ENGLISH

02 ފެބްރުއަރީ 2026

Advertisement

ރާއްޖޭގައި 2019 ވަނަ އަހަރަށް ފަހު ހުއްޓާލި އޭލެވެލް މޭ/ޖޫން އިންތިހާނު އަލުން ބާއްވަން ފަށަނީ

02 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

އޭލެވެލް ކިޔަވާ ދަރިވަރުންތަކެއް ސްކޫލެއްގައި. ފޮޓޯ: ދަރިވަރު.ކޮމް

ރާއްޖޭގައި 2019 ވަނަ އަހަރަށް ފަހު ހުއްޓާލި އޭލެވެލް އެޑެކްސެލް މޭ/ޖޫން އިމްތިހާނު ރާއްޖޭގައި އަލުން ބާއްވަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާއްމުކުރި ބަޔާނުގައި ވަނީ އެ އިމްތިހާން އަލުން ބާއްވަން ނިންމާފައިވާކަން ހާމަކޮށްފައެވެ. 

އެ ބަޔާނުގައި ބުނީ، ރާއްޖޭގައި އެ އިމްތިހާން ހުއްޓާލުމާއި ގުޅިގެން އިމްތިހާން ހަދަން ބޭނުންވާ ކެންޑިޑޭޓުން، ރާއްޖޭން ބޭރަށް ދަތުރުފަތުރުކުރުމަށާއި ހުރުމުގެ ޚަރަދަށް އެކަނި ވެސް، އެވްރެޖްގޮތެއްގައި 30،000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ޚަރަދުވާކަން ތަފާސްހިސާބުތަކުން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. 

އިމްތިހާނު ރާއްޖޭގައި ނުބޭއްވޭތީ މިދިޔަ އަހަރުތަކުގައި ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އަދި، މިއަހަރު ދަރިވަރުން ވަނީ އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. 

"މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޭލެވެލް އެޑެކްސެލްގެ މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް، މިއަހަރުން ފެށިގެން އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް، ރާއްޖޭގައި އަލުން ބާއްވާގޮތަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ." އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނުގައި ވެއެވެ. 

އެ މިނިސްޓްރީން ބުނީ އިމްތިހާނާ ގުޅޭ މައުލޫމާތު، 2026 ފެބްރުވަރީ 4 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން އާއްމުކުރަންގެންދާނެ ކަމަށެވެ. 

އެޑެކްސެލް މޭ/ޖޫން ސީރީސް ރާއްޖޭގައި އަލުން ފެށިނަމަވެސް، ސްކޫލް ދަރިވަރުންގެ އޭލެވެލް އިމްތިހާނު މިހާރެކޭ އެއްގޮތަށް އޮންނާނީ އޮކްޓޫބަރު/ނޮވެމްބަރު މަހުގައި ކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު