުގެ ބޯހިޔާވައްސަކަށް ހެދުމަށް އެހީތެރިކަން ދިނުން ކަމަށެވެ.
އެމަނިކުފާން ވިދާޅުވީ ގެދޮރުވެރިކަަމުގެ ލޯނުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް އެ މީހާގެ ގޯތި އޮވެ، ގެ އެޅޭނެ ގޮތް ނެތް މީހުންނަށް ގެ އަޅައި ނިންމޭނެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި ގެ އަޅަން ފަށާފައި ކޮންމެވެސް ސަބަބަކާ ހުރެ ނުނިންމި ހުރި މީހާއަށް އެ ގެ ނިންމާލުމުގެ ފުރުސަތު ލިބި، ގެ ބަހާފައި އޮތުމުގެ ސަބަބުން އެކުގައި ބެހެނިވެރިންނާ އެކު އެއްކޮށްލައިގެން ގެ އެޅުމަށްޓަކައި، މާލޭގައި ނަމަ 6-10 މިލިއަން އާ ދެމެދުގެ އަދަދެއް ބެހެނިވެރިން އެކުވެގެން ލިބި، ގެ އެއްކޮށް ނިންމާލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، އަމާޒަކީ ބޯހިޔާވަހިކަން ނެތި އެއްވެސް ދިވެއްސަކު ނުބެހެއްޓުން ކަމަށެވެ. މި އަމާޒަަށް ވާސިލްވުމަށްޓަކައި ރާއްޖެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ހޯދުމަށް އެކި ރަށްރަށުގައި ވެސް ގިނަ މަޝްރޫއުތައް އަންނަ އަހަރު ހިންގަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ އިބާރާތުން ނަމަ އެމަނިކުފާން ބޭނުންފުޅު ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަރުތީބުވެގެން އަންނަ އިރު ގެދޮރުވެރިކަން އެންމެ މަތީގައި، ދެގޮތެއް ނުވެ އޮތުމެވެ. އެއީ އެއްވެސް ސުވާލެއް ނެތް ސިޔާސަތެއް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.