ENGLISH

19 ޖޫން 2026

Advertisement

ބިލް އަނބުރާ ފޮނުވާލީ ގައިދީންގެ ގުނަވަން ހަދިޔާކުރެވޭ ގޮތަށް އޮތުމުން

17 ޖޫން 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރުމަށްޓަކައި އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ ގައިދީންގެ ގުނަވަން ހަދަިޔާ ކުރެވޭ ގޮތަށް އެ ބިލުގައި ހިމަނާފައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރައި މަޖިލީހަށް ފޮނުވާލެއްވީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.

ރައީސް ވިދާޅުވީ ގައިދީންގެ ގޮތުގައި ތިބޭ މީހުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަކީ ގުނަވަން ހަދިޔާ ނުކުރެވޭނެ ބައެއް ކަމަށް ކަނޑައަޅަން ސަރުކާރުން އެ ބިލުގައި ހިމަނާފައިވާ މާއްދާ މަޖިލިހުން އުނިކޮށްފައި ވުމަކީ ބިލު އަނބުރާ ފޮނުއްވައިލެއްވި އެއް ސަބަބު ކަމަށެވެ.

ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުގައި ނުވުމާއި، އަދި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން، އެ ދެ ޝަރުތު މަޖިލީހުން އުނިކޮށްފައިވާކަން ފާހަގަކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިލުގައި މި ދެ ޝަރުތު ހިމެނީ މަޖުބޫރު ކަމެއް ނެތި ރުހުމާ އެކު ހަދިޔާ ކުރުމަކީ ގުނަވަން ހަދިޔާ ކުރުމުގައި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ މައިގަނޑު ޝަރުތަކަށް ވާތީ އެ ޝަރުތު އެންމެ ފުޅާމިނުގައި ތަންފީޒުކުރަމަށެވެ.

ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ، ހާއްސަ ހާލަތެއްގައި ތިބޭ ބައެއް ކަމުގައި ވާއިރު އެ މީހުންނަކީ ފުރިހަމަ ރުހުމާ އެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރު ކަމެއް ނެތި، ގުނަވަނެއް ހަދިޔާކުރުން ފަދަ ކަމަކަަށް ރުހުން ދެވިދާނެ ބައެއް ކަމަކަށް ފެނިވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލީހުން ފާސްކުރި ބިލުގައި މިކަން ތަންފީޒުކުރުމުގައި ބަލަންޖެހޭ އިތުރު ކަންކަމުގެ އިޖުރާއަތްތައް ވެސް ކަނޑައަޅާފައި ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބިލު އަނބުރައި ފޮނުއްވައިލެއްވި އެހެން ސަބަބުތަކުގެ ތެރޭގައި އެ ބިލުގައި ކަނޑައަޅާފައިވާ އަދަބަކީ ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އަދަބަކަށްވުމާއި އެ ބިލު ގާނޫނަކަށް ވުމުން އަމަލުކުރަން ޖެހޭ ބައެއް ގަވާއިދުތައް، ބިލު ގާނޫނަކަށް ވުމުގެ ކުރިން ހަދައި އަމަލުކުރަން ލާޒިމުވާ ފަދަ ގޮތަަކަށް އޮތުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު