ENGLISH
19 ޖޫން 2026
ކްލަސިކް: ހުޅުމާލެ ހޮސްޕިޓަލް، އެވްސެކް އަދި ހެލްތަށް ރަނގަޅު ފެށުމެއް
19 ޖޫން 2026
|
ކްލަސިކުގައި ހުޅުމާލެ ހޮސްޕިޓަލް އާއި އެޗްޕީއެސްއެން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިލް 2026 ގެ ފެށުން ހުޅުމާލެ ހޮސްޕިޓަލް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކް) އަދި ހެލްތު ރެކްރިއޭޝަން ކުލަބުން ރަނގަޅުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގެ ކުޅުން ރޭ ފެށިއިރު، މި މުބާރާތުގައި 19 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.
މި މުބާރާތުގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެން އަތުން ހުޅުމާލެ ހޮސްޕިޓަލް މޮޅުވީ ފަސޭހަކަމާއެކު 6-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ހުޅުމާލެ ހޮސްޕިޓަލްގެ ލަނޑުތައް ޖަހައިދިނީ އާދިލް އަބްދުލް ރަހުމާން، ހަސަން ނާއިފް، މުޙައްމަދު ޒައިދު އަލީ، އިބްރާހީމް ސޯލިހު އަދި ހަސަން ސޮލާހެވެ. މީގެ ތެރެއިން ޒައިދު ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި އެޗްޕީއެސްއެންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު ސާމިހު އަދި އަޙްމަދު ޝުއޫނެވެ.
ކްލަސިކުގައި އެވްސެކް އާއި ޕެމާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުން އެވްސެކް ވަނީ ރައްޔިތުންގެ މަޖިލިސް އިދާރާ (ޕެމާ) އަތުން 5-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި އެވްސެކުގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި އިބްރާހީމް ޒިޔާން، ތައުމީން ނޫހު އަދި އީމާން އިލްޔާސެވެ. އަދި ޕެމާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި އަޙްމަދުالله މުޙައްމަދު ސަދާތު އަދި އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ކްލަސިކުގައި ސީއާރްސީ އާއި ޑީޖޭއޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ބީގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ) އަދި ކުލަބު ޑީޖޭއޭ ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި މެޗުގައި ކްރިމިނަލް ކޯތުގެ ލަނޑު ޖަހައިދިނީ ޔައިޝް މުސްތަފާއެވެ. އަދި ޑީޖޭއޭއަށް ނަތީޖާ އެއްވަރުކޮށްދިނީ އިބްރާހީމް ޒަޔާނެވެ.
ކްލަސިކުގައި ހެލްތާއި އެސްއެމްއީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގެ އަނެއް މެޗުގައި ހެލްތުން ވަނީ ފަސޭހަކަމާއެކު ކުލަބު އެސްއެމްއީ ޑިޖިޓަލް އަތުން 9-4 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ހެލްތުގެ ޔޫސުފް ޝާހިދު އަދި ނިމާލް ޚާލިދު ވަނީ ހެޓްރިކް ހަދާފައެވެ. ދެން އެ ޓީމުގެ އަނެއް ލަނޑުތައް އާސިފް ހަނީފް އަދި އަބްދުالله މުއާޒް އާދަމް ކާމިޔާބުކޮށްދިންއިރު، އެސްއެމްއީގެ އާދަމް އާޒިމް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މި މެޗުގައި އެސްއެމްއީގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އަފްއާން އާދަމް، މަމްދޫހު އިބްރާހީމް، އާދަމް އާޒިމް އަދި އިބްރާހީމް އަހުޒަމެވެ.
ކްލަސިކް މުބާރާތުގެ ހަތަރު މެޗެއް މިރޭވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.