ENGLISH
29 އޮކްޓޯބަރު 2025
މަސް ދުވަހު އިޝްތިހާރުކޮށް، އަތޮޅު ތެރެ އަތްފުނާއަޅައިން އެމްޑީޕީއަށް އެއްކުރެވުނީ 1،300 މީހުން
04 އޮކްޓޯބަރު 2025
|
ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއަކީ އެ ޕާޓީން މީގެ މަހެއްހައި ދުވަސް ކުރިން އިއުލާނުކުރި އެއްވުމެކެވެ. އެ ޕާޓީން ބުނަމުން އައި ގޮތުން މި އެއްވުމަކީ މިއަދުގެ ސަރުކާރު "ސައިޒްކޮށްލާނެ"، ވެރިކަމަށް ލޮޅުން އަރުވައިލާނެ ބޮޑު އެއްވުމެެވެ. އެއީ ސަރުކާރުގެ މަގުބޫލުކަން ނެތް މިންވަރު ސަރުކާރަށް ދައްކައިލައި، ވެރިކަން މަގުމަތިން ބަދަލުކޮށްލުމަށް ފަށާ ހަރަކާތެއްގެ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި އެ ޕާޓީގެ އިސްވެރިން ގެންދެވީ ސިފަކުރައްވަމުންނެވެ.
"ލޫޓުވާލައިފި" ނަމުގައި މުޒާހަރާ ބާއްވަން ނިންމުމާއެކު، އެ ޕާޓީގެ އިސްވެރިން ކޮންމެ ދުވަހަކުހެން އެކި މީޑިޔާތަކަށް ބަސްދީގަތުން ދެއްވައެވެ. މާލޭގެ މަގުތަކަށް ނުކުމެވަޑައިގެން ލީފުލެޓު ބައްސަވައި ރައްޔިތުންނާ ބައްދަލުކުރައްވައި، ގޭގެއަށް ޒިޔާރަތްކުރައްވައި މުޒާހަރާއަށް ދައުވަތު ދެއްވަމުން ގެންދެވިއެވެ.
އޭގެ އިތުރަށް އަތޮޅު ތެރެއަށް ޕާޓީގެ ވަފުދުތައް ފޮނުއްވިއެވެ. މާލެ ފުރައިލުމަށް ރަށްރަށުން މީހުން ގެނައުމަށެވެ. ރަށްރަށުގެ ރައްޔިތުންނަށް ސަރުކާރު ގޯސްކަން ވިސްނައިދީގެން އަރުމާޒުގައި މާލެއަށް ފައުުޖު ފައުޖަށް މީހުން ގެންނެވޭތޯއެވެ. ލައްކަ މަސައްކަތް ކުރެއްވިއެވެ.
ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި އަތޮޅު ތެރެއިން މި އެއްވުމުގައި ބައިވެރިވުމަށް އަންނަ މީހުންނަށް ފައިސަގެ ކޮންމެވެސް އިނާޔަތެއްވެސް ލިބޭނެ ކަމަށް ބުނެ، އެ އިޝްތިހާރެއްވެސް ރަށްރަށުގައި އޮތީ ވަރަށް ގަދައަށް ފަތުރައިފައެވެ.
އެމްޑީޕީއާ ގުޅިފައިވާ މީޑިޔާ މަންސަތައް މެދުވެރިކޮށް ފާއިތުވި ދެތިން ހަފުތާ ސަރުކާރާމެދު ނުރުހުން އުފެއްދުމަށް ތަފާތު ގިނަ ވާހަކަތައް ލިޔެ ޝާއިއުކުރިއެވެ. ސަރުކާރު ގޯސްވެގެން ހަމަމަގަށް އެޅުވުމަށް އޮތް ހަމައެކަނި މަގަަކީ މަގުމަތީ ހަރަކާތް ކަމުގައި ދައްކުވައިދިނުމަށް ވަަރަށް މަސައްކަތްކުރިއެވެ. އެކަމަށް ދީނީ ގާނޫނީ އަދި ސިޔާސީ ނަޒަރުން ބާރުދެވޭ ގޮަތަށް ދެއްކޭނެ ވާހަކައެއް އޮތްނަމަ އެ ވާހަކައެއް އޮތީ ދައްކައިފައެވެ.
ފައިސާއާއި ވަގުތާއި ހަކަތަ ހޭދަކޮށްގެން، ބަޔަކު ނުކުންނާނެނަމަހީ ރޭ މާލޭގެ މަގުތައް ފުރި ބާރުވީހެވެ. އެމްޑީޕީން ވިއްކާ ހިޔާލާއި ފިކުރާއި ވާހަކަތައް ރައްޔިތުން ބަލައިގަންނަނަމަ ރޭ ސަރުކާރަށް ލޮޅުން ނާރައި ނުދިޔައިހެވެ. ނަމަވެސް ފެނުނު ހަގީގަތަކީ އަތޮޅު ތެރެއިން އެކި ރަށްރަށުން މާލެއަށް ގެނައި މީހުންނާއެކު ރޭ އާޓިފިޝަލް ބީޗަށް އެއްކުރެވުނީ ގާތްގަނޑަކަށް 1،300 އެއްހައި މީހުންނެވެ.
މިހައި މަސައްކަތްކޮށް، ވަގުތާއި ފައިސާ ހޭދަކޮށްގެން މިހައި މަދު އަދަދެއްގެ މީހުން އެއްކުރެވުމުން ފެންނަ ހަގީގަތަކީ އެމްޑީޕީން ދަމައިލި ގުއިރޯނުގައި ޖެހޭ މިންވަރަށްވުރެ ދިވެހިން މިހާރު ލޯހުޅުވި ކަންކަން ވާގޮތް ދެނެގަނެ ކަންކަމުގެ ދެފަރާތަށް ބަލައި ވިސްނައި ފިކުރުކުރާ ކަމެވެ.
"ލޫޓުވާލައިފި" ޝިއާރުގެ ދަށުން މަގުތަކަށް އެމްޑީޕީ ނުކުންނައިރު، ސަރުކާރު ހިންގަން އެ ޕާޓީއަށް ލިބުނު ވަގުތު ކަންކަން ހިންގި ގޮތާއި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެމްޑީޕީގެ ވެރިކަމުގައި ދީފައި ހުރި ބޮޑެތި ގެއްލުން މިއަދު ރައްޔިތުންނަށް އެނގެއެވެ. އެހެންވީމާ މި ޝިއާރުގެ ދަށުގައި އެމްޑީޕީގެ ދިދައިގެ ހިޔަލުގައި ނުކުންނަންވީ ސަބަބެއް ނެތްކަން އެ ރައްޔިތުން މިއަދު ގަބޫލުކުރެއެވެ.