ENGLISH
28 އޮކްޓޯބަރު 2025
މާމިގިލީ ފަޔަރ ސްޓޭޝަން ރަސްމީކޮށް ހުޅުވައި، ހޮސްޕިޓަލާއި ބީއެމްއެލް ބްރާންޗުގެ މަސައްކަތް ފަށައިފި
07 އޮކްޓޯބަރު 2025
|
މާމިގިލީގައި ގާއިމުކުރި ފަޔަރ ސްޓޭޝަން. ފޮޓޯ: ރައީސް އޮފީސް
އދ. މާމިގިލީގައި އިމާރާތްކުރި ފަޔަރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މާމިގިލީގައި ފަޔަރ ސްޓޭޝަންގެ ޤާއިމުކުރުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި މާމިގިލީގައި ތަރައްޤީކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ބްރާންޗްގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައެވެ.
މާމިގިލީގައި ފަޔަރ ސްޓޭޝަން ހުޅުވުމާއެކު، އެމްއެންޑީއެފުން ދެމުންގެންދާ އެ ސްޓޭޝަންގެ ޚިދުމަތް އެރަށުން ލިބިގެންދާނެއެވެ. ފަޔަރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި ދައުލަތުގެ ވަޒީރުންނާއި އެމްއެންޑީއެފްގެ އިސްވެރިން އަދި އެރަށުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.
މާމިގިލީ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު މޫސާ ޒަމީރެވެ.
މާމިގިލީ ހޮސްޕިޓަލުގެ ބިންގާ ވަޒީރު މޫސާ ޒަމީރު އަޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
މާމިގިލީގައި ސަރުކާރުން އިމާރާތްކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެ މަސައްކަތް ކުރަން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ބައިވެރިވެވަޑައިގަތެވެ.
މާމިގިލީ ހޮސްޕިޓަލަށް ސަރުކާރުން 105 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، މަޝްރޫޢު ނިންމަން ހަވާލުކޮށްފައިވަނީ 540 ދުވަހެވެ.
މާމިގިލީގައި ގާއިމުކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މާމިގިލީގައި އަލަށް އިމާރާތްކުރާ ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ވަޒީރު މޫސާ ޒަމީރެވެ. އަރިހުގައި ބީއެމްއެލްގެ ޗެއަރމަންގެ އިތުރުން މެނޭޖިން ޑިރެކްޓަރ އަދި މެންބަރު ޤާސިމް ބައިވެރިވަޑައިގަތެވެ.
މާމިގިލީގައި އިމާރާތްކުރާ ބީއެމްއެލްގެ އާ ބްރާންޗާއެކު، ބީއެމްއެލްއިން ދޭ ހުރިހާ ޚިދުމަތެއް އެރަށުން ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މާމިގިއްޔަށް ވަޑައިގެން މިއަދު ހެނދުނު ވަނީ އެރަށުގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރަމުންދާ ސަރަޙައްދަށް ވަޑައިގެން މަސައްކަތް ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ ހޯމަ ދުވަހުއެވެ.