ENGLISH

19 ޖޫން 2026

Advertisement

ބޮސްނިއާ ބަލިކޮށް ސްވިޒަލެންޑް ގްރޫޕުގެ އެއްވަނައަށް

19 ޖޫން 2026

|

ސުވެއިދާ ހުސެއިން

ވޯލްޑް ކަޕުގައި ސްވިޒަލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގުރޫޕް އޭގައި މިރޭ ބޮސްނިއާ ބަލިކޮށް، މި ގްރޫޕުގެ އެއްވަނައަށް ސްވިޒަލެންޑް ޖެހިލައިފިއެވެ.

އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ސްވިޒަލެންޑުން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކައި، ގިނަ ހަމަލާތަކެއް ތަނަވަސްކުރީ ސްވިޒަލެންޑުންނެވެ. އޭގެ ބަދަލުގައި ބޮސްނިއާގެ ފަރާތުން ފެނިގެންދިޔައީ ޑިފެންސިވް ކުޅުމެކެވެ. ނަމަވެސް ލިބޭ ފުރުސަތުގައި ބޮސްނިއާއިންވެސް ދިޔައީ ސްވިޒަލެންޑުގެ ގޯލަށް ނުރައްކާވާ ފަދަ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު، މެޗުގައި ދެ ޓީމުން ކާމިޔާބުކުރި ފަސް ލަނޑު ޖަހާފައިވަނީ މެޗުގެ ފަހު 16 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ސްވިޒަލެންޑުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އުމުރުން 20 އަހަރުގެ ޔޯހަން މަންޒަމްބީއެވެ.

ވޯލްޑް ކަޕުގައި ސްވިޒަލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ

މި ލަނޑާއެކު ސްވިޒަލެންޑުގެ ކުޅުން އިތުރަށް ރަނގަޅުވިއިރު، ބޮސްނިއާ ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި ބޮސްނިއާގެ ޓަރީކް މުހަރެމޮވިޗަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ސްވިޒެލެންޑުގެ ބްރީލް އެމްބޯލޯ، ބޯޅައާއެކު ޕެނަލްޓީ އޭރިއާއާ ދިމާލަށް ދުވެ ގޯލަށް ފޮނުވާލަން ތައްޔާރުވި ވަގުތު ކުރި ނުރައްކާތެރި ޓެކްލްއަކާ ގުޅިގެންނެވެ.

މިއާއެކު ބޮސްނިއާއަށް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހިފައިވަނިކޮށް، ފުރުސަތުގެ ބޭނުން ހިފައި ސްވިޒަލެންޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 84 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރުބެން ވާގަސްއެވެ. އޭގެ ފަހުން މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސްވިޒަލެންޑުން އިތުރު ލަނޑެއް ޖެހިއިރު، މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން މަންޒަމްބީއެވެ.

އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ބޮސްނިއާއަށް ލިބުނު ފުރުސަތެއްގައި އެ ޓީމުން ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެރްމިން މަމިޗެވެ. އެކަމަކު މެޗުގެ ފަހު މިނެޓު ކޮޅުގައި، ގޯލު އޭރިއާގެ ތެރެއިން ސްވިޒަލެންޑުގެ ޖިބްރީލް ސޯ ހުއްޓުވުމަށް އުޅުމުގެ ތެރޭގައި ބޮސްނިއާގެ މަމިޗް ކުރި ފައުލަކާ ގުޅިގެން  ލިބުނު ޕެނެލްޓީއަކުން ކެޕްޓަން ގްރޭނިޓް ޝަކާ ވަނީ ސްވިޒަލެންޑުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި ނަތީޖާއާއެކު ސްވިޒަލެންޑް މި ވަނީ މި ގުރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމުން ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދިއިރު، ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ވަނީ ގަތަރާ އެއްވަރުވެފައެވެ. މި މެޗުން ބަލިވި ބޮސްނިއާ ވަނީ ފުރަތަމަ މެޗުގައި ކެނެޑާއާ އެއްވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު