ENGLISH

19 ޖޫން 2026

Advertisement

ދެކުނު ކޮރެއާ ބަލިކޮށް، އެއްވަނަ ޓީމުގެ ގޮތުގައި މެކްސިކޯ ދެވަނަ ބުރަށް

19 ޖޫން 2026

|

މުޙައްމަދު އަދުހަމް

ވޯލްޑް ކަޕުގައި ދެކުނު ކޮރެއާ ކޮޅަށް ލަނޑު ޖެހުމަށްފަހު މެކްސިކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އޭގައި މިއަދު ހެނދުނު ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ދެކުނު ކޮރެއާ ބަލިކޮށް، މެކްސިކޯއިން މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މި ނަތީޖާއާއެކު މެކްސިކޯ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއެކު، އެ ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ. ދެވަނައިގައި އުޅޭ ކޮރެއާއަށް ބާކީ އޮތް މެޗުން މޮޅުވެ، ފަހު މެޗުގައި މެކްސިކޯ ބަލިވިކަމުގައިވިޔަސް ހެޑް-ޓު-ހެޑް އުސޫލުން މި ގްރޫޕުގެ އެއްވަނަ ނުލިބޭނެއެވެ.

މެކްސިކޯގެ ގުއަޑަލަހަރާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 50 ވަނަ މިނެޓުގައި މެކްސިކޯއަށް ކާމިޔާބުކޮށްދިނީ ލުއިސް ރޯމޯއެވެ.

މީގެއިތުރުން، މެކްސިކޯގެ ރައުލް ހިމެނޭޒް އާއި ބްރިއަން ގުޓިރޭޒް އަދި ޖޫލިއަން ކުއިނޯނޭސް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މި ބޯޅަތައް ދެކުނު ކޮރެއާގެ ކީޕަރު، ކިމް ސިއުންގްގިޔޫ ވަނީ ހުއްޓުވައިފައެވެ.

މެޗުނިމެންދަނިކޮށް، ދެކުނު ކޮރެއާގެ ކުޅުންތެރިން ޕެނަލްޓީ އޭރިޔާތެރެއިން ފުލުފުލުގައި ފޮނުވާލި ދެ ބޯޅަ މެކްސިކޯގެ ކީޕަރު، ރައުލް ރަންހެލް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

މި މުބާރާތުގައި މެކްސިކޯއަށް ދެން އޮތީ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވާ ބުރާސްފަތި ދުވަހު ރާއްޖެގަޑިން ހެނދުނު 6 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު