ENGLISH
03 އޮކްޓޯބަރު 2025
ހަންކެޑެ ބީލަމަށް ހުޅުވައިލާ، މި އަހަރު ތެރޭ ރިސޯޓު ހަދަން ފެށުމަށް މަސައްކަތްކުރާނަން: ތާރިގު
02 އޮކްޓޯބަރު 2025
|
މިނިސްޓަރ ތާރިގު އިބްރާހީމް، ފޮޓޯ: ނުކުތާ
އައްޑޫ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އެ އަތޮޅު ހަންކެޑެގައި ރިސޯޓު ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލައި، އިންވެސްޓަރަކު ހޯދައިގެން ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފެށުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަަތް ކުރީ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީއާއި ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަނުގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައި އޮތީ އެ ކުންފުންޏާއެވެ. އެ ކުންފުނިން ޗައިނާގެ ބަޔަކާއެކު ހަންކެޑެގައި ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަނުޖެހުމުގެ ސަބަބުން މަޝްރޫއު ފެށިފައިނުވެއެވެ.
ފަހުން ރައީސް ޑރ.މުޙައްމަދު މުޢިއްޒުވަނީ ހަންކެޑެ އިސްލާމިކް ޓޫރިޒަމް ތަރައްގީކުރަން ހާއްސަކުރި ޒޯންތަކުގެ ތެރޭގައި ހިމަނުއްވާފައެވެ. ނަމަަވެސް ރޭ ރައީސްވަނީ ހަންކެޑަ ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކޮށް އަދި ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅި ޤަރާރު އުވައިލައްވާފއެވެ. އަދި ހަލާލު ޓޫރިޒަމް ތަރައްގީކުރަން ހުޅުވައިލި ރަށްތަކުގެ ލިސްޓުން ހަންކެޑެ އުނިކޮށްފައިވެއެވެ.
އެއާއެކު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ތާރިގު ވިދާޅުވީ އެ ރަށް އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރުމަށް ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
އަދި އެ ރަށުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓެއް ތަރައްގީކުރުމަށް ބީލަމަށް ހުޅުވައިލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ޓޫރިޒަމް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމުގައިވެސް ތޯރިގު ވިދާޅުވިއެވެ. އަދި ސަރުކާރގެ އަމާޒަކީ ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފަށައިގަނެ، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މި ދައުރުގައި އެރަށް އޮޕަރޭޝަނަށް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރަށް ހަލާލު ޓޫރިޒަމް ތައާރަފުކުރުމަށް އައްޑޫން ހަންކެޑެގެ ބަދަލުގައި އެހެން ސަރަހައްދެއް މިހާރު ކަނޑައަޅާފައިވެއެވެ. އެއީ އެ އަތޮޅު ދޮންހެރައެވެ. މިއަދު އެ ރަށް ބީލަމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވައިލާނެ ކަމުގައިވެސް ތޯރިގު ވިދާޅުވިއެވެ.
ހަންކެޑެގައި ޓޫރިޒަމް ތަރައްގީކުރުމަކީ ވަރަށް ކުރީއްސުރެ ސަރުކާރުތަކުން ދައްކަމުން އައި ވާހަކައެކެވެ. ފުވައްމުލަކު ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކުރި ނަމަވެސް އެ ކުންފުންޏަށް މަސައްކަތް ނުކުރެވިގެން ސަރުކާރަށް ޖެހުނީ ރަށް ނަގާށެވެ.
އޭގެ ފަހުން 2008 ވަނަ އަހރު ހާފް ޑިގުރީ ކިޔާ ކުންފުންޏަކާ އެރަށް ހަވާލުކުރިއެވެ. އެ ކުންފުންޏަށްވެސް ސާމްޕަލް ކޮޓަރިއެއް ތައްޔާރުކުރުން ފިޔަވައި އިތުރުކަމެއް ނުކުރެވުނެވެ. އޭގެ ފަހުން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އެ ރަށް ތަރައްގީކުރުމަށް މަސައްކަތްކުރި ނަމަވެސް އެކަންވެސް ކާމިޔާބުނުވިއެވެ.
އައްޑޫގައި ހުޅުވި ރިސޯޓުތަކުގެ ތެރެއިން 2020 ވަނަ އަހަރު ބަންދުކުރި ގޮތަށް ނުހުޅުވި އޮތް ޝަންގްރިލާ ވިލިނގިލި ރިސޯޓު މި އަހަރުުގެ ނިޔަލަށް އަލުން ހުޅުވިގެންދާނެކަން ސަރުކާރުން މިހާރުވަނީ އިއުލާނުކޮށްފަައެވެ. އެ ރިސޯޓު ހުޅުވުމަކީ އައްޑޫ ރައްޔިތުންގެ ބޮޑު ޝަކުވާއެއް ހައްލުވުމެވެ. ހަންކެޑެ ތަރައްގީވުން ވެގެންދާނީ އައްޑޫ ރައްޔިތުންގެ އިތުރު ޝިކާޔަތަކަށް ހޯދައިދެވޭ ތަސައްލީއަކަށެވެ.