ENGLISH
29 އޮކްޓޯބަރު 2025
ނައިބުރައީސް ސިފަކުރެއްވި ގޮތުގައި ރޭ އެމްޑީޕީން ހިންގީ ނިރުބަވެރި ހަރަކާތެއް
04 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު
ރޭ އިދިކޮޅު އެމްޑީޕީން މާލޭގެ މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރުމުގެ ނަމުގައި ހިންގި ހަރަކާތަކީ ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ސިފަކުރައްވައިފިއެވެ.
ނައިބުރައީސް މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ އެމްޑީޕީން ކުރިއަށްގެންދިޔަ ހަރަކާތަކީ ސުލްހަވެރި އިހުތިޖާޖުކުރުމުގެ ނަމުގައި ގައުމުގެ ސުލްހަމަސަލަސްކަން ނަގާލައި ހަލަބޮލިކުރުމަށް ރާވައިގެން ހިންގި ހަރަކާތެއް ކަމށެވެ. އަދި އެމަނިކުފާނުވަނީ އެ ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
އޭގެ އިތުރަށް ނައިބުރައީސް ވިދާޅުވީ އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ނިވަލުގައި ތިބެގެން، ގާނޫނުއަސާސީއާއި ގާނޫނުތައް ހުއްދަކުރާ އިންތައް ގިރާކޮށް، ގާނޫނީ ވެރިކަމާ ދެކޮޅަށް ރޭވިގެން ހިންގަ ނިރުވެރިވެރި ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވާ ކަމަށެވެ.
އޭގެ އިތުރަށް ފުލުހުންގެ އެއްބާރުލުން ލިބިގެން، ފުލުހުންގެ އިރުޝާދާއެކު ކުރިއަށްގެންދެވެން އޮތް ހަރަކާތެއް، ރައްޔިތުން އެއްތަނކަކަށް އެއްކޮށް ފުލުހުން ދީފައިވާ އިރުޝާދާ އިދިކޮޅަށް ހަރަކާތް އަނބުރާލައި އެތައް ރައްޔިތަކަށް ގެއްލުންވާނެ ގޮތަށް އެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ގަސްތުގައި ހުށަހެޅުމަކީ އެމްޑީޕީގެ ވެރިން ހިންގެވި ފިނޑި އަމަލެއް ކަމުގައިވެސް ނައިބުރައީސް ވިދާޅުވިއެވެ.
އަދި ރޭގެ ހަރަކާތުން އެމްޑީޕީން ދިފާއުކޮށް ވަކާލާތުކުރާކަމަށް ބުނާ އަގުކުރުންތަކާއި އުސޫލުތައް ނެގެހެއްޓުމުގައި އެ ޕާޓީ ވަރަށް ބޮޑައި ފެއިލްވެފައި އޮތްކަން ސާފުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި ހަރަކާތް ރޫޅާލައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ގައުމުގެ ސުލްހަވެރިކަން ދެމެހެއްޓުމަށް ފުލުހުން ރޭ ދެއްކި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވަމުން ނައިބުރައީސްވަނީ ފުލުހުންނަށް ޝުކުުރު އަދާކުރައްވާފައެވެ.
ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި އެއްވުމެއް ބާއްވަން އިއުލާނުކޮށް، އެ އެއްވުން ބާއްވާނެ ގޮތްތަކާ ގުޅޭ ގޮތުން ފުލުހުންނާ މަޝްވަރާކޮށް ގޮތްތަކަކަށް އެއްބަސްވިއެވެ. އެގޮތުން އެމްޑީޕީން އެއްބަސްވެފައިވަނީ އެ ޕާޓީގެ ހިނގައިލުން ބޮޑުތަކުރުފާނު މަގުގައި ކުރިއަށްގެންދިއުމަށެވެ.
އެއްބަސްވި މަގު އެއްފަރާތްކޮށް އެހެން މަގުތަކަށް ވަދެ މާލެ ތެރެ ހަލަބޮލިކޮށްލައި، މާލެ ތެރޭގައި ހަމަަނުޖެހުން ހިންގުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި، އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރިއެވެ. އަދި އެއްބަސްވެވުނު ގޮތަށް އެމަގުން ކަންކަން ހިންގުމަށް އެދުނެވެ.
ނަމަވެސް ރޭ އާޓިފިޝަލް ބީޗު ސަރަހައްދުން ފެށި އެއްވުން ހިނގައިލުމަށް ބަދަލުކުރި ހިސާބުން ފެށިގެން އެމްޑީޕީންވަނީ އެއްބަސްުމާ ހިލާފުވެ މާލޭގައި މައި މަގުކަމަށްވާ މަޖީދީ މަގަށް ވަނުމަށް މަސައްކަަތްކޮށްފައެވެ. މަޖީދީ މަގަށް ވަނުމަށް މަސައްކަތްކުރި ކުރުމުގެ ތެރޭގައި ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ބެރިކޭޑުތައް އުކައި، ޝީލްޑުތައް އަތުލައި ހަމަނުޖެހުން ހިންގިއެވެ.