ENGLISH

29 އޮކްޓޯބަރު 2025

Advertisement

އދ. ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ޞިއްޙީ މަރުކަޒާއި އެފްއާރުސީގެ ބިންގާ އަޅައިފި

06 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

އދ. ދިއްދޫ ޞިއްޙި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، އދ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައި، ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އެ ތިން މަޝްރޫޢުގެ އިތުރުން، އެރަށުގައި ތަރައްގީކުރާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވަޑައިގެންނެވިއެވެ. 

އާބާދީގައި 234 މީހުން ދިރިއުޅޭ ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، މީގެކުރިން އެރަށު ރައްޔިތުން ފައިސާގެ މުއާމަލާތްތައް ކުރުމަށް ކުރި ތަކުލީފަށް ވަނީ ނިމުން އައިސްފައެވެ. ރައީސުލްޖުމްހޫރިއްޔާ ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވިއިރު، އަރިހުގައި ބީއެމްއެލްގެ ޗެއަރމަން އަދި މެނޭޖިން ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ. 

ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވުން. ފޮޓޯ: ރައީސް އޮފީސް

ދިއްދޫގައި ތަރައްޤީކުރާ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރު އެވެ. އަރިހުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީ އާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު އަދި ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން ޢަބްދުﷲ ބައިވެރިވަޑައިގަތެވެ. 

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މުޅި ރާއްޖޭގައި ސަރުކާރުން ބިނާކުރަމުން އަންނަ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އެޅުމުގެ މަސައްކަތް ދިއްދޫގައި ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. 

ދިއްދޫގައި ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަތް ކުރާނީ އެމްއޭސީއެލްއިންނެވެ. ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިއްދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާއި ވަނީ ބައްދަލުކުރައްވައިފައެވެ. އަދި، ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މުހިއްމު ކަންކަމުގައި މަޝްވަރާކުރައްވާފައިވެއެވެ. 

ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިއްދޫގެ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި ހުރިގޮތުން، ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ހުރިކަމަށް ކައުންސިލުން ފާހަގަކުރިއެވެ. އަދި، އެ މައްސަލައަށް ހައްލެއް ނުލިބި ސާޅީހަކަށް އަހަރު ވެފައިވާކަމަށް އެރަށުން ފާހަގަކޮށްފައިވެއެވެ. 

ކައުންސިލުން ސަރުކާރުގައި އެދުނު މުހިއްމު އިތުރު ކަންކަމަކީ، އެރަށުގައި ކިޔަވައިދޭ ސެޓެލައިޓް ސްކޫލިންގެ ސެޝަންތައް ފިޒިކަލް ސެޝަންތަކަށް ބަދަލުކޮށްދިނުމާއި، ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދެވުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު