ENGLISH
03 ފެބްރުއަރީ 2026
ދަނގެތީގެ ތަރައްގީގެ ހުރިހާ މަސައްކަތެއް ވަރަށް ބޮޑަށް އިސްކަންދީގެން ނިންމާނަން: ރައީސް
06 އޮކްޓޯބަރު 2025
|
ދަގެތީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުއިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދަގެތީގެ ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތައް ވަރަށް ބޮޑަށް އިސްކަންދީގެ ކުރިއަށްގެންދަވައި ނިންމަވަައިދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވަައިފިއެވެ.
އދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަަދު ދަގެއްޗަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ސޮއިކުރެވުނު އެ ރަށުގެ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތަކީ ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް މަސައްކަތެއް ކަމަށެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ދިހަ ކްލާސްރޫމާއެކު މަލްޓި ޕާޕޯސް ހޯލެއް އެޅުމަށް ހަވާލުކުރި މަސައްކަަތް ނިމުމުން އެ ރަށު ސްކޫލަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސްކޫލުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެއެވެ. އަދި އެ މަސައްކަތް ފެށުމަށްފަހު މަޑުނުޖެހި އެ މަސައްކަތް ކުރިއަށްގެންދެވި ވަރަށް ހަލުއިކޮށް ނިމިގެންދާނެއެވެ. އަދި މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގެ ކްލާސްރޫމުތައް އޭސީކުރެވި ނިމިގެންދާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނުވަނީ މި އަހަރުގެ ތެރޭގައި ދަގެތީ ސްކޫލުގެ ކްލާސްރޫމުތަކާއެކު ހޯލާއި ސްޓާފް ރޫމުފަދަ ޖާގަތަކުގައި އޭސީ ހަރުކުރެވިގެންދާނެ ކަމަށެވެ.
އަދި މިއަދު ސޮއިކުރެވުނު ބިން ހިއްކުމުގެ މަޝްރޫއަކީ އެ ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ފަދަ އިޖުތިމާއީ އިގުތިސާދީ ތަރައްގީއާ ގުޅުންހުރި ގިނަ މަސައްކަތްތަކަށް މަގުފަހިވާނެ ކަމެއްކަމުގައި ވިދާޅުވެ ރައީސް ފާހަގަކުރެއްވި ގޮތުގައި އެ މަސައްކަތް ކުރިއަށްގެންދަނީ އެރަށު ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށެވެ.
"މި ތިން ކަންތައްވެސް ބަނދަރާއި، ބިން ހިއްކުމާއި، ގޮނޑުދޮަށް ހިމާޔަތްކުރުން މިތިން ކަންތައް މިއީ ގުޅިލާމެހިފައިވާ ކަންކަން. އިރާދަކުރެއްވިއްޔާ މި ތިން ކަންތައް އެމްޓީސީސީން ކުރިއަށްގެންދާނީ ރައްޔިތުން ބޭނުންވެލައްވާ ގޮތަށް، އިރާދަކުރެއްވިއްޔާ ވަރަށް އިސްކަަންދީގެން، ވަރަށް ހައި ޕްރިއަރިޓީގައި މި މަސައްކަތް ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަޝްރޫއުތަކުގެ އިތުރަށް ތިން މަސައްކަތެއްގެ އަމަލީ މަސައްކަތް މިއަދު ފެށިފައިވާކަމަށާއި، އެއީ ފުލުސް ސްޓޭޝަނާއި ރަށު ކައުންސިލު އިދާރާގެ އައު އިމާރާތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުކަމަށާއި، އެ މަސައްކަތްތައްވެސް ހަލުއި ދުވެލީގައި ކުރިއަށްގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާައިރާއިން ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަަތް އަންނަ އަހަރު ތެރޭގައި ފެށިގެން ކުރިއަށްގެންދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެކަމަށް ބިން ހަމަޖެއްސުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ދެއްވީ އެ މަސައްކަތްވެސް ކުރެވޭނެކަމުގެ ޔަގީންކަމެވެ.
އަދި ދަގެއްޗަކީ ލޯކަލް ޓޫރިޒަމް ތަރައްގީވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވަމުން ރައީސްވަނީ އަންނަަ އަހަރުގެ މާޗު މަހުގެ ކުރިން އެ ރަށުގައި ޑޮލަރު އޭޓީއެމް ބެހިއްޓިގެންދާނެކަން އިއުލާނުކުރައްވާފައެވެ.
"މި ހުރިހާ މަސައްކަތްތަކަކީ، ސޮއިކުރެވުނު ކަންކަން އަދި އެއްބަސްވުންތަކުގައި ސޮއިކުރެވުނު ކަންކަމަކީ ވަރަށް އިސްކަންދީގެން ކަމާ ގުޅޭ ވުޒާރާތަކުން ކުންފުނިތަކުން ވަރަށް އިސްކަންދީގެން ކުރިއަށްގެންދާނެ މަސައްކަތްތައް. މިކަންކަން ނިމުމުން ދަގެތީގެ ތަރައްގީއަށް ލިބެނީ ވަރަށް ބޮޑު ކުރިއެރުމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ރަށްރަށުގައި ސަރުކާރުން ހިންގަން ނިންމާފައިވާ ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވެމުންދެއެވެ. އަދި ރައީސް ގެންދަވަަނީ ރައްޔިތުންނާ ބައްދަލުކުރައްވައި ރަށްރަށުގައި ކުރިއަށްގެންދަން ސަރުކާރުން ގަސްތުކުރާ އެކި މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުންނެވެ.