ENGLISH

22 މޭ 2026

Advertisement

ސްޓޭޓް ފާމާގެ ފުރަތަަމަ ބޭސްފިހާރަ ހުޅުވުން، ޖުލައިގެ ތެރޭ ބޮޑު ބަދަލެއް ފެންނާނެ: ރައީސް

21 މޭ 2026

|

އަޙުމަދު ޙަމީދު

ބޭސް ލިބުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އުފައްދާފައިވާ ސްޓޭޓްފާމާ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ ސަރުކާރުގެ މައި ހޮސްޕިޓަލުކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުޅުވާފައިވާއިރު އަހަރު މެދުތެރޭ އެ ކުންފުނީގެ މަސައްކަތުން ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމްއާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާއިރު ކުރިއަށް އޮތްތާ ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ދައްޗެއް ނެތި ބޭސް ލިބުމާއި ބޭސް ނުލިބޭ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ.

"އަހަރުގެ މެދަކާ ހަމައަށް ދާއިރުގައި ވަރަށް، ވަރަށް ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

"ސްޓޭފާމާ އައިޖީއެމްއެޗް ފާމަސީ"ގެ ނަމުގައި އަލަށް ހުޅުވި ބޭސްފިހާރަ ގާއިމުކުރީ އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ދަށުން ހުޅުވުނު ފުރަތަމަ ބޭސްފިހާރަ އެވެ.

އެ ކުންފުނިން ބުނެފައިވަނީ އެ ބޭސްފިހާރަ ހުޅުވުމަކީ ފެންވަރު ރަނގަޅު ބޭސް ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ. 

ސްޓޭޓް ފާމާއިން ބުނެފައިވަނީ ބޭސްފަރުވާގެ ހިދުމަތް ދަތިކަމެއް ނެތި މެދުނުކެނޑި ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރުކުރުމުގެ ގޮތުން އެ ކުންފުނިން ހުޅުވި ބޭސްފިހާރައަކީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެތަނުގައި ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. 

ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ސްޓޭޓް ފާމާއިން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި، އޭޕްރީލު 1، 2026 ވަނަ ދުވަހުން ފެށިގެން 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިނެއް ތައާރަފުކުރުމާއި، ސްޓޭޓް ފާމާގެ ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު ހިދުމަތަށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. 

އެ ކުންފުނިން ބުނެފައިވަނީ އައިޖީއެމްއެޗްގައި ހުޅުވި ސްޓޭޓް ފާމާގެ ބޭސްފިހާރަ މެދުވެރިކޮަަށް ބޭސް ސިޓީ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހުމަކީ، ރައްޔިތުންނަށް ބޭސް ހޯދުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް ދެކޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު