ENGLISH

19 އޮކްޓޯބަރު 2025

Advertisement

އދ. ދިއްދޫ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފަށައިފި

06 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

އދ. ދިއްދޫގައި ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އެމްޓީސީސީ

އދ. ދިއްދޫ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަށައިފިއެވެ. 

އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިއްދު އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގެ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސަޢުދީ އާއި ދިއްދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

234 މީހުންގެ އާބާދީއެއް އޮންނަ ދިއްދޫގެ ފުޓްސަލް ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. ފުޓްސަލް އަށް ލޯބިކުރާ ގިނަ އަދަދެއްގެ ޒުވާނުން ނިސްބަތްވާ ދިއްދޫގެ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް މިއަދު ފެށިގެންދިޔައިރު، މި މަޝްރޫޢު ނިމުމާއެކު ހުސް ގަޑީގައި މުނިފޫހިފިލުވާލުމަށާއި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި ފުޓްސަލް ކުޅޭޏެ ދަނޑެއް އެ ރަށު ރައްޔިތުންނަށް ލިބިގެންދާނެ އެވެ. މިއީ އެ ރަށުގެ އިޖުތިމާއީ ތަރައްޤީ އަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.

މި މަޝްރޫޢުގެ ދަށުން، ބިންގަނޑުގެ މަސައްކަތްތަކާއި، ކޮންކްރިޓް މަސައްކަތްތަކާއި، ވަށާފާރު ރޭނުމާއި، ކަރަންޓު މަސައްކަތްތައް ކުރާނެ ކަމުގައި އެމްޓީސީސީން ބުނެއެވެ. މި މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 120 ދުވަހުން ނިންމާގޮތަށް، 1.74 މިލިއަން ރުފިޔާ އަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު