ENGLISH

29 އޮކްޓޯބަރު 2025

Advertisement

ރަސްމާލެއަށް ވަރުގަދަ މަސްޓަރޕްލޭނެއް ހެދުމަށް ކޮންސަލްޓެންޓެއް ހޯދަނީ

05 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ރަސްމާލެ ހިއްކައި ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް

މާލޭ ސަަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި މި ސަރުކާރުން ފަށާފައިވާ ރަސްމާލޭގެ މަޝްރޫއުގެ މާސްޓަރޕްލޭން އެކުލަވައިލުމަށް ކޮންސަލްޓޭންޓެއް ހޯދަން ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން އިއުލާނުކޮށްފިއެވެ. 

މާލޭ ކައިރީ އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ތަރައްގީކުރާ ސިޓީއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވި ގޮތުގައި އެ ސިޓީ ތަރައްގީކުރާނީ ތިމާވެއްޓާ ރަށްޓެހި ދެމެހެއްޓެނެވި ތަރައްގީގެ މިންގަނޑުތަކަށް ފެތޭ ވިލުންތެރި ޝަހަރެއްގެ ގޮތުގައެވެ. 

ޕްލޭނިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ރަސްމާލެ ޑިޒައިންކޮށް ތަފުސީލު މާސްޓާ ޕްލޭނެއް ތަރައްގީކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

އެ މަޝްރޫއަށް ކޮންސަލްޓެންސީ ހޯދަނީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ހިރާސްތަކަށް ހޭނިފައިވާ ރަށެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް، ތިމާވެށީގެ ގޮތުން ދެމެހެއްޓެނެވި އަދި އިގުތިސާދީ ގޮތުން ފުދުންތެރި ސިޓީއެއްގެ ސިފަތައް އެކުލެވޭ ގޮތަށް ވަރުގަދަ މާސްޓަރ ޕްލޭނެއް އެކުލަވައިލުމަށެވެ. 

އެ މިނިސްޓްރީންވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތްކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުމާއެކު، ފަންނީ މަސައްކަތްތަކުގެ ތަފުސީލުތަކާއެކު އަގު ހުށަހެޅުމަށް ފުރުސަތު ހުޅުވައިލާފައެވެ. 

ކޮންސަލްޓެންޓު އިހުތިޔާުކުރުމަށް ހަމަޖެހިފައިވަނީ ފެންވަރާއި އަގަށް ބަލައިގެންނެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓުކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅަން ފުރުސަތު ދޭނެއެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ 14 އޮކްޓޯބަރުވާ އަންގާރަ ދުވަހެވެ. 

ރަސްމާލެ ތަރއްގީކުރަން ސަރުކާރުން ނިންމާފަައިވަނީ ޒީރޯ ކާބަން ސަހަރެއްގެ ގޮތުގައި ކައިރީގައި އެއާ ސްޓްރިޕެއް އޮންނަ ގޮތަށް، އެތަނުން ޖުމްލަ 65،000 ހައުސިން ޔުނިޓު ދޫކުރެވޭނެހެންނެވެ. އަދި އެ ސަހަރަށް ދަތުރުކުރަންް މަތީ ފެންވަރުގެ ހައި ސްޕީޑް ފެރީ ނިޒާމެއް ގާއިމުކުރެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު