ENGLISH

29 އޮކްޓޯބަރު 2025

Advertisement

އަދީބަށް މައާފުދެއްވި ސަބަބު ސޯލިހަށް ވިދާޅުވެނުދެއްވުނު

05 އޮކްޓޯބަރު 2025

|

ޒައިނީދަޙުލާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ފޮޓޯ: މިހާރު

އަހްމަދު އަދީބަކީ ރާއްޖޭގެ ތާރީހުގައި ދައުލަތަށް އެންމެ ބޮޑު ގެއްލުމެއް ދިން އެކަކަށްވާނެއެވެ. ރައްޔިތުންގެ ފައިސާއަށް އަދީބަށްވުރެ ބޮޑަށް ހިޔާނާތްތެރިވި ދެވަނަ މީހަކު މަދުވާނެއެވެ. އެމްއެމްޕީއާރްސީ ހިޔާނާތަކީ ދައުލަތަށް ލިބެންޖެހޭ އާމްދަނީން ކުރި ބޮޑު ވައްކަމެކެވެ. ދައުލަތަށް ވަންނަންޖެހޭ ފައިސާ އަމިއްލަ އެކައުންޓުތަކަށް ވައްދައިގެން ބަހައި ނެގީއެވެ. އެ ބޮޑު ވައްކަން ހިންގެވީ އަދީބެވެ. އެކަމުގެ މޭސްތެރިޔަކީ އޭނާއެވެ. 

މިދެންނެވުނު ހިޔާނާތްތައް ވެފައިވާކަމަށް އަދީބަށް ކުރެވެނީ ތުހުމަތެއް ނޫނެވެ. އަމިއްލަ އިއުތިރާފުން މިކަންކަން ޝަރުއީ ކޯޓުތަކުގައިވަނީ ސާބިތުވެފައެވެ. އެކަންކަން ސާބިތުވެ އަދީބަށް ބޮޑު ޖަލު ހުކުމެއް އަންނަން އޮތެވެ. ނަމަވެސް ފާއިތުވި އެމްޑީޕީގެ ވެރިކަމުގައި ދައުލަތާއެކު އަދީބު ގާއިމުކުރެއްވި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އަދީބަށް ބޮޑެތި ލުއިތަކެއް ހަމަޖެހި އޭނާއަށް ކޯޓުން އިއްވީ 20 އަހަރުުގެ ޖަލު ހުކުމެކެވެ. 

އަދީބު ޖަލުގައި ހުންނެވީ ކުޑަ ދުވަސްކޮޅަކުއެވެ. އާލާސްކަންފުޅު ބޮޑުވެ، ޖަލުގައި އޮންނެވޭ ވަރަށްވުރެ ދަތިވެއްޖެކަމަށް އެމްޑީޕީ ސަރުކާރުން ނިންމައި، އަމީން އެވެނިއުގެ ޕެންޓްހައުސްއަކަށް އޭނާ ގެންދެވިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ބޮޑު ބައެއް އަދީބު ހޭދަކުރެއްވީ މިދެންނެވި ޕެންޓްހައުސްގައެވެ. އިއްޒަތާއި އަރާމުގައެވެ. 

އަދީބުގެ ހިޔާނާތުގައި އޭނާ ވިދާޅުވި ގޮތަކަށް ދައުލަތަަށް ވަންނަންޖެހޭ ފައިސާ ދައުރުކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއެްވި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތާމެދުވެސް ކަންކަން ހިނގީ މިފަދައިންނެވެ. އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ލުއި ހުކުމެއް އިއްވުމަށްފަހު، ޖަލުގައި ކުޑަ ދުވަސްކޮޅަކު ބަހައްޓާފައި ދެން ދޫކޮށްލީ ގެއަށެވެ. 

އަދީބަކީ އަދި ޒިޔަތަކީ އެ ބޭފުޅުންގެ އަމިއްލަފުޅު އިއުތިރާފުން ބޮޑެތި ވައްކަމާއި ހިޔާނާތް ހިންގެވި، އެއިން ބޮޑެތި މަންފާ ހޯއްދަވައިގެން ތިއްބެވި ބޭފުޅުންނެވެ. ރާއްޖޭގެ އެންމެ އަގުހުރި ރައުސުލްމާލު ކަމުގައިވާ ރީތި ޖަޒީރާތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ އަގުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް އެބޭފުޅުން ބޭނުންފުޅު އެކައުުންޓަކަށް ޖަމާކުރައްވައި، ބޭނުންފުޅު ބަޔަކަށް ބައްސަވައި ހެއްދެވި ގޮތް ތަހުގީގަށާއި ޝަަރީއަތަށް ވިދާޅުވެދެއްވީ އެ ދެ ބޭފުޅުންނެވެ. 

އެހެންކަމުން މިފަދަ ބޭފުޅުންތަކަކަށް ޖަލުގެ ދަތިކަން ތަހައްމަލުކުރައްވަން ޖެހިވަޑައިނުގެން، އާދައިގެ ކުދިކުދި ކުށްކުރާ އާއްމު މީހުން ހުކުމުގެ މުއްދަތު އެކީ ޖަލު ތޭރިތަކުގެ ފުރަގަހުގައި ހޭދަކުރަންޖެހުނު ޖެހުމަކީ އަދުލުވެރިކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުނުކުރިއެވެ. އެހެންކަމުން ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއްކަމަކީ ޖަލު ހުކުމެއްގައި ހުންނެވި، ހިޔާނާތަށް އިއުތިރާފުވެވަޑައިގެންފައިވާ ބޭފުޅަކު ގޭގައި ގެންގުޅުއްވުމެވެ. ޖަލުގައި ސިއްހީ ފަރުވާ ނުލިބިގެން ކޯޓުތަކުގައި އާދޭސްކުރަމުންދިޔަ އެތައް ބައެއް ޖަލުގައި ބައިތިއްބާފައި ކޯޓުގެ އެންެގުމެއް ނެތި އަދީބު ގޭގައި ބަހައްޓަވަން ރައީސް ސޯލިހު ނިންމެވި ނިންމެވުމާމެދު ގިނަ ބައެއްގެ ނުރުހުން އޮތެވެ. 

މިދެންނެވި ހާލަތު މިހެން އޮއްވައި ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަަށް ގެންނަން ރައްޔިތުންގެ ވޯޓުން ނިންމިއެވެ. އެއާއެކު ވެރިކަމަށް އިރުއޮއްސެން ކުޑަ ވަގުތުކޮޅަކަށްވެފައިވަނިކޮށް ރައީސް ސޯލިހު ނިންމެވި ނިންްމެވުމަކީ އެމަނިކުފާނުގެ ލެގަސީއެވެ. އެއީ އަދީބަށް އިއްވި ޖަލު ހުކުމުގެ މުއްދަތު ކުރުކުރައްވައި އޭނާ މިނިވަންކުރެއްވުމެވެ. ޒިޔަތުވެސް މިނިވަންކުރެއްވީއެވެ. 

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ވެރިކަން ފެއްޓެވީވެސް މިފަދަ ފިޔަވަޅަކުންނެވެ. އެއީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި އެސްއޯއެފް ކުންފުނީގެ ހިއްސާދާރުންނާއި އަދީބުގެ ހިޔާނާތުގައި އެހީތެރިވި އެހެން ބައެއް ބަައިވެރިން ހޯދައިގެން ރާއްޖެއަށް ގެނައުމަށް އިންޓަޕޯލް މެދުވެރިކޮށް ނެރުނު ރެޑް ނޯޓިސް އުވައިލެއްވުމެވެ. 

ވެރިކަން ނިމި ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް އަދީބު މިނިވަންކުރައްވަން ނިންމެވި ސަބަބެއް ސޯލިހު ވިދާޅުވެނުދެއްވައެވެ. ނޫސްވެރިންވެސް މާބޮޑަށް އެ ސުވާލު ކުރާކަށްވެސް ނޫޅެއެވެ. ނަމަވެސް މި މަހުގެ ތިންވަނަަ ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާގައި ރައީސް ސޯލިހު އަރިހުން ބައެއް ނޫސްވެރިން އެ ސުވާލުކުރިއެވެ. ދެއްވި ޖަވާބަކީ އެވަގުތު މުޒާހަރާ ނިންމަވައިފަ ގެއަށް ވަޑައިގަންނަވާތީ އެ ސުވާލަށް ޖަވާބު ދެއްވެން ނެތްކަމަށާއި އެވާހަކަ ދައްކަވާނީ ފަހުން ކަމަށެވެ. 

ރައީސް ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފަދަ ބައެއް ބޭފުޅުން އެމަނިކުފާނަށް އެމްއެމްޕީއާރްސީ ފައިސާ ލިބިވަޑައިގަތްކަަމަށް ވިދާޅުވެފައިވެއެވެ. އެފަދަ ތުހުމަތުތަކެއް އެމަނިކުފާނަށް އަމާޒުވެފައިވަނިކޮށް، އަދީބު ދޫކުރެއްވި ކުރެއްވުމުން ގިނަ ސުވާލުތަކެއް އުފެދެއެވެ. 

ވެރިކަމުގައި ތިއްބަވާއިރު އެ ބާރުވެރިކަމުގައި ވެރިން ނިންމަވާ ނިންމެވުންތަކާމެދު ސުވާލުކުރެވެންޖެހެއެވެ. އަދި ޖަވާބުދާރީވެވަޑައިގަތުމަކީވެސް ލާޒިމު ކަމެކެވެ. އަދީބާއި ޒިޔަތު މިނިވަންކުރައްވަން ނިންމެވި ނިންމެވުމާމެދު ރައީސް ސޯލިހު ޖަވާބުދާރީވެވަޑައިގަންނަވަންޖެހެއެވެ. އެއީ ރައްޔިތުންނަށް އެނގުން ހައްގު ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު