ENGLISH

19 ޖޫން 2026

Advertisement

ޖޮނަތަން ޑޭވިޑުގެ ހެޓްރިކާއެކު ކެނެޑާއަށް ތާރީޚީ މޮޅެއް

19 ޖޫން 2026

|

މުޙައްމަދު އަދުހަމް

ވޯލްޑް ކަޕުގައި ކެނެޑާގެ ޖޮނަތަން ޑޭވިޑް (ކ) ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގައި ކުޅުނު މެޗުގައި ޖޮނަތަން ޑޭވިޑް ކާމިޔާބުކުރި ހެޓްރިކާއެކު ކެނެޑާއިން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގަތަރު ބަލިކޮށްފިއެވެ.

މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި ކެނެޑާ މޮޅުވި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އޭގެކުރިން ވާދަކުރި މުބާރާތްތަކުގައި ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ.

ކެނެޑާގެ ބީސީ ޕްލޭސް ވެންކޫވަރ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ކެނެޑާއިން ލީޑުނެގީ ކައިލް ލެރިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެ ޓީމުގެ ފޯވާޑް ޑޭވިޑް ފޮނުވާލި ބޯޅައެއް، ގަތަރުގެ ކީޕަރު މަހްމޫދު އަބޫނާދާ މަތަކުރުމުން، ދެވަނަ ފަހަރަށް އެ ބޯޅަ ލެރިން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

އޭގެ 13 މިނެޓު ފަހުން ކެނެޑާގެ ދެވަނަ ލަނޑުޖަހައިދިނީ ޑޭވިޑެވެ. މިއީ އަރިމަތިން ނަގައިދިން ހުރަހެއްގެ އެހީގައި ޑޭވިޑް ކާމިޔާބުކުރި ލަނޑެކެވެ.

ކެނެޑާއިން ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް، އެ ޓީމުގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރެފުރީ ވަނީ ގަތަރުގެ ހުމާމް އަލްއަމީނަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. ކެނެޑާގެ ޓޭޖޮން ބުކަނަންއަށް އޭރިޔާތެރެއިން ފައުލްކުރި ކަމަށް ނިންމައި، ރެފުރީ އެންމެ ފުރަތަމަ ހުމާމަށް ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް، ފަހުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، އޭރިއާ ބޭރުން ހިލޭޖެހުމެއް ދޭން ނިންމުމަށްފަހު، ގަތަރުގެ ކުޅުންތެރިޔާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

މި ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޑޭވިޑް ވަނީ ކެނެޑާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިއީ އެ ޓީމުގެ ލެރިން ބޮލުން ފޮނުވާލި ބޯޅައެއް، ގަތަރުގެ ކީޕަރު އަބޫނާދާ މަތަކުރުމުން، ދެވަނަ ފަހަރަށް ލިބުނު ބޯޅައިން ކާމިޔާބުކުރި ލަނޑެކެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ކެނެޑާގެ އިސްމާއިލް ކޯނޭއަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން ގަތަރުގެ އާސިމް މަޑީބޯ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ ނުވަ ކުޅުންތެރިންނާއެކުއެވެ. މި ޓެކުލުން ލިބުނު އަނިޔާއާ ގުޅިގެން ކެނެޑާގެ ކޯނޭ ވަނީ ބަދަލުކޮށްފައެވެ.

މެޗުގައި ކެނެޑާއިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ނޭތަން ސަލީބާއެވެ. އޭނާ ކުޅެން ނުކުތީ ކޯނޭގެ ބަދަލުގައެވެ.

އޭގެފަހުން މެޗުގެ 75 ވަނަ މިނެޓުގައި ގަތަރުގެ މުޙައްމަދު އަލް މަނާއީ އަތުން ބައިކޮޅަށް ވަން ލަނޑަކުން ކެނެޑާއިން ލީޑު އިތުރަށް ފުޅާކުރިއެވެ. އަދި އޭގެފަހުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޑޭވިޑް ވަނީ ހެޓްރިކް ފުރިހަމަކޮށް، ކެނެޑާ ރިކޯޑު ބޮޑު މޮޅެއް ހޯދައިދީފައެވެ.

މި މެޗުން ހޯދީ މޮޅާއެކު ކެނެޑާ ވަނީ ގްރޫޕް ބީގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. އެއްވަނައިގައި އުޅޭ ކެނެޑާ އާއި ދެވަނައިގައި އޮތް ސްވިޒަލެންޑަށްވެސް ލިބިފައިވަނީ ދެ މެޗުން ހަތަރު ޕޮއިންޓެވެ. ކެނެޑާއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު