ENGLISH
29 އޮކްޓޯބަރު 2025
ލަންކާގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި
05 އޮކްޓޯބަރު 2025
|
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މުޙައްމަދު ރިޒްވީ ޙަސަން، ސަފީރުކަމުގެ ފަތްކޮޅު އެރުވުން --
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މުޙައްމަދު ރިޒްވީ ޙަސަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ، އެކަމަށްޓަކައި މިއަދު މެންދުރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.
ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ، ހަތްކޮޅުގައި، ރަސްމީ ޢިއްޒަތުގައި، ބެރުދުންމާރިތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފަ އެވެ.
ސްރީލަންކާގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.
ރަސްމިއްޔާތަށް ފަހު، ދެ ބޭފުޅުން ވަނީ، ވިޔަފާރި އާއި އިޤްތިޞާދާއި، މޫސުމީ ބަދަލުތައް ފަދަ، ދެ ޤައުމުން މަޞްލަޙަތު ހިއްސާކުރާ ކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ. ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ދެ ޤައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމުގައި ކުރެވިދާނޭ އިތުރު މަސައްކަތްތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.