ENGLISH

02 ފެބްރުއަރީ 2026

Advertisement

ފިޔޯރީ މަސް ފެކްޓްރީގެ މަޝްރޫޢޫ ފޯރުކޮށްދިނުމުގައި ރައީސް ކޮށްދެއްވި މަސައްކަތްޕުޅަށް ނައިބު ރައީސް ޝުކުރުއަދާކުރައްވައިފި

02 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު

ގދ. ފިޔޯރީގައި ގާއިމުކުރާ މަސް ފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށިގެންދިޔައިރު، މަޝްރޫޢުގެ ޙައްޤު ޝުކުރު އަދާކުރަންޖެހޭ އެއްބޭފުޅަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ފިޔޯރީގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ، މަޝްރޫޢުގެ މަޝްވަރާތައް އެކި ލެވެލްތަކުގައި ކުރިއަށްގެންދެވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންނެވި ކަމަށެވެ.

"އެވާހަކަތައް އޭރުގެ ބާރުމިނުގައި ގެންދިޔައިރު އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެ ޓޭބަލްތަކުގައި އިންނެވި. އެމަނިކުފާނު އެވާހަކަތައް އަޑުއައްސަވަމުން ގެންދެވި. އަޅުގަނޑުމެންގެ ސައްލާތައް ރައްޔިތުންގެ މަޖިލީހާ ހަމައަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެންގެ ޕާޓީ ލީޑަރޝިޕް ތެރޭގައި މަޝްވަރާކުރަމުން ދިޔައިރު އެމަނިކުފާނު އެތަނުގައި އިންނަވަމުން ގެންދެވި" ނައިބު ރައީސް ވިދާޅުވިއެވެ.

މަޝްވަރާތަކަށް ފަހު މަސްވެރިންނަށް މިކަމުގެ މުހިއްމުކަން ބޮޑުވެފައި އޮތް މިންވަރު އެމަނިކުފާނަށް ގަބޫލުފުޅުކުރެވިގެން ދިޔަކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި، މަސް ފެކްޓަރީގެ މަޝްރޫޢުގެ ވާހަކަ އެމަނިކުފާނަށް ރަސްމީކޮށް ރިޔާސީ ވައުދެއްގެ ގޮތުގައި ވެވަޑައިގަތުމަށް ހުށަހެޅުއްވި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ވަޢުދުފުޅެއްގެ ގޮތުގައި މަޝްރޫޢު ހިމަނައިދެއްވުމުން ދޭހަކޮށްދެނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ ކަންކަން ބަލައި ދިރާސާކޮށް އެކަމުގައި ހައްލު ހޯދޭނެ ގޮތްތައް އަޑުއައްސަވާ ބޭފުޅެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

"އެހެންވީމާ މިއަދު މި މަޝްރޫޢު ފެށިގެން ދިއުމުގެ ޙައްޤު ޝުކުރު އަދާކުރަންޖެހޭ އެއްބޭފުޅަކީ މިކަން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިނުމުގަ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް. އެމަނިކުފާނަށް ވަރަށް އިޚްލާސްތެރި ޝުކުރެއް ދަންނަވަން" - ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަތީފް 

ނައިބު ރައީސް ވިދާޅުވީ ކަންކަން ކުރެއްވުމުގައި ވަގުތު ނެންގެވިކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވާނީ ރައްޔިތުންނާ އެންމެ ފައިދާހުރި ގޮތަކަށް އަދި އެ މަޝްރޫޢަކުން ހަޤީގީ މަންފާ ލިބޭނެ ގޮތަކަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތައް އޭރުވެސް އަދި މިހާރު ވެސް ސަރުކާރުން އަޑުއަހާނެ ކަމަށެވެ.

ފިޔޯރީއަކީ 2009 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމުމާ ހަމައަށް ރައްޔިތުންގެ މަޖިލީހުގައި ނައިބުރައީސް ތަމްސީލުކުރެއްވި ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ރަށެކެވެ.

އެ ފެކްޓަރީ އެޅުމަށް ބޭނުންވާ 6.5 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ ނޮވެންބަރު 8، 2025 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާއެވެ.

ކިޔުންތެރިންގެ ހިޔާލު