ENGLISH

21 މޭ 2026

Advertisement

ލިބުނު ލުޔާ އެކު ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ އަދަދުތައް އިތުރުކުރެވޭނެ: މުންދު

21 މޭ 2026

|

ޢަލީ ޝަހީމް

ނޫސްވެރިންނާއެކު ކޮންމެ ބުރާސްފަތި ދުވަހަކު މުންދު ބާއްވަވާ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފު ނެގުން 20 މޭ 2026 ވަނަ ދުވަހުން ފެށިގެން ދެ އަހަރަށް ހުއްޓައިލުމަށް އިނގިރޭސި ސަރުކާރުން ނިންމުމުން، ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ އަދަދުތައް އިތުރުކުރެވޭނެކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. 

އިނގިރޭސި ސަރުކާރުގެ ނިންމުމާއެކު ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ކުރިއަށް އޮތް ދެ އަހަރަށް ޓެރިފް ނުވަތަ ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، އިނގިރޭސިވިލާތަށް ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ މިހާރު އޮތީ ނުވަ ވަނައިގަ ކަމަށެވެ. މިފަހަރު ލިބިގެންދިޔަ ލުޔކާ އެކު އެގައުމަށް ރާއްޖެން އެކްސްޕޯޓްކުރާ އަދަދުތައް އިތުރުކުރެވިގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މުންދު ވިދާޅުވިއެވެ. 

ރާއްޖޭން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 20 އިންސައްތަ ނަގަމުންދިއުމަކީ ދިވެހި މަސްވެރިންގެ ޝަކުވާއެކެވެ. މިދިޔަ އަހަރުތަކުގައި ޑިއުޓީ ކަނޑާލުމަށް ގިނަ މަޝްވަރާތަކެއް ކުރިނަމަވެސް އެކަން އޮތީ ކާމިޔާބުނުވެއެވެ. 

މުންދު ވިދާޅުވީ ރާއްޖޭން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ބާވަތްތަކުގެ ތެރެއިން ދަޅުމަހާއި ޕައުޗް ޓޫނާ އަކީ އެގައުމުގައި މަޤްބޫލު އުފެއްދުންތަކެއް ކަމަށެވެ. މީގެކުރިން އެކަމުގައި އޮތް ގޮންޖެހުމަކީ ޑިއުޓީގެ އަގުބޮޑުވުން ކަމަށް މުންދު ވިދާޅުވިއެވެ. 

މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގައި ވާދަވެރި ގައުމުތަކާ އަރާހަމަކުރަން ރާއްޖެއަށް އުނދަގޫވީ ޑިއުޓީ ބޮޑުވުމުންކަން މުންދު ފާހަގަކުރެއްވިއެވެ. މުންދު ވިދާޅުވިގޮތުގައި، މި މަސައްކަތުގައި ރާއްޖޭގެ ވާދަވެރިންނަކީ އިކުއެޑޯ، މޮރިޝަސް، ސީޝެލްސް، ގާނާ، ނެދަލެންޑްސް، ސްޕެއިން އަދި ފިލިޕިންސް އެވެ. 

މާކެޓްގައި މި ހުރިހާ ދުވަހު ރާއްޖޭން ވާދަކުރަމުންދިޔައީ އެ ޤައުމުތަކާއެކު ކަމަށާއި، ދެއަހަރު ދުވަހަށް ރާއްޖެއަށް ލުއި ލިބުމާއެކު އެ ޤައުމުތަކާ ވާދަކޮށް ރާއްޖޭގެ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގައި ކުރިއެރުން ލިބިގެންދާނެކަން މުންދު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު