ENGLISH
02 ފެބްރުއަރީ 2026
ފިޔޯރީގައި މަސް ފެކްޓަރީ އެޅުމަކީ ހިކުމަތްތެރި ނިންމެވުމެއް: ޝިޔާމް
02 ފެބްރުއަރީ 2026
|
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް
ގދ.ފިޔޯރީގައި މަސް ފެކްޓަރީއެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ހިކުމަތްތެރި ނިންމެވުމެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ފިޔޯރީގައި މަސް ފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހިއްކައި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ މަސް ފެކްޓަރީތަކާއި ކޯލްޑް ސްޓޮރޭޖުތައް މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރަން އިސްކަންދޭއިރު، އެ ވަސީލަތްތައް ގާއިމުކުރުމުގެ ސަބަބުން އެ ރަށްރަށުގެ މަސްވެރިކަން ހަލާކުނުވާނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ސަރުކާރުން ހާއްސަ ސަަމާލުކަމެއް ދޭ ކަމަށެވެ.
ފިޔޯރީއަކީ ކުރިން މަސްވެރިކަން އޮތް ރަށެއް ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެ ރަށުގައި މަސްވެރިކަން ނެތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ރަށާ ޖެހިގެން އޮތް ގދ.ފަރެސްމާތޮޑާއަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ރަށެއް ކަމަށެވެ. އެހެންކަމުން ފެކްޓަރީ ފިޔޯރީގައި އެޅުމަށް ރައީސް ނިންމެވި ނިންމެވުމަކީ ހިކުމަތްތެރިކަމާއެކު ނިންމެވި ނިންމެވުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވި ގޮތުގައި މިހާރު ރައީސް ކުރިއަށްގެންދަވާ މަޝްރޫއުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަސައްކަތްތަކެއް ކަމަށެވެ. ރަނގަޅަށް މަސްވެރިކަންކުރާ އަހަރެއްގައި 120،000 ޓަނަށްވުރެ ގިނަ މަސް މަސްވެރިން ކިރުވާކަމާއި، ރާއްޖެއިން އަހަރެއްގެ މައްޗަށް ބޭރުކުރެވެނީ 70،000 އެއްހައި ޓަނުގެ މަސްކަން ފާހަގކުރައްވަމުން ވަޒީރު ވިދާޅުވީ ބޭރުކުރާ މަހުގެ 85 އިންސައްތަ ބޭރުކުރަނީ ރޯ މެޓީރިއަލްގެ ގޮތުގައި އަގު އިތުރުނުކޮށް ކަމަށެވެ. އަގު އެއްކޮށްގެން ބޭރުކުރެވެނީ އެންމެ 15 އިންސައްތަ މަސްކަން ޝިޔާމު ފާހަގަކުރެއްވިއެވެ.
އަގު އިތުރުކޮށްގެން މަސް ބޭރުނުކުރެވުމުގެ ސަބަބުން މަސްވެރިކަމުން ދިވެހި ދައުލަތަށް ލިބެންޖެހޭ އާމްދަނީ އެކަށީގެންވާ ގޮތުގައި ނުލިބޭކަަމަށާއި، އެއީ ހުރިހާ ސަރުކާރުތަކަށްވެސް އެނގޭ ކަމެއް ކަމަށްވީ ނަމަވެސް ސްޓޮރޭޖު ފެސިލިޓީތަކާއި ކާރުހާނާތައް ގާއިމުކުރުމަކީ ހަރަަދު ބޮޑު ކަމަކަށްވުމުން އެކަން ކުރެވިފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އަގު އެއްކުރުމުގެ ކެޕޭސިޓީގެ ގޮތުގައި މިއަދު އޮތް 50 ޓަނުގެ ކެޕޭސިޓީ 300 ޓަނުގެ ކެޕޭސިޓީއަށް ބަދަލުކުރުން. އޭގެ އެއް މަޝްރޫއު މިތާގައި ކުރިއަށްމިދަނީ،" ޝިޔާމު ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލުކަން ހުރީ 9،500 ޓަނުގެ މަސް ރައްކާކުރެވޭ މިންވަރަށްކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ އެކަމުގެ ސަބަބުން ބޭރުގެ ބާޒާރުގައި މަހުގެ އަގު ކޮންމެ ގޮތަކަށް ހުއްޓަސް މަސް ބޭރުކުރަން މަޖުބޫރުވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މަސް ކުންފުނިތައް ހިންގަަންޖެހެނީ ގެއްލުމުގައި ކަމަށެވެ.
ކުރީގެ ސަރުކާރުތަކުންވެސް އަދި މިއަދުގެ ސަރުކާރުންވެސް ބޭނުންވަނީ ބައިނަލްއަގުވާމީ ބާޒާރުގައި އެންމެ ރަނގަޅު އަގު ލިބެން އޮތް ވަގުތުގައި މަސް ބޭރުކުރަންކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ ހާލަތު ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. ޝިޔާމު ވިދާޅުވީ ރައީސް މިހާރުވަނީ އެކަމުގެ އަމަލީ މަސައްކަތް ފައްޓަވާފައި ކަމަށެވެ.
ޝިޔާމު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ބިން ހިއްކައި ބަނދަރު ތަރައްގީކޮށް 2027 ވަނަ އަހަރުގެ ފަހުކޮޅުގައި މަސް ފެކްޓަރީގެ މަސައްކަތް ނިންމައިލުމެވެ.