ENGLISH
29 އޮކްޓޯބަރު 2025
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވަން ތައްޔާރުވަނީ، ސްޓޭކްހޯލްޑަރުންނަށް މައުލޫމާތު ދީފި
05 އޮކްޓޯބަރު 2025
|
ހަނިމާދޫ އެއާޕޯޓު ހުޅުވުމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން، ފޮޓޯ: އެމްއޭސީއެލް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް ތައްޔާރުވަމުންދާތީ އެކަމާ ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނަށް ދިނުމަށް ހާއްސަ ބައްދަލުވުމެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބާއްވަައިފިއެވެ.
އިންޑިޔާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ތެރެއިން 136 މިލިއަން ޑޮލަރު ނުވަތަ ދެ ބިލިއަނެއްހައި ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ ހަނިމާދޫ އެއާޕޯޓު އަންނަ ނޮވެންބަރު މަހު ހުޅުވުމަކީ ސަރުކާރުގެ އަމާޒެކެވެ.
އެ އެއާޕޯތުގައި 2.7 ކިލޯމީޓަރުގެ އައު ރަންވޭއެއްގެ އިތުރަށް އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އައު ޓާމިނަލަކާއި އެއާޓްރެފިކް ކޮންޓްރޯލް ޓަވަަރަކާއި ކާގޯ އިމާރާތެއްގެ އިތުރަށް ފިއުލް ފާމެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ މައުލޫމާތު ދިނުމުގެ ސެޝަން ބާއްވާފައިވަނީ ހުޅުލޭ އައިލެންޑް ހޮޓަލުގައެވެ. އެ ބައްދަލުވުމުގައި އެމްއޭސީއެލްގެ އެމްޑީ އިބްރާހީމް ޝަރީފު މުހައްމަދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތބާ ލަތީފުގެ އިތުރަށް އެ ކުންފުނީގެ އިސްވެރިންނާއި ކަސްޓަމްސްއާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އޭގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް, މޯލްޑިވްސް އިމިގްރޭޝަން, މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ, ޕޮލިސް, އެމްއެންޑީއެފް, މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް) އަދި އެމްއޭސީއެލްގެ ވެރިންނާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުގެ އޮފިޝަލުންވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ހުޅުވަން ތައްޔާރުވަމުންދާއިރު، އެއާޕޯޓުގައި އެންމެ ރަނގަޅަށް ގާއިމުކުރެވިފައި ނެތް ކަންކަން ރަނގަޅުކުރުމުގެ މަސައްކަަތް ކުރަމުންދާ ކަމަށެވެ.
އެމްއޭސީއެލްއިން ހަނިމާދޫ އެއާޕޯޓާ ހަވާލުވުމާއެކު އެތަނުގެ ހިންގުން ހަރުދަނާކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމުގައި ޝަރީފު ވިދާޅުވިއެވެ.
އަދި އެމްއޭސީއެލްއިން ކޮންމެ ކަމެއްގައިވެސް މަސްލަހަތުވެރިންނާ މަޝްވަރާކޮށް އެ ފަރާތްތަކުގެ ހިޔާލު ހޯދުމާއެކު، އެ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ދެމުންދާނެ ކަމުގެ ޔަގީންކަން އެމްޑީވަނީ އެ ބައްދަލުވުމުގެ ބައިވެރިންނަށް ދެއްވާފައެވެ.