ENGLISH

03 ފެބްރުއަރީ 2026

Advertisement

"ރާއްޖޭގެ ހަމަޖެހުން ނަގައިލަން ހިތްވަރުދެއްވާ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑައިލަންޖެހޭ"

04 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ފޮޓޯ: ދިޔަރެސް

ރާއްޖޭގެ ހަމަޖެހުން ނަގައިލަން ހިތްވަރުދެއްވައި ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ފިތުނަވެރިކަން އުފެއްދެވުމަށް ދޮގު ވާހަކަތައް ފަތުރުއްވާ ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑައިލަންޖެހޭކަމަށް އިގުތިސާދީ ތަރައްގީއޭ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިފަދައިން ވިދާޅުވީ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ ފުލުހުންނާ މަޝްވަރާކުރި ގޮތާ ހިލާފަށް ހިންގައި މަގުމަތީގެ އަމާންކަން ނަގައިލަން މަސައްކަތްކުރުމުން ހުއްޓުވުމަށް ފުލުހުން އެޅި ފިޔަވަޅުތަކަކީ ހަރުކަށި އަނިޔާވެރި ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކުރައްވައި ކުރީގެ ރައީސް އަދި އެމްޑީޕީގެ މުޝީރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ. 

އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ސައީދު ވިދާޅުވީ މިހާރު ރައީސް ސޯލިހު އަމަލުކުރައްވާ ގޮތުން ހީވަނީ އެމަނިކުފާނަކީ އިހަކަށް ދުވަހު ޑިމޮކްރަސީން ދަސްވެނިވެވަޑައިގެންނެވި، މުޅިން އަލަށް ޑިމޮކްރަސީގެ މަފުހޫމު ފެނިވަޑައިގެން އުޅުއްވާ ބޭފުޅެއްހެން ކަމަށެވެ. 

މާލެއަކީ ހަތަރު އަކަކިލޯމީޓަަރުގެ ކުޑަ ސިޓީއެއްކަމާއި، ވަރަށް ބޮޑަށް ޓްރެފިކު އޮންނަ ބައިބޯ އަދި އާއްމު ޖާގަތައް ނުހަނު މަދު ތަނެއްކަަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރު ހިމެނޭހެން ކުރީގެ ސަރުކާރުތަކުން މުޒާހަރާއާއި އެއްވުން ބޭއްވުމަށް ވަކި ސަރަހައްދަކެއް ކަނޑައަޅައި ހާއްސަ އުސޫލުތަކެއް އެކުލަވައިލީ އެ ސަބަބަށްޓަކައި ކަމަށެވެ. 

އަދި ހާއްސަ ސަރަހައްދުތަކެއް ފިޔަވައި އެހެން ތަނަކަށް އެއްވާނަމަ ކުރިއާލައި ފުލުހުންގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އަމަލުކުރުމަކީ އަލަށް ހިންގާ ހުދުމުހުތާރު ކަމެއް ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ އެއީ މާލެ ފަދަ ތޮއްޖެހިފައި ހުންނަ ސިޓީތަކުގައި ކަންކަން ކުރުމަށް ހަމަބުއްދިއަށް ފެންނާނެ އެންމެ ރަނގަޅު ހަމަޖެހޭ ގޮތް ކަމަށެވެ. 

އަދި ރޭގެ މުޒާހަރާގެ ކަންކަން ކުރިއަށްގެންދާނެ ގޮތަކާމެދު އެމްޑީޕީއާއި ފުލުހުންނާމެދު މަޝްވަރާކުރެވި ވަކި މަގަަކުން ހިނގައިލުން ކުރިއަށްގެންދަން އެއްބަސްވުމަށްފަހު، އެ އެއްބަސްވުމާ ހިލާފަށް އަމަލުކުރީ ސީދާ އެމްޑީޕީން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އަދި ރޭ ފުލުހުން މަސައްކަތްކުރީ ޕްރޮފެޝަނަލްކަންމަތީ ގާނޫނުގެ އިމުގެ ތެރެއިން ވަރަށް ބޮޑަށް ހިފަހައްޓައިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގުގެ މެދުގައި ތިލަފަތްހަމަކޮށްގެން ކަމށް ވިދާޅުވެ، މިނިސްޓަރުވަނީ ފުލުހުންނަށް ތާރީފުކުރައްވާފައެވެ. 

އަދި ގައުމުގެ ސަލާމަތާއި ހަމަޖެހުން ނަގައިލެއްވުމަށް އިތުރުފުޅުހެއްދެވުމަކީ ކުރީގެ ރައީސުން ކުރައްވައިގެންވާނެ ކަމެއް ނޫންކަމަށާއި، އެއަށްވުރެ ޒިންމާދާރުވާންވާނެކަމަށް ވިދާޅުވުމާއެކު ސައީދު ފާހަގަކުރެއްވީ ގައުމުގައި އޮތް ހަމަޖެހުން ނަގައިލުމަށް ހިތްވަރުދެއްވާ ކުރީގެ ރައީސުންނަށް ދައުލަތުން މުސާރައާއި ފޯސް ހިންގުމަށް ދޭ އިނާޔަތާއި ހަށިފާރައިގެ އިނާޔަތް ކނަޑައިލަންޖެހޭ ކމށެވެ. 

އަދި ރައީސް ސޯލިހު ދެއްކެވި ވާހަަކަފުޅަކީ ކަނޑައެޅިގެން އިތުރުފުޅެއްކަމަށާއި، ފުލުހުންގެ ހިދުމަތުގެ އަގުވައްޓައިލެއްވުމަށް ކުރީގެ ރައީސުން އެފަދަ އިތުރުފުޅު ނުހެއްދެވުމަކީ މުހިއްމު ކަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު