ENGLISH
21 މޭ 2026
ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެނެސްފިން، ރައީސްގެ އިލްތިމާސަކީ ވާދަވެރީން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުން
21 މޭ 2026
|
މިރޭގެ ޕްރަގްރާމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
އެންމެ މަޤްބޫލު
ސިޔާސީގޮތުން އޮތީ ބަދަލު ހިފުމާއި ވާދަވެރީން ޖަލަށްލައި އަނިޔާވެރިވުމުގެ ސަޤާފަތް ނިމުމަކަށް ގެންނަވާފައިވާ ކަމަށާ އެއީ ހޯއްދެވުނު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
"ނޭޝަން ޗެޓް" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާ އެކަން ހާސިލުކުރެއްވިއްޖެ ކަމަށެވެ. މިއަދު ސިޔާސީ މީހަކަށް ވެގެން އެއްވެސް ބިރެއް އޮންނާނެ ކަމަށާ މިނިވަންކަމާއެކު ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ.
އަދި ދެ އަހަރާއި ބައިގެ ތެރޭގައި އެއްވެސް ސިޔާސީ ވެރިއަކަށް ބަދަލު ހިފުމުގެ ގޮތުން އަނިޔާވެރިވެފައިނުވާނެ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑު ވަޢުދުވީ އެކަން ނިންމަން. އިރާދަކުރެއްވޭތީ ރާއްޖޭގައި ނޯންނާނެ ސިޔާސީ ގޮތުން ޖަލަށްލާފައި ހުރި މީހެއް ނޯންނާނެ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި. އެއީ އަޅުގަނޑުގެ އެޗީވްމަންޓެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އަޅުގަނޑުގެ ވަޢުދެއް ފުއްދިފައި އެވަނީ. ސިޔާސީ ވެރިއަކު އަދި އަމުދުން ކުރީގެ ރައީސްކަން ކޮށްފައިވާ މީހަކު ޖަލަކަށް ނުލަން. ކުރީގެ ސަަރުކާރުތަކުގައި 'ހޮބީ' އެއް ކަހަލަ ކަމެއްގެ ގޮތުގައި އޮތީ ކުރީގެ ރައީސުން ޖަލަށްލުން ކޮންމެސް ގޮތެއް ހަދާފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޗާޓުން ބޭރުން ވެރިކަން ބަދަލުކުރަން އުޅުމާއި ޤައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރުމުގެ މާނައެއް އެބައޮތްތޯ މިއަދު ހުރިހާ ރައްޔިތުން ވެސް ސުވާލުކޮށްލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރާއި ދެކޮޅުވެރިކަން ދެއްކުމަށް ޑިމޮކްރެޓިކް ނިޒާމު ފުނޑާލުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމުގައި ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމަށާ އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ރާއްޖޭގައި ކަންކަން ހިނގާނެކަން ކަށަވަރު ކުރައްވާފައިވާ ކަމުގައި ވިދާޅުވެފަ އެވެ. ނަމަވެސް މިހުރިހާ މަަސައްކަތެއް ކާމިޔާބުވީއިރު ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނުވަތަ ވެރީން ނެތުމަކީ ކަންބޮޑުވުމެއް ކަމުގައި ވިދާޅުވި އެވެ.
"ޒިންމާދާރު އޮޕޮޒިޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވާށޭ. މި ޤައުމުގައި ނެތީ ޒިންމާދާރު އޮޕޮޒިޝަނެއް މިހާރު. ޒިންމާދާރު އޮޕޮޒިޝަނަކީ ސަރުކާރު ޒިންމާދާރުކުރުވާނެ ބަޔަކަށްވާނެ. އަދި ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރާނަމަ އެއްބާރުލުންވެސް ދޭނެ،" ރައީސް ވިދާޅުވި އެވެ.