ENGLISH

21 މޭ 2026

Advertisement

ތަރައްޤީގެ ރޭހުގައި ބޮޑު ކާމިޔާބީއެއް: ދެ އަހަރާއި ބައިން 1100 ހެކްޓަރުގެ ބިން ހިއްކައިފި

21 މޭ 2026

|

އަޙުމަދު ޙަމީދު

މިރޭގެ ޕްރަގްރާމްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --

މިދިޔަ ދެ އަހަރާއި ބައިން 1100 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށާ ރާއްޖެ ތަރައްޤީ ކުރުމަށް ފަށާފައިވާ މަސައްކަތުގައި މިދިޔަ ދެ އަހަރެއްހާ ދުވަހު ބޮޑު ކާމީޔާބެއް ހޯދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމްއާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އުމްރާނީ ތަރައްޤީއެއް ނެތި އެއްވެސް ޤައުމެއްގެ ތަރައްޤީ ފުރިހަމަ ނުވާނެ ކަމަށެވެ.

އެހެން ކަމުން މިދިޔަ ދެ އަހަރުބައިގެ ތެރޭގައި ބޯހިޔާވަހިކަމާއި ބަނދަރާއި މަގު ހެދުމާއި ހޮސްޕިޓަލް މަޝްރޫޢުތައް ފެށި އެކި މަރުހަލާތަކުގައި ހުރިކަން ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ މި މުއްދަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ބޭރުގެ ދަރަނި ދެއްކެވުމަށެވެ.

އެގޮތުން ރޭވުންތެރިކަމާއެކު ފައިސާ ޖަމާކޮށް ބިލިއަނެއްހާ ރުފިޔާގެ ދަރަނި މިދިޔަ 40 ދުވަސްތެރޭ ދައްކަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ރަސްމާލޭގެ އިތުރުން 21 ރަށަކުން 1100 ހެކްޓަރުގެ ބިން ހިއްކައިފި

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 1100 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އޭގެ ތެރެއިން ރަސްމާލޭ ހިއްކުމުގެ މަޝްރޫޢު ރައީސް ފާހަަގަ ކުރެއްވި އެވެ. ރަސްމާލެ އަކީ އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި އެންމެ މުހިންމު އެއް މަޝްރޫޢު އެވެ.

ރައީސް ވިދާޅުވީ ރައީސް ރަސްމާލޭގެ އިތުރުން 21 ރަށަކުން 1100 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާފައިވާ ކަމަށެވެ.

އަދި ފެނާއި ނަރުދަމާގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުހަލާތަކުގައި ހިނގަމުންދާކަން ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ ބަޖެޓްގެ ދަތިކަމާއި އަދި މިހާރު ފެށިފައިވާ ހަނގުރާމައާއެކު ވެސް ތަރައްޤީގެ ރޭހުގައި ރަނގަޅު ކާމިޔާބީއެއް ހޯދިފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށުން

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ އެންމެ އިސްކަން އޮތް ސިޔާސަތަކީ ބޯހިޔާވަހިކަން ކަަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކާއި ވަޢުދުވެފައިވާ މަޝްރޫޢުތައް ނިންމުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރިކަން ރައީސް ފާހަަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ފޭސް ތިނެއް ހިއްކާ އެތަނުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ގިރާވަޅުފަޅާއި ގުޅިފަޅު ހިއްކުމުގެ މަސައްކަޔް ކުރިއަސްދާ ގޮތަށެވެ.

ރަސްމާލެއާ އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫޢުވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދޭ ގޯތި ދޭނީ ހިއްކާފައި. މިިދިޔަ ސަރުކާރުގައި އެކަމަކަށް ނުބަލާ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން ފެށި ފަހިދިރުއުޅުން ފްލެޓްތަކުގެ 70 ޕަސެންޓް ހުރީ ނުނިމި ކަމަށާ ނަަމަވެސް ދެ އަހަރުތެރޭ އެތަންތަން ނިންމާ މީހުން ފްލެޓަށް ވަދެފައިވާ ކަމަށެވެ. 

މީގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ޖުމްލަ 900 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މާލެ ސަރަހައްދުގައި 4,000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާއިރު އެކި ފަރާތްތަކަށް ހަވާލުކޮށްގެން އިތުރު 2,000 ފްލެޓްގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ އެލްއޯސީގެ ދަށުން 4,000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާއިރު އެ މަޝްރޫޢުވެސް އަވަހަށް ފެށޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ޗައިނާގެ އެހީގައި އިތުރު 500 ހައުސިން ޔުނިޓް އިމާރާތް ކުރެވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދުކުރަން މީގެ އިތުރު މަޝްރޫޢުތައް އަދި މި އަހަރުގެތެރޭގައި ފެށޭނެ ކަމަށް،"

ރައީސް ވިދާޅުވީ ވައުދުފުއްދެވުމުގައި ރަނގަޅު ނަތީޖާތަކެއް މި ދައުރުގެ ތެރޭގައި ނެރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު