ENGLISH

29 އޮކްޓޯބަރު 2025

Advertisement

ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރަންޖެހޭ، ހަމަނުޖެހުން ހިންގުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅުއަޅަންޖެހޭނެ: ޕީއެންސީ

04 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ޕީއެންސީން ކުރިއަށްގެންދިޔަ ހިނގާލުމެއްގެ ތެރެއިން، ފޮޓޯ: ޕީއެންސީ

ދިވެހި ރައްޔިތުން ވޯޓު ފޮށިން ނިންމާފައިވާ ޑިމޮކްރެޓިކް ނިންމުން ބަދަލުކުރަންޖެހޭނީވެސް ވޯޓު ފޮށިންކަމަށާއި، އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ހިންގި ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއަޅަންޖެހޭކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ބުނެފިއެވެ. 

އެޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީން ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން ހިންގި ގާނޫނާ ހިލާފު އަނިޔާވެރި އަމަލުތައް ކުށްވެރިކުރާ ކަމަށެވެ. އިދާރާތަކާއެކު ކުރިއާލައި މަޝްވަރާކޮށް، ވަކި މަގަކުން ހިނގައިލުން ކުރިއަށްގެންދަން އެއްބަސްވުމަށްފަހު، އެ އެއްބަސްވުމާ އެމްޑީޕީން ގަސްތުގައި ހިލާފުވި ކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ. 

އަދި މުޒަހަރާވެރިން މަނާ ސަރަހައްދުުތަކަށް ވަދެގަންނަން އުޅެ، ބެރިކޭޑުތައް ހަލާކުކޮށް، ފުލުހުންނާ ދިމާލަށް ގަލާއި ފުޅި އުކައި، ފުލުހުންގެ ޝީލްޑުތައް އަތުލަން މަސައްކަތްކުރިކަން ފާހަގަކޮށް، ޕީއެންސީން ބުނެފައިވަނީ އެއީ ދުރާލައި ރޭވިގެން، ގަސްތުގައި ހިންގި އުދުވާނުގެ އަމަލެއްކަމަށާއި، އެ އަމަލުގެ ބޭނުމަކީ ހަމަނުޖެހުން އުފައްދައި އާއްމު ނިޒާމަށް ބުރޫއަރުވައި އިސްތިގުރާރު ނަގައިލުން ކަމަށެވެ. 

އަދި އެމްޑީޕީން އަތޮޅު ތެރެއިން ވަރަށް ގިނަ ބަޔަަކު ގެނައުމަށްފަހު، ކާބޯތަކެއްޗާއި މާލޭގައި ތިބެވޭނެ ގޮތެއް ހަމަނުޖައްސައި، މަގުމަތިކޮށްލިކަމުގެ ރިޕޯޓުތަކެއް ލިބިފައިވާކަމަށާއި، އެގޮތަށް ރައްޔިތުން ސިޔާސީ ބޭނުންތަކަށް ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު ދައްޗާއި ތުރާލުގެ ތެރެއަށް އެއްލަައިލުމަކީ ޣައިރު ޒިންމާދާރު ކަމެއް ކަަމަށް ޕީއެންސީން ބުންޏެވެ. އަދި އެކަމުން ކަޝްފުވަނީ އެމްޑީޕީން ތަމްސީލުކުރާކަމަށް އެ ޕާޓީން ބުނާ ރައްޔިތުންގެ ހައްގުތަކަށް އެއްވެސް މިންވަރަކަށް ރިއާޔަތްނުކުރާކަން ކަމަށްވެސް ޕީއެންސީން ފާހަގަކުރިއެވެ. 

ރާއްޖޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގު އޮންނާނެކަމުގެ ޔަގީންކަން ދެމުން، އެ ޕާޓން ބުނީ އެއްވެ އުޅުމުގެ ހައްގަކީ އަނިޔާވެރިކަމާއި މުދަލަށް ގެއްލުންދިނުމާއި ފުލުހުންނަށް ހަމަލާދިނުމަށް ދެވޭ ހުއްދަދެއް ނޫން ކަމަށެވެ. އަދި ރޭ ނިއުޅިގެންދިޔައީ އެއްވެސް ހާލެއްގަައި ޑިމޮކްރެޓިކް ތައުބީރުކުރުމެއް ނޫންކަމަށާއި، އެއީ ރޭވިގެން ނިޒާމު ނަގައިލައި، ގައުމުގައި އޮތް ހަމަޖެހުން ނެތިކޮށްލުމަށް ހިންގި އަމަލުތަކެއް ކަމަށް އެ ޕާޓީން ބުންޏެވެ. 

މިނިވަން އިންސާފުވެރި އިންތިހާބުތަކުން ރައްޔިތުން ބޭނުންވާ ގޮތް ކަނޑައަޅާފައިވާ ކަމަށާއި، އެ ނިންމުމަށް އިހުތިރާމުކުރަންޖެހޭކަން ފާހަގަކޮށް، ޕީއެންސީން ބުނެފައިވަނީ، ހަގީގީ ސިޔާސީ ބަދަލު އަންނަންޖެހޭނީ ޑިމޮކްރެޓިކް މުއައްސަސާތަަކުގެ ތެރެއިން ބިނާކުރަނިވި ބަހުސްތަކަށްފަހު، ވޯޓު ފޮށިން ކަމަށެވެ. ހަވަރު އެއްކޮށް މަގުމަތީ ހިންގާ ހަމަނުޖެހުންތަކުން ހަގީގީ ބަދަލު ނުގެނެވޭނެ ކަމަށެވެ. 

ރޭ ފުލުހުންގެ ހިދުމަތުން މުޒާހަރާ ކޮންޓުރޯލުކުރުމުގައި ދައްކުވައިދިން ޕްރޮފެޝަނަލިޒަމަށް އެ ޕާޓީން ތާރީފުކުރިއެވެ. ޕީއެންސީން ބުނި ގޮތުގައި ފުލުހުން ހަރަކާތްތެރިވީ ގާނޫނީ އިމުގެ ތެރޭގައި، މުނާސަބު ގޮތުގައި، ރަނގަޅު އުސޫލުތަކުަގއި ހިފަހައްޓައިގެން އާއްމުންގެ ސަލާމަތަށް ރިއާޔަތްކޮށްގެންނެވެ. އަދި ސަލާމަތީ ބާރުތަކަށް ދޭ ކޮންމެ ހަމަލާއަކީ ހުރިހާ ދިވެހިންނަށް ދޭ ހަމަލާއެއްގެ ގޮތުގައި ސިފަކޮށް އެ ޕާޓީން ބުނީ އެފަދަ ހަމަލާއެއް ތަހައްމަލުކޮށްގެންނުވާނެ ކަމަށެވެ. 

މި ގައުމުގެ ރައްޔިތުން އިހުތިޔާރުކުރީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުންކަން ފާހަގަކޮށް އެ ޕާޓީންވަނީ ރޭގައި ހިނގި ހަމަނުޖެހުންތަކަށް ޒިންމާވާންޖެހޭ އެންމެނާމެދު ގާނޫނީ ފިޔަވަޅުއެޅުމަށް ޕީއެންސީން ގޮވައިލިއެވެ. އަދި ސިޔާސީ އިންތިހާޒީން ބޭނުންވާ ގޮތަށް ގައުމު ފަހަތަށް ގެންދިއުމުގެ ފުރުސަތު ދިވެހިން ނުދޭނެކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެެވެ. 

ކިޔުންތެރިންގެ ހިޔާލު