ENGLISH
29 އޮކްޓޯބަރު 2025
ރޭ ފެނުނީ އެމްޑީޕީގެ އަސްލު ސިފަ، ހަމަނުޖެހުން އުފައްދައިގެން ސިޔާސީ މަަންފާ ހޯދުމަކީ ކަށިން ނުފިލި އާދައެއް
04 އޮކްޓޯބަރު 2025
|
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން
ދެހާހުގެ ކުރީ ކޮޅެވެ. ދިގުލައިގެންސް ގޮސްފައި އޮތް ވެރިކަމެއް ބަދަލުކުރުމާއި، އަނިޔާވެރިކަމާއި ހުދުމުހުތާރު ނިޒާމެއް ފުރޮޅާލައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުވެފައި އޮންނަ، ބާރުތައް ވަކިވެފައިވާ، ގިނަ ސިޔާސީ ޕާޓީތައް ޝާމިލުވާ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމުގެ އަޑުތައް ގަދަވެ އެކަމަށް މަސައްކަަތްކުރަމުން އައި ދުވަސްވަރެވެ. އެއިރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އިސްނެންގެވުމަށް އިސްލާހީ އެޖެންޑާއެއް އެކުލަވައިލެވި، މުޅިން އައު ގާނޫނުއަސާސީއެއް ލިޔަމުންއައި ދުވަސްވަރެވެ. އެއީ އިދިކޮޅު އެމްޑީޕީ ފެށިގެން އައި ދުވަސްވަރެވެ.
އެ ދުވަސްވަރު އެމްޑީޕީގެ ހަރަކާތްތައް ފެނުނު މީހުން ހަދާނުގައި ހުންނާނެއެވެ. އެމްޑީޕީން މާލެ ތެރޭގައި ބޭއްވި މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި ހަމަަނުޖެހުން ހިންގިއެވެ. އަލިފާން ބޯޅަ އުކައި، ސިފައިންނާ ފުލުހުންގެ ގަޔަށް ބޮލަށް އަރައި، މުއައްސަސާތަކުގެ ވެރިންނާއި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ދިމާލަށް ހުތުރު ބަސްތައް ގޮވައި، ގަދަރުކުރަންޖެހޭ މީހެއް، މުއައްސަސާއެއް އޮތުމަކީ ޑިމޮކްރަސީއާ ހިލާފު ކަމެކޭ ހީވާ މިންވަރަށް މިކަންކަން އާއްމުކުރިއެވެ.
އެމްޑީޕީން އުފެއްދި ނަފުރަތާއި، ވެރިކަން ދިގުލައިގެންދިއުމުގެ ސަބަބުން އުފެދިފައި އޮތް އުދާހުގެ އޮއިވަރުގައި ދިވެހިން ނުކުމެ ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނެސް އެމްޑީޕީގެ ފުރަތަމަ ރައީސް ވެރިކަމަށް އިންތިހާބުކުރިއެވެ. މަގުމަތީ ހަރަކާތްތަކުން އުފަންވި ސަރުކާރުވެސް ނިމިގެންދިޔައީ މަގުމަތިންނެވެ. ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ހިންގެވި ކަންތައްތަކުގެ ތެރެއިން އުފަންވި އުދަގޫތަކަށް ހައްލު ހޯއްދަވައިނުދެއްވިގެން އެންމެ ފަހުން އެމަނިކުފާނު އިސްތިއުފާދެއްވީއެވެ.
ރައީސް ނަޝީދުގެ އިސްތިއުފާއަށްފަހު ޖެހިގެންއައި އަށެއް ފެބްރުއަރީއަކީ ދިވެހި ސިޔާސީ ތާރީހުގައި ބަނަ ދުވަހެކެވެ. އެމްޑީޕީ އެކްޓިވިސްޓުންގެ ހިތުގައި ސަލާމަތީ ބާރުތަކާމެދު އުފެއްދި ނަފުރަތުގެ ހުޅުގަނޑު އެވެރިންގެ އަތްތަކުން ރޯކޮށްލީ ކޯޓުތަކާއި ފުލުސް ސްޓޭޝަންތަކުގައެވެ. ދައުލަތުގެ މުދަލަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންދީ އެތައް ޒަމާނެއްވީ އިމާރާތްތަކާއި އެތަންތަނުގައި ހުރި ލިޔެކިޔުންތަކާއި މުހިއްމު އެތައް ރެކޯޑުތަކެއް އަނދައި އަޅިއަށް ހަދައިލީއެވެ.
މިއީ އެމްޑީޕީގެ ތާރީހުން ކުޑަ މިންވަރެކެވެ. ރެޔަކީވެސް އެމްޑީޕީގެ މި އަނދިރި ތާރީހަށް އިތުރުކޮށްލި ސަފުހާއެކެވެ. އެމްޑީޕީން ރޭ އިހުތިޖާޖަށް ނުކުތުމުގެ ކުރިން، އެ ހިނގައިލުން ނުވަތަ އެއްވުން ބާއްވަން އެއްބަސްވި ގޮތާ ހިލާފަށް އެހެން މަގަކުން ހިނގައިލުން ކުރިއަށްގެންގޮސް މާލެ ތެރެ ހަލަބޮލިކުރަން ރާވަަމުންދާކަން އެނގިގެން އެގޮތަށް އެކަން ނުކުރުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކުރިއެވެ.
ނަމަވެސް ބޮޑުތަކުރުފާނު މަގުން ކުރިއަށްގެންދާ ގޮަތަށް ފުލުހުންނާ މަޝްވަރާކުރި މުޒާހަރާ ބަދަލުކޮށްލީ މަޖީދީ މަގަށެވެ. މާލޭގެެ އެންމެ ތޮއްޖެހުން ބޮޑު، އެންމެ ގިނަ ބަޔަކު ބޭނުންކުރާ މަގަށެވެ. ފުލުހުންނާ ކުރިމަތިިލައި ބެރިކޭޑުތައް އުކައި، ފުލުހުންގެ ޝީލްޑުތައް އަތުލައި ފުލުހުން ލައްވައި ގޯހެއް ހަދުވަން ލައްކަ މަސައްކަތްކުރި މަންޒަރު އެހުރީ ވީޑިޔޯއާއި ފޮޓޯއިން ފެންނާށެވެ.
ފުލުހުންނާ މަޝްވަރާކޮށް ވަކި ރޫޓަކަށް އެއްބަސްވެގެން އެމަގުން ސިޔާސީ ހަރަކާތް ހިންގުމުގެ ސަގާފަތަކީ އައު ކަމެއް ނޫނެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެއިރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބޮޑެތި އެއްވުންތަކާއި ހިނގައިލުންތައް ބޭއްވީ މިދެންނެވި އުސޫލުންނެވެ. ފުލުހުންނާ ވާހަކަދެއްކުމަށްފަހު ފުލުހުންގެ އިރުޝާދާ އެއްގޮތަށް އެއްބަސްވި މަގުންނެވެ.
އަދި މި ސަރުކާރުގައި އެމްޑީޕީންވެސް މިދެންނެވި އުސޫލުގެ ތެރެއިން ބޮޑު ހިނގައިލުމެއް ބާއްވައިފިއެވެ. ސަރުކާރުން އެކަމަށް ޖާގަދިނެވެ. ފުލުހުން އެ ދުވަހު ތިބީ އެ އެއްވުމުގައި ބައިވެރިންނަށް އެހީތެރިވެ، ރައްކާތެރިކަން ޔަގީންކޮށްދޭ ފާރަވެރިންގެ ގޮތުގައެވެ.
ނަމަވެސް އެމްޑީޕީގައި މިފަދަ ރިވެތި ގޮތުގައި ސިޔާސީ ކަންކަން ހިންގުމުގެ ކެތްތެރިކަމެއް ނުހުރެއެވެ. އެމްޑީޕީގެ އަސްލަކީ މަގުމަތީގެ ހަމަޖެހުން ނަގައިލާ، ވާދަވެރިންނާމެދު ނަފުރަތާއި ރުޅިވެރިކަން އުފައްދައި، ސަލާމަތީ ބާރުތަކާ ކުރިމަތިލައި އަނިޔާކޮށް ހެދުމެވެ. ރޭ ފެނުނީ އެމްޑީޕީގެ އަސްލު ސިފައިގައި އެޕާޓީ މަގުމައްޗަށް ނުކުތް ތަނެވެ.
ނަމަވެސް އެމްޑީޕީން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއަދަކީ ރައީސް މައުމޫނުގެ ދުވަސްވަރު ނޫން ކަމެވެ. ހަމަޖެހުން ނަގައިލުމާއި، ސަލާމަތީ ބާރުތަކާ ކުރިމަތިލައި އަނިޔާވެރިކަން އިސްކުރުމާއި، ހަލަބޮލިކޮށްލުމަކީ މިއަދުގެ ދިވެހިން ބަލައިގަންނާނެ ކަންކަން ނޫން ކަމެވެ.
މިއަދު ސިޔާސީ ކަންކަން ކުރަން ބޭނުންވަނީ ފިކުރުގެ ބާޒާރުގައި ހިޔާލުތައް ހުށަހަޅައިގެން އެކަންކަމާ ބަހުސްކޮށް ވާހަކަދައްކައި މަޝްވަރާކުރުމަށްފަހު ރައްޔިތުން ވޯޓު ފޮށިން ގޮތެއް ނިންމައިގެންނެވެ. ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންނެވެ. ވޯޓުންނެވެ. މަގުމަތިންނެއް ނޫނެވެ. މި ހަގީގަތް ގަބޫލުކޮށް ސިޔާސީ މަސައްކަތްކުރާ ގޮތް ޒަމާނާ ފައިހަމަވާނެހެން އެމްޑީޕީން ބަދަލުކުރަންޖެހެއެވެ.