ENGLISH
29 އޮކްޓޯބަރު 2025
ފުލުހުންގެ ކެތްތެރިކަމާއި ސާބިތުކަމަށް މަޖިލީހުގެ ރައީސްގެ ތާރީފު
04 އޮކްޓޯބަރު 2025
|
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގުމަށް އެ ޕާޓީން ކުރި މަސައްކަތްތަކާ ގުޅިގެން ފުލުހުން ދެއްކި ސާބިތުކަމާއި ކެތްތެރިކަމށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތާރީފުކުރައްވަައިފިއެވެ.
ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި އެއްވުމެއް ބާއްވަން އިއުލާނުކޮށް، އެ އެއްވުން ބާއްވާނެ ގޮތްތަކާ ގުޅޭ ގޮތުން ފުލުހުންނާ މަޝްވަރާކޮށް ގޮތްތަކަކަށް އެއްބަސްވިއެވެ. އެގޮތުން އެމްޑީޕީން އެއްބަސްވެފައިވަނީ އެ ޕާޓީގެ ހިނގައިލުން ބޮޑުތަކުރުފާނު މަގުގައި ކުރިއަށްގެންދިއުމަށެވެ.
އެއްބަސްވި މަގު އެއްފަރާތްކޮށް އެހެން މަގުތަކަށް ވަދެ މާލެ ތެރެ ހަލަބޮލިކޮށްލައި، މާލެ ތެރޭގައި ހަމަަނުޖެހުން ހިންގުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި، އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރިއެވެ. އަދި އެއްބަސްވެވުނު ގޮތަށް އެމަގުން ކަންކަން ހިންގުމަށް އެދުނެވެ.
ނަމަވެސް ރޭ އާޓިފިޝަލް ބީޗު ސަރަހައްދުން ފެށި އެއްވުން ހިނގައިލުމަށް ބަދަލުކުރި ހިސާބުން ފެށިގެން އެމްޑީޕީންވަނީ އެއްބަސްުމާ ހިލާފުވެ މާލޭގައި މައި މަގުކަމަށްވާ މަޖީދީ މަގަށް ވަނުމަށް މަސައްކަަތްކޮށްފައެވެ. މަޖީދީ މަގަށް ވަނުމަށް މަސައްކަތްކުރި ކުރުމުގެ ތެރޭގައި ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ބެރިކޭޑުތައް އުކައި، ޝީލްޑުތައް އަތުލައި ހަމަނުޖެހުން ހިންގިއެވެ.
ނަމަވެސް ފުލުހުންވަނީ ބާރުގެ ބޭނުން މާބޮޑަށް ނުކޮށް އެ އެއްވުން ކޮންޓުރޯލުކޮށް މާލޭގެ ހަމަޖެހުން ނަގައިލަން ފުރުސަތު ނުދީ ހިފަހައްޓާފައެވެ.
އެކަމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ސުލްހަމަސަލަސްކަަން ނަގައިލުމަށް އެމްޑީޕީން ގަަސްތުގަރި ރާވައިގެން ރޭގެ މުޒާހަރަގައި ދިވެހި ފުލުހުންނާ ކުރިމަތިލައި ހިންގި ހަރަކާތްތަކާ ގުޅިގެން ފުލުހުން ދެއްކި ކެތްތެރިކަމައި ސާބިތުކަމަށް ތާރީފު ހައްގު ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ގައުމުގެ އަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެއްވާ ކަމަށެވެ.