ENGLISH

02 ފެބްރުއަރީ 2026

Advertisement

އެއް ދުވަހެއްގައި ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިއްޔެ

02 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

ފަތުރުވެރިންތަކެއް ވީއައިއޭ އަށް ފައިބަނީ. --ފޮޓޯ: މޯލްޑިވިއަން

އިއްޔެ އަކީ އެއް ދުވަހެއްގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ހަފުތާގެ އާދީއްތަ ދުވަހު ރާއްޖެ އަށް 10،253 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަސް ކަމުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެކުރީން، ފަހުގެ ތާރީހެއްގައި ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެ އަށް 10،213 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

މި އަހަރު ފެށިގެން މިހާތަނަށްއައިއިރު ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އެގޮތުން، މިއަހަރަކީ ރާއްޖެ އަށް މިހާތަނަށް އެންމެ އަވަހަށް 2 ލައްކަ ފަތުރުވެރިން ހަމަވި އަހަރުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، ނިމިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވެސް ރާއްޖެ އަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް (ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް) ރާއްޖެ އަށް މުޅި ޖުމްލަ 235،041 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރާތްކުރި 224،358 ފަތުރުވެރިންނާ އަޅާބަލާއިރު، 4.8 އިންސައްތައިގެ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން އައީ 30،484 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ޗައިނާ އިން 24،576 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިޓަލީންނެވެ. އެ ގައުމުން އައީ 24،498 ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އަހަރުން އަހަރަށް ކުރިއެރުން ލިބެމުންއަންނައިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު