ENGLISH
29 އޮކްޓޯބަރު 2025
ދިގުރަށުގައި ޑޮލަރު އޭޓީއެމްއަކާއި ކޮންވެންޝަން ސެންޓަރެއް އަންނަ އަހަރު ގާއިމުކުރާނެ: ރައީސް
06 އޮކްޓޯބަރު 2025
|
އަންނަ އަހަރު އދ. ދިގުރަށުގައި ކޮންވެންޝަން ސެންޓަރެއް ތަރައްގީކުރުމާއެކު، އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަަށަށް ކުރައްވާ ދަތުފުޅުގެ ތެރެއިން މިއަދު ދިގުރަށަށް ކުރެއްވި ޒިޔާރަތުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އާރްޑީސީއާ މިއަދު ހަވާލުކުރި މަގު ހެދުމުގެ މަޝްރޫއާއި ސްކޫލު އިމާރާތަކީ އެ ރަށުގެ ރައްޔިތުންނަަށް މުހިއްމު ދެ މަޝްރޫއެއް ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ ދިގުރަށަކީ ގެސްޓުހައުސް ފަތުރުވެރިކަމުގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުންދާ ރަށަކަށްވާތީ އެ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް އެ ރަށުގެ މަގުތައް ތަރައްގީވެފައި ހުރުމަކީ މުހިއްމު ކަަމެއް ކަމަށެވެ. އެގޮތުން ވެލި މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމުކޮށްގެން މަގު ތަރައްގީކުރުން ކަމަށްވީ ނަމަވެސް ރަށު ރައްޔިތުން ބޭނުންވާ ގޮތަށް މަގުތައް ތަރައްގީކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ދެވަނަ މަޝްރޫއެއްގެ ގޮތުގައި އާރްޑީސީއާ ހަވާލުކޮށްފައިވަނީ އެ ރަށުގައި ތަރައްގީކުރާ ސްކޫލުގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ތިން ބުރީގެ އިމާރާތެއް އަޅާ ގޮތަށެވެ. ރައީސް ވިދާޅުވީ އެއީ ސްކޫލުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ އުމްރާނީ ވަސީލަތްތައް ފުރިހަމަކުރުމަށް ހިންގޭ ވަރަަށް މުހިއްމު މަޝްރޫއެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ރަށުގެ ބިމު ކުލިވެސް މިހާރު ބޮޑުވެފައިވާތީ، އެ ރަށުގައި ތިބޭ ޓީޗަރުންނާއި ޑޮކްޓަރުން ފަދަ ރަށުން ބޭރުން އަންނަ މުވައްޒަފުން ބޭތިއްބުމަށް ތަންތަން ކުއްޔަށް ނެގުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށެވެ. އެގޮތަށް ކުލި ބޮޑު ރަށްރަށުގައި ރަށުން ބޭރު މުވައްޒަފުން ބައިތިއްބާނެ އެކޮމަޑޭޝަން ބްލޮކުތައް އަޅަން ނިންމާފައިވާ ކަމަށާއި، އަންނަ އަހަރު ދިގުރަށުގައި އެފަދަ އިމާރާތެއްގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ދިގުރަށުގައި ހިންގަން ނިންމާފައިވާ އެއް މަޝްރޫއަކީ އެ ރަށުގައި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަަތް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޓޫރިޒަމް ތަރައްގީކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުން އަންނަ އަހަރު އެ ރަށުގައި ކޮންވެންޝަން ސެންޓަރެއް އަޅަން ފެށޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ދިގުރަށުގައި 400 އަށްވުރެ ގިނަ ކޮޓަރި ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ހުންނަންޖެހޭ ކަމަށާއި، އަންނަ އަރުގެ ކުރީ ކޮޅު އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.